ރަސްމާލެ މަޝްރޫޢާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވައިލައި އެއްވުމެއް ބާއްވަނީ

27 Oct 2026 | 16:27
ފޮޓޯ: އަދަދު

ފޮޓޯ: އަދަދު

ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރަށް ބާރުއެޅުމުގެ ގޮތުން ނޮވެމްބަރު މަހު ހައެއް ވާ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވާނެ ކަމަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިއަދު އިޢުލާންކޮށްފިއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހަރަކާތުގެ އިސް ބޭފުޅެއް ކަމަށްވާ ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން އުޅޭ މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާ މެދު ބޮޑެތި ސުވާލުތަކެއް ފެންމަތިވާ ކަމަށެވެ. އެކި ނަސްލުތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުވުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުން ލާޒިމުވާ ކަމަށް ވެސް ޢިމްރާން ވިދާޅުވިއެވެ.

"އަދި މިކަމުގެ ސަބަބުން، މި ހިންގަން އުޅޭ ކަންކަން އެ ބޭފުޅުން ތަރުތީބުކުރާ ގޮތަށް ހިނގައިފިކަމުގައިވާ ނަމަ ދިވެހި ރައްޔިތުންނަކީ ދުވަސްކޮޅެއްގެ ތެރޭގައި ނޫނީ އަހަރުތަކެއްގެ ތެރޭގައި އަޅުވެތިކަން އިހުސާސް ކުރަންޖެހޭ ބަޔަކަށް ވެދާ ފަދަ ބޮޑު މައްސަލައެއް،" ޢިމްރާން ވިދާޅުވިއެވެ.

އެ ހަރަކާތުގައި ދެން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ހިއްކި ރަސްމާލޭގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުން ކަމަށާއި، ރައްޔިތުންގެ ރުހުމެއް ނެތި ބޭރު ބަޔަކަށް އެ ބިން ނުދެވޭނެ ކަމަށެވެ. އެހެން ދީންތަކުގެ މީހުންނާއި ޒަޔަނިސްޓުންނަށް ރަސްމާލެ ބިމުން މިލްކުވެރިކަން ދިނުމަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވެސް ޢަލީ ސިފަކުރެއްވިއެވެ.

"އެހެންވީމާ ދިވެހި ރައްޔިތުންގެ ބިން ދިވެހި ރައްޔިތުންގެ ގާތު ނާހައި ވިއްކައިގެން ނުވާނެ، އެއީ އަޅުގަނޑުމެން ދައްކާ ވާހަކަ، އެކަމަށް އަޅުގަނޑުމެން ޑިމާންޑުކުރަނީ، ތިޔަ އެގްރީމެންޓުގައި ސޮއިކުރުމުގެ ކަންތައް އިހަށް މަޑުޖައްސައިލައިފައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހާށޭ އިނގޭތޯ،" ޢަލީ ވިދާޅުވިއެވެ.

ޢަލީ ވަނީ ރަސްމާލެ އެއްބަސްވުމުގައި ސޮއިކުރުން ލަސްކުރުމަށް ރައީސަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހަށާއި، ފެންނަ ނުފެންނަ ވޯޓެއް ބާއްވަން ރައީސަށް ދެންނެވުމަށް ސުޕްރީމް ކޯޓަށް ވެސް ގޮވައިލައްވައިފައެވެ. ވޯޓުގެ ޚަރަދު ސަރުކާރަށް ނުކުރެވޭ ނަމަ ޓެލެތޯނެއް ބާއްވައިގެން ވިޔަސް އެ ފައިސާ ހޯއްދަވާނެ ކަމަށް ޢަލީ ވިދާޅުވިއެވެ.

ރަސްމާލެ ބިމުން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ބެހޭ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށް އެދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަޖިލީހަށް ހުށަހެޅި ޤަރާރު ވަނީ އިއްޔެ ބޭރުކޮށްލައިފައެވެ. އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލް އަލްޢައްބާރު ވަނީ، މި މަޝްރޫޢުގެ ތަފުސީލީ ފަހު އެއްބަސްވުމުގައި ނޮވެމްބަރު 11 ވަނަ ދުވަހު، ޖުމްހޫރީ ދުވަހު ސޮއިކުރެއްވުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް