ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު -- ފޮޓޯ: ރައީސް އޮފީސް
ރަސްމާލޭގެ ބޮޑު ސަރަހައްދެއް ޔޫއޭއީގެ އީގަލްހިލްސްއަށް ދިނީ އޯޕަން ބިޑިންއަށް ނުގޮސް، އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫޢުތަކާ ގުޅޭ އުސޫލުން ކަމަށް ހައުސިން މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ފޮނުއްވި ޖަވާބެއްގައި ވިދާޅުވެފިއެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މި ވާހަކަ ވިދާޅުވެފައިވަނީ ގަލޮޅުއުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ފޮނުއްވި ސިޓީއަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ. ކުޑޫ ސުވާލުކުރެއްވީ، އެ ސަރަހައްދު 99 އަހަރަށް އެ ކުންފުންޏަށް ދިނުމަށް ނިންމި އިރު، އެހެން އިންވެސްޓަރުންނަށް ހުޅުވާލައިގެން ޢާންމު ބީލަމަކަށް ނުދިޔައީ ކީއްވެގެންތޯއެވެ.
"މޯލްޑިވްސް މެރީނާ އެންޑް ވޯޓާ ފްރޮންޓް" ގެ ނަމުގައި ހިންގާ މި މަޝްރޫޢަކީ 20 ބިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. އެއީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ޕްރޮޕޯސަލް ހުށަހަޅާނެ ގޮތުގެ އުސޫލުތައް ބަޔާންކޮށްފައިވަނީ މާލިއްޔަތު ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ނ) ގައެވެ.
މިއީ ރާއްޖޭގައި އެކި މަޝްރޫޢުތައް ހިންގުމުގައި މިހާރުވެސް ޢަމަލުކުރާ އުސޫލެކެވެ.
"...އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 10.22 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލު (ޕީއެސްއައިޕީ އުސޫލު)ގެ ދަށުންނެވެ،" ސިޓީގައި މުއްތަލިބު ވިދާޅުވިއެވެ.
ކުޑޫ ވަނީ އެ ކުންފުނިން މަޝްރޫޢަށް އިންވެސްޓްކުރާނެ ތާވަލެއް ވެސް ހުށަހެޅުމަށް އެދިވަޑައިގެންނެވިއެވެ. ޖަވާބުގައި މިނިސްޓަރު ވިދާޅުވީ "އިންވެސްޓްމެންޓް ތާވަލުގެ ތަފްސީލު ބަޔާންކުރާނީ މައިގަނޑު އެއްބަސްވުމުގައި" ކަމަށެވެ. މަޝްރޫޢު ނުނިމިއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ ތަފްސީލުވެސް ހިމެނޭނީ އެ އެއްބަސްވުމުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސިޓީގައި ހިމެނުނު އެހެން ގިނަ ސުވާލުތަކަށް ވެސް މިނިސްޓަރު ވަނީ ސާފުކޮށް ޖަވާބު ދެއްވާފައެވެ. ބައެއް ސުވާލުތަކާ ގުޅިގެން ވިދާޅުވީ، ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެއްބަސްވުމުގެ މައިގަނޑު މާއްދާތަކުގެ ތަފްސީލު މިހާރު ޢާންމުވެފައިވާ ކަމަށެވެ.
މަޝްރޫޢުން ލިބޭނެ މާލީ މަންފާތަކާއި އިޤްތިޞާދީ ފައިދާތަކާ ބެހޭ ލަފާކުރުންތަކުގެ ތަފްސީލުވެސް މިނިސްޓަރު ވަނީ ހިއްސާކުރައްވާފައެވެ. އެ ތަފްސީލްތައް މީގެ ކުރިން ސަރުކާރުން ވަނީ އެކި ގޮތްގޮތުން ހާމަކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް