ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު -
ދައުލަތުގެ ލޯ ލާރިއެއްގައިވެސް ޖެހިފައި ނޯންނާނެ ކަމުގައި
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު (ފެނަކަ ސައީދު)
ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން
ނެރުނު އޮޑިޓް ރިޕޯޓާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު
ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ސައީދު ވިދާޅުވެފައިވަނީ މަޤާމާއި
ހަވާލުވި ދުވަހުން ފެށިގެން 17 ނޮވެމްބަރު 2023 ގެ ނިޔަލަށް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ
ބޭނުމަށް ކުރެވިފައިވާ އެންމެހައި ޕްރޮކިއުމަންޓް މުޢާމަލާތްތައް ކުރިއަށް ގެންގޮސްފައިވާނީ
ކުންފުނީގެ އެތެރޭގައި ހެދިފައިވާ އެންމެހައި އުސޫލުތަކާއި ޤަވާއިދުތަކުގެ ތެރެއިން،
ކުންފުނީގެ ބޯޑުން އެކަށައަޅުއްވާފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން ކަމަށެވެ.
"މި ދެންނެވި ގޮތާއި ޚިލާފަށް އެއްވެސް ބަޔަކަށް
މުދަލެއް، ޚިދުމަތެއް، ކޮންޓްރެކްޓެއް އަދި ޕްރޮޖެކްޓެއްވިޔަސް ދީފައިނުވާނެކަމުގެ
ފުރިހަމަ ޔަޤީންކަން ދެން" ސައީދު ވިދާޅުވެފައިވެއެވެ.
އެ މުއްދަތުގައި އަމިއްލަ ބޭނުމަށް ދައުލަތުގެ އެއްވެސް
ފައިސާއެއް ބޭނުންކޮށްފައިނުވާނެކަމާއި ނުހައްޤު އެއްވެސް މަންފާއެއްވެސް ހޯދާފައިނުވާނެކަމުގެ
ޔަޤީންކަން ދެމުން ސައީދު ވިދާޅުވެފައިވަނީ މަޤާމުގައި ހޭދަކުރި ފަސް އަހަރު ދުވަހުގެ
މުއްދަތުގައި ފެނަކައިން ކޮށްފައިވާ އެންމެހައި މުޢާމަލާތްތައް އިންސާފުވެރިކަމާއެކު
ދެފުށް ފެންނަ ގޮތެއްގެ މަތިން، ސިޔާސީ ކުލައެއް ނުޖެހި، ބެލުމަށް މިނިވަން މުއައްސަސާތަކަށް
ގޮވާލާކަމަށެވެ. އަދި އެކަމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަންވެސް
އަރުވާކަމަށެވެ.
"އޮޑިޓް އޮފީސް ފަދަ މިނިވަން މުސްތަޤިއްލު މުއައްސަސާއަކުން،
އެފަދަ ރިޕޯޓެއް ނެރޭއިރު، ކުންފުނިން ލިބެންހުރި ހަޤީޤީ މަޢުލޫމާތު ލިބެން ހުރެމެ،
އެ މަޢުލޫމާތުތައް ނުހޯދައި އަދި އަޅުގަނޑު މި ދުނިޔޭގައި ހުރި އިރު، އަޅުގަނޑުގެ ފަރާތުން
އެކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ނުހޯދައި، އަވަސް އަރުވާލައިގެން ވަކި މަޤްސަދެއް
ޙާސިލް ކުރުމަށް ހަޤީޤަތާއި ޚިލާފު މަޢުލޫމާތު ހިމަނައި، ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަމާއި
ކަމުގެ ހަޤީޤަތް އޮޅޭގޮތަށް މިފަދަ ދަނޑިވަޅެއްގައި ރިޕޯޓްތައް ނެރުއްވުމަކީ ވަރަށް
ޒިންމާދާރުކަން ކުޑަ، އަދި މުއައްސަސާތަކުގެ މިނިވަންކަމާމެދު ރައްޔިތުން ސުވާލު އުފައްދާނޭ
ކަމެއް ކަމުގައި މެނުވީ ނުވާނެ" ސައީދު ވިދާޅުވެފައިވެއެވެ.
ސައީދު އިތުރަށް ވިދާޅުވެފައިވަނީ ޒަމާނުއްސުރެ ރައްޔިތުންނަށް
ތަކްލީފުތަކަކަށް ވެފައި އޮތް ގެދަނބުޅި އިންޖީނުގެތަކާއި ދިގު ގޮނޑީގެ އޮފީސްތަކާއި
ބޮނބިނަރު ނެޓްވޯކްތައް އެންމެ ޒަމާނީ ފެންވަރަށް ބަދަލުކޮށް، އިރުއިރުކޮޅާ ކެނޑެމުންދިޔަ
ކަރަންޓްގެ ޚިދުމަތް ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ކަށަވަރު ކުރެވުނުކަމުގެ
އުފާ އަދިވެސް ލިބޭ ކަމަށާއި އޮޑިޓަރ ޖެނެރަލް ފަދަ މިނިވަން މުއައްސަސާއަކުން، ނެރޭ
މިފަދަ ރިޕޯޓްތައް ވާންވާނީ، ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ ނެރެވޭ މިނިވަން ދެފުށް
ފެންނަ ރިޕޯޓްތަކެއް ކަމުގައިވެސް ފާހަގަކުރާކަމަށެވެ. އަދި އެނޫންނަމަ، ދިވެހި ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީއިން އުފައްދާފައިވާ އޮޑިޓަރ ޖެނެރަލް އޮފީހަށް ދިވެހި ރައްޔިތުން ކުރާ
އިތުބާރު ގެއްލިގެން ދިއުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް