ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ، ނިކް ޖޮނަސް އަށް އެންމެ ކަމުދަނީ އިންޑިއާގެ ބޮލީވުޑްގެ ލަވަތައް ކަމަށް ޕްރިޔަންކާ ބުނެފިއެވެ.
އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ، އިންޑިއާގެ ލަވަތަކަށް ފިރިމީހާ ވަރަށް ލޯބިކުރާ ކަމަށާއި، ގިނަ ވަގުތު އަޑު އަހާނީ ހިންދީ ލަވަތައް ކަމުގައެވެ.
ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ބުނިގޮތުގައި، ނިކް ސްޓޭޖެއްގައި ޕާފޯމް ކުރުމުގެ ކުރިންވެސް ގިނައިން އަޑުއަހާނީ ހިންދީ ލަވައެއް ކަމަށާއި، އަބަދުވެސް ލަވަ އަޑުއަހާނީ ހިންދީ ރޭޑިއޯ ޗެނަލަކުން ކަމަށެވެ. ނިކްގެ މޭކަޕްރޫމުގައި ވެސް އަބަދު ޖަހާފައި ހުންނާނީ ބޮލީވުޑްގެ ލަވައެއް ކަމަށްވެސް ޕްރިޔަންކާ ވަނީ ބުނެފައެވެ.
އިންޑިއާ އަށް ނިކް ކުރި އެންމެ ފުރަތަމަ ދަތުރުން ފެށިގެން ނިކް އަކީ އިންޑިއާ ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ. ޕްރިޔަންކާ އާއި ނިކް، ހިންދީ ލަވަތަކަށް ނަށާ ބައެއް ވީޑިއޯ ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
ބޮލީވުޑުން ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސޮނާލީ ބޯސްގެ "ދަ ސްކައި އިޒް ޕިންކް" ފިލްމުންނެވެ. މި ފިލްމް ރިލީޒްކުރާނީ މިއަހަރުގެ އޮކްޓޯބަރު 11 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް