އިންޑިއާ މުބާރާތުގައި ބައިވެރިނުވާ ވާހަކަ ސާފްއިން ދޮގުކޮށްފި

18 Oct 2026 | 09:36
އިންޑިއާގެ ގައުމީ ޓީމު މީގެ ކުރިން ބައިވެރިވި ސާފް ޗެމްޕިއަންޝިޕް މުބާރާތެއްގައި އެއްވަނަ ލިބިގެން އުފާފާޅު ކުރަނީ --

އިންޑިއާގެ ގައުމީ ޓީމު މީގެ ކުރިން ބައިވެރިވި ސާފް ޗެމްޕިއަންޝިޕް މުބާރާތެއްގައި އެއްވަނަ ލިބިގެން އުފާފާޅު ކުރަނީ --

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނަގާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރި ވާހަކަ ދޮގުކޮށް، އެ ޤައުމުން މުބާރާތުގައި ވާދަކުރާނެކަން ސައުތު އޭޝިއަން ފުޓުބޯޅަ ފެޑަރޭޝަން (ސާފް) އިން ކަށަވަރުކޮށްދީފިއެވެ.

ސާފް ނެރުނު ބަޔާނެއްގައި ބުނީ، މި ކަމާ ގުޅިގެން އިންޑިއާގެ ފުޓުބޯޅަ ފެޑަރޭޝަނާ ވާހަކަ ދައްކާފައިވާ ކަމަށާއި، މިފަހަރުގެ މުބާރާތުގައި އެ ޤައުމު ބައިވެރިވާނެ ކަމަށެވެ. އަދި ޙަޤީޤަތް ނޭނގޭ ވާހަކަތައް ރިޕޯޓު ނުކުރުމަށް މީޑިއާތަކަށް އެ އިދާރާއިން ނަޞޭޙަތްތެރިވެފައިވެއެވެ.

މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ރަނގަޅަށް ކުރިއަށްދާ ކަމަށް ވެސް ސާފްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބާއްވާ މިއަހަރުގެ މުބާރާތަށް އިންޑިއާއިން ފޮނުވާނީ 19 އަހަރުން ދަށުގެ ޒުވާން ޓީމެކެވެ. އެއީ ސީނިއާ ގައުމީ ފުޓުބޯޅަ ޓީމު އަންނަ މަހުގެ ފީފާ ބްރޭކުގައި ނިއުޒިލެންޑާ ދެކޮޅަށް ދެ އެކުވެރި މެޗެއް ކުޅެން ހަމަޖެހިފައިވާތީއެވެ. އަންނަ މަހުގެ 12 އަދި 15 ގައި ކުޅޭ އެ މެޗުތަކަކީ އިންޑިއާއިން ނިއުޒިލެންޑުގައި ކުޅޭ ފުރަތަމަ މެޗުތަކެވެ.

މި މުބާރާތުގެ ގްރޫޕް ބީގައި އިންޑިއާއާ އެކު ހިމެނެނީ ރާއްޖެއާއި ޕާކިސްތާނެވެ. މުބާރާތް ކުޅެވޭނީ އަންނަ މަހުގެ 5 އިން 17 އަށެވެ.

ސާފް ޗެމްޕިއަންޝިޕުގެ ތާރީޚުގައި އެންމެ ގިނަ ފަހަރު ތަށި ހޯދާފައިވާ ޓީމަކީ އިންޑިއާއެވެ. 1993، 1997، 1999، 2005، 2009، 2011، 2015، 2021 އަދި 2023 ގައި ތަށި ހޯދައިގެން އެ ޤައުމުން ނުވަ ފަހަރު ޗެމްޕިއަންވެފައިވެއެވެ.

2018 ވަނަ އަހަރު ވެސް އިންޑިއާއިން ޒުވާން ޓީމެއް ފޮނުވިއިރު، އެ އަހަރުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ތަށި ހޯދީ ރާއްޖެއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް