ސުޕްރީމް ކޯޓުގެ ހުކުމުން މައްސަލައަށް ނިމުމެއް ނުގެނެސްދެވުނު: މެންބަރު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މނެންބަރުންތަކެއްގެ ގޮނޑީ ގެއްލިފައިވާ ކަމަށް އިލެކްޝަނުން ނިންމި ނިންމުން ބާތިލް ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގަ އެ ކޯޓުން ކުރި ހުކުމުން މައްސަލައަށް ނިމުމެ...

28 Aug 2017 | 18:44

ރައްޔިތުންގެ މަޖިލީހުގެ މނެންބަރުންތަކެއްގެ ގޮނޑީ ގެއްލިފައިވާ ކަމަށް އިލެކްޝަނުން ނިންމި ނިންމުން ބާތިލް ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގަ އެ ކޯޓުން ކުރި ހުކުމުން މައްސަލައަށް ނިމުމެއް ގެނެސްދީފަ ނުވާކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންމެބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މެންބަރު ނަޝީދު އޭނާގެ ބްލޮގް ގައި ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ ކޯޓުން ރޭ ނެރުނު ހުކުމް ދެގޮތަށް މާނަ ކުރެވޭނެ ކަމަށެވެ. އެ ހުކުމުގައި ބުނެފައިވަނީ އެ މައްސަލައިގަ އިތުރަށް ނިންމާނެ ނިންމުުމެއް ނެތް ކަމަށެވެ. އެ ކޯޓުން މިދިޔަ މަހުގެ 13 ވަނަ ދުވަހު ނިންމާފައިވަނީ މެންބަރުން އިންތިހާބުވެފައިވާ ޕާޓީ ން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ އެ ދުވަހުން ފެށިގެން މެންބަރުކަން ގެއްލޭނެ ކަމަށެވެ.

މެންބަރު ނަޝީދު ވިދާޅުވީ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބެލުމުގެ ފުރުސަތު ލިބެނީ ކުރީގެ ހުކުމް އައުމުގެ ކުރިން ހިނގާފައި ހުރި ކަންކަމުގެ މައްޗަށް އެ ހުކުމުގެ އުސޫލު ނުހިނގާނެ ކަމަށް ބަޔާންކޮށްފައި އޮތުމުންނެވެ. އެ ހުކުމުގެ ކުރިން މެމްބަރުން އަމަލުކުރި ކަމެއްގެ މައްޗަށް އެ ހުކުމުގެ އުސޫލު ނުހިނގާނެ ކަމަށް އެ ނިންމުމުގައި އޮތުމަކީ ގޮނޑި ނުގެއްލޭ ސަބަބެއް ކަމަށް ބެލިދާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދުގެ ލިޔުމުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ހުށަހެޅޭ މައްސަލައިގެ މަގްސަދު ހާސިލް ނުވާ ގޮތަށް ހުކުމް ކުރުމަކީ އިންސާފު ގާއިމް ކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރީ ނޫންކަން ސުޕްރީމް ކޯޓުގެ ރޫލިންއެއްގައި ކުރިން ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިފަދަ ގޮތަކަށް ހުކުމްކޮށް އެ ދާއިރާތަކުގެ ބައި އިލެކްޝަން އިއުލާނު ކުރުމުން ގޮނޑި ހުސްވެފައިވާ ކަމަށް މަޖިލީހުގެ އިދާރާއަށް ބެލިދާނެ ކަމަށެވެ.

މި ހުކުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މައްސަލަ ހުށަހެޅުއްވި މެންބަރުންގެ ގޮނޑީ ނުގެއްލޭ ކަމަށެވެ. ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކާއި އިލެކްޝަންސް ކޮމިޝަނުން ބުނަމުންދަނީ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ހުކުމަށް ރިޔާއަތް ކޮށް ހަ ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށްވާންޖެހޭ ތައްޔާރީތައް ފަށާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް