ރާކީ ސާވަންތު --
އިންޑިއާގެ ޓީވީ ތަރި ރާކީ ސާވަންތު ހައްޔަރު ކުރުމުގެ އަމުރެއް އުއްތަރް ޕްރަދޭޝްގެ ޖާންސީގެ ކޯޓަކުން ނެރެފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި އަމުރު ނެރެފައިވަނީ ކަފާލާތުގެ ހައްގު ނުލިބޭގޮތަށެވެ. އެގޮތަށް ކޯޓުން އަމުރު ކުރީ އެތައް ފަހަރަކު ކޯޓަށް ހާޒިރު ވުމަށް ޗިޓު ފޮނުވުމުންވެސް ހާޒިރުވެފައި ނުވާތީ އެވެ.
އޭނާއާ ދެކޮޅު މައްސަލައެއް ކޯޓުގައި ކުރިޔަށް ދަނީ 2010 ވަނަ އަހަރު ޓީވީ ޝޯއެއްގައި ދެއްކި ވާހަކަ އަކާއި ގުޅިގެން މީހަކު އަމިއްލައަށް މަރުވުމުގެ ޒިންމާ އޭނާ ނަގަން ޖެހޭ ކަމަށް ބުނެ އެވެ.
މި މައްސަލައަކީ ޖާންސީގެ ހަންސަރީ ޕްރޭމް ނަގަރުގައި ދިރިއުޅުނު ލަކްޝްމަން އަހިރްވާރު 2010 ވަނަ އަހަރުގެ ނޮވެމްބަރު 10 ގައި އަމިއްލައަށް މަރުވި މައްސަލަ އެވެ. ރާކީގެ "ރާކީ ކާ އިންސާފް" ނަމަކަށް ކިޔާ ޓީވީ ޝޯގައި އޭނާ ބުނި ބަސްތަކުން ލަކްޝްމަނަށް ލަދުގަންނަން ޖެހި މީހުންގެ ފުރައްސާރައާ ކުރިމަތިވެ އަމިއްލައަށް މަރުވާން ނިންމީ ކަމަށްވެ އެވެ.
ލަކްޝްމަންގެ މަންމަ ސާވިތުރީ، އިންޑިއާގެ ޕްރޭމް ނަގަރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޓީވީން އެ ޝޯ ދެއްކުމާ އެކު އާންމުންގެ ފަރާތުން އަމާޒުވި ފުރައްސާރަ އާއި ލިބުނު ނަފްސާނީ އަނިޔާގެ ސަބަބުން އޭނާގެ ދަރިފުޅު ޑިޕްރެޝަނަށް ގޮސް، 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަމިއްލައަށް މަރުވީ ކަމަށެވެ. އެއާ އެކު ރާކީގެ މައްޗަށް ވަނީ އަމިއްލައަށް މަރުވާން ހިތްވަރުދިނުމުގެ ދައުވާ އުފުލައިފަ އެވެ.
މި މައްސަލައިގެ ދެން އޮތް އަޑުއެހުން ބާއްވާނީ ޑިސެމްބަރު 1 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް