ޔަމަނުގެ ޝީއީ ދަރިކޮޅެއް ކަމަށްވާ ހޫތީންނާއި ޤިފާ ދަރިކޮޅާ ދެމެދު ތަޅާފޮޅުން ހިނގަމުން އަންނަތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ފާއިތުވި 3 ދުވަހު 250 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ޔަމަނުގެ ސެކިއުރިޓީ އޮފިޝަލުން ހާމަކޮށްފި އެވެ.
ހަމަނުޖެހުން ހިނގަމުން އަންނަނީ ޔަމަނުގެ ރައްދާ ސަރަހައްދުގައެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވާ ސެކިއުރިޓީ އޮފިޝަލުން އިއްޔެ ބުނީ ހަމަނުޖެހުން އަންނަނީ ވަރުގަދަވަމުން ކަމަށާއި ކޮންޓްރޯލް ކުރެވޭނެ ކަމުގެ މާ ބޮޑު ޔަގީންކަމެއް ނެތް ކަމަށެވެ.
މި ހަމަނުޖެހުން ފެށުނުތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މީގެ ކުރިން ސިފައިންވަނީ ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ކޮންޓްރޯލް ކޮށްފަ އެވެ. އޭރު ހޫތީން ތިބީ ޔަމަނުގެ ސަނާ ސަރަހައްދުގަ އެވެ. ނަމަވެސް ސަނާ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިން ވަނީ އެމީހުންނަށް ހޫތީން ކޮންޓްރޯލް ނުކުރެވޭނެ ކަމަށްބުނެ އަމާން ދީފަ އެވެ.
މެދުއިރުމަތީގެ މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ހޫތީންނާއި އިރާނުގެ ހަނގުރާމަވެރިންނާ ގާތް ގުޅުމެއް އޮވެއެވެ. އަދި އިރާނުން ހޫތީންނަށް ހަތިޔާރުގެ އެހީތެރިކަންވެސް ފޯރުކޮށްދެ އެވެ. ހޫތީން މަސައްކަތް ކުރަމުން އަންނަނީ ހޫތީންނާ ދެކޮޅު ދަރިފަސްކޮޅުތައް ނައްތާލުމަށާއި ޔަމަނުގައި ހަރަކާތްތެރިވާ އަލްގައިދާގެ ގޮފި ނައްތާލުމަށެވެ.
ޔަމަނުގައި ހަމަނުޖެހުން ހިނގަމުން އަންނައިރު އެގައުމުގެ ރައީސް އާބިދު ރައްބޯ މަންސޫރު ހާދީ އިއްޔެ ބުނެފައިވަނީ ގައުމުގައި އަމަންއަމާންކަން ގާއިމް ކުރާނެ ކަމަށްބުނެ ސަރުކާރާއެކު ހޫތީން އެއްބަސްވުމަކަށް އައުމަށްފަހު ހަތިޔާރާއެކު މިހާރު ހިންގަމުން އަންނަ ޖަރީމާތައް ބަލައިނުގަންނާނެ ކަމަށާއި ހޫތީންނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް