އާންމުންނަށް އުނދަގޫ ކުރަމުންދާ ފައިރިޝްއާ ގުޅޭގޮތުން ސައީދު ހަދާފައިވާ ޕޯސްޓަރުތައް --
ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ދިރިއުޅޭ މީހުންނަށް އުނދަގޫކުރަމުން ދިޔަ ހއ. ހޯރަފުއްޓަށް ނިސްބަތްވާ އަހުމަދު ފައިރިޝްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.
އޭނާ އިއްޔެ ހައްޔަރު ކުރީ އާންމުން ކުރި ޝަކުވާތަކާއި ގުޅިގެންނެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާ ބަންދުގައި ބަހައްޓާނީ އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ބިރުދެއްކުމާއި، މުދަލަށް ގެއްލުންދިނުމާއި، މާރާމާރީ ހިންގުމާއި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައެވެ.
ފައިރިޝް މިފަހަރު ހައްޔަރުކުރީ ބީއެމްއެލްގެ ހެޑް އޮފް މާކެޓިން އެންޑް ސްޓްރެޓެޖީ މުޙައްމަދު ސައީދު އިއްޔެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވައި، އެ މައްސަލައަށް ސަމާލުކަން ގެނައުމުންނެވެ. ޖެއްސުމާއި ފުރައްސާރަކުރުން ބޮޑުވެ، ހުރިހާ މުއައްސަސާއަކަށް ހުށަހެޅި ނަމަވެސް ހައްލެއް ނުލިބުމުން އެގޮތަށް ނުކުންނަވަން މަޖުބޫރުވީ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ދިރިއުޅުއްވާ ގެ ހުންނަ ސަރަހައްދުގައި ފައިރިޝްގެ އުނދަގޫ ކުރިމަތިވާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ސަރަހައްދުގެ އެތައް ބަޔަކު އެކަމުގެ ޝަކުވާ ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. މަގުން ހިނގާ އަދި ދުއްވާ މީހުންނަށް ފުރައްސާރަކޮށް ޖެއްސުންކުރާތީ، ފާއިތުވި ދެ އަހަރުގެ ތެރޭގައި ފައިރިޝްގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ރިޕޯޓުކުރި ކަމަށްވެސް ސައީދު ވިދާޅުވެފައިވެއެވެ.
ފައިރިޝް މީގެ ކުރިންވެސް މީހަކަށް ބިރުދައްކައި މުދަލަށް ގެއްލުންދިން މައްސަލައެއް ހިމެނޭ ގޮތަށް އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް މިފަހަރުގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާއާ މެދު ކުރާ ހުރިހާ ތުހުމަތަކަށް އޭނާ އިންކާރުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް