ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
މިކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަމަށް ކޯޓުގައި އެދުނީ އެ ހުކުމާއި ގުޅޭ ބައެއް ކަންކަން ބަލައި ދިނުމަށް ނަޝީދުގެ ފަރާތްޕުޅުން ބައެއް މީހުން އެ އޮފީހުގައި އެދެމުންދާތީ ކަމަށެވެ. ޕީޖީ އޮފީހުން އެދިފައި ވަނީ ނަޝީދުގެ މައްސަލައިގައި ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުގައި ފާހަގަ ކުރެވޭ ކަންކަން ބަލައި އަލުން މުރާޖައާ ކޮށްދިނުމަށެވެ.
ޕީޖީ އޮފީހުން ބުނީ ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އާންމު މަސްލަހަތު މަތީ ދަރަޖައަކަށް ހިމެނިގެންވާ މައްސަލައެއް ކަމަށެވެ.
ނަޝީދުގެ މައްސަލަ މުރާޖައާ ކޮށްދިނުމަށް ޕީޖީ އޮފީނުން ސުޕްރީމް ކޯޓުގައި އެދިފައި މި ވަނީ ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލު ކުރުމަށް ޕީޖީ އަށް އިލްތިމާސް ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅާފައި ވަނިކޮށެވެ.
ނަޝީދުގެ ހުކުމް ބާތިލް ކުރުމުގެ ގަރާރު މިދިޔަ ބުދަ ދުވަހު މަޖިލީހަށް ފޮނުވުމާ އެކު ރައީސް އަބްދުﷲ ޔާމީން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު މައްސަލައިގައި ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއެއް ކްރިމިނަލް ކޯޓުން ބަނީ ބޭރުކޮށްފަ އެވެ.
ނަޝީދުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ބުނެފައި ވަނީ އެ މަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކަމަށެވެ.
ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވާކަމަށް ކަނޑައެޅީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދު ކުރި މައްސަލައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް