ގެއަށް އިންޓަނެޓް ލާން ވެއްޖެއްޔާ އެކަން ވެފައި އޮންނަނީ ދަތި އުނދަގޫ، ބޮޑު ކަމަކަށެވެ. ގެ ހުންނަ މަގުން ކޯރު ކޮނެ، ކޯރަށް ބޭބަލް ލައި، ގެއާއި ހަމައަށް ކޭބަލް ފޯރައިގެން އަދި އޮޕަރޭޓަރުންގެ ބަޔަކު އައިސް ކަނެކްޝަންގެ މަސައްކަތް ކޮށް، އެތައް ސަކަރާތެއް ޖަހަން ޖެހެ އެވެ. ކަން ވެ ނިމޭއިރު ގިނަ ފަހަރަށް ހަފްތާއެއްހާ ދުވަސް އޮންނަނީ ކަނެކްޝަން ޕްރޮސެސް އަށް ގޮސް ހުސްވެފަ އެވެ.
ނަމަވެސް ރާއްޖޭގައި ފުޅާދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދެމުން އަންނަ އުރީދޫ އިން މިވަނީ މިކަމަށް ހައްލެއް ގެނެސްދީފަ އެވެ. ހައްލަކީ އުރީދޫއިން އިއްޔެ އަލަށް ތައާރަފް ކުރި "ފަސޭހަ ހޯމް ބްރޯޑްބޭންޑް" އަކީ މިކަމުގެ ހައްލެވެ. މި ހިދުމަތުގައި ކޭބަލް ބޭނުންކުރާކަށް ނުޖެހެ އެވެ. އަދި މިނެޓެއް ހާއިރުގެ ތެރޭގައި ކަނެކްޝަން ލިބެ އެވެ.
އުރީދޫގެ ފަސޭހަ ބްރޯޑްބޭންޑް ތައާރަފް ކުރަމުން އެ ކުންފުނީގެ ސީއީއޯ ނަޖީބު ޚާން އިއްޔެ ވިދާޅުވީ މިއަދު ރާއްޖޭގެ އެންމެހާ ހިސާބުތަކަށް ހޯމް ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފްކުރުމާ އެކު ޑިޖިޓަލް ދިވެހިރާއްޖެ އެއް ގާއިމްކުރުމަށް އުރީދޫން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެން ދިއުމަކީ އެކުންފުންޏަށް ލިބިގެންދާ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. ފަސޭހަ ހޯމް ބްރޯޑްބޭންޑު ފަރުމާކޮށްފައި ވަނީ ކޮންމެ މީހަކަށް ވެސް ހިދުމަތް ހޯދުމުގެ ފުރުސަތު ފޯރުކޮށްދިނުމުގެ އަމާޒާއެކު މާކެޓުގައި އެންމެ އަގުހެޔޮ ރޭޓުތަކުގައި ކަމުގައިވެސް އުރީދޫގެ ސީއީއޯ ވިދާޅުވި އެވެ.
އުރީދޫން ހާމަކުރާގޮތުގައި މި ހިދުމަތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވާ އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުން މިހާރު އެދެވޭނެ އެވެ. ހިދުމަތް ދިނުމުގެ ކުރިން، ސެޓަޕް ފުރިހަމަކޮށް އެކްޓިވޭޓް ކޮށްފައިވާ ރައުޓަރެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. އަދި ރައުޓަރު ގެއަށް ގެންގޮސް ކަނެކްޓް ކޮށްލުމުން މިނެޓެއްގެ ތެރޭގައި އިންޓަނެޓް ބޭނުންކުރަން ފެށޭނެ ކަމުގައިވެސް އުރީދޫއިން ހާމަކުރެ އެވެ.
ފަސޭހަ ހޯމް ބްރޯޑްބޭންޑާއެކު އުރީދޫން މިވަނީ 10 އެމްބީޕީއެސް އާއި ހަމައަށް ސްޕީޑް ލިބޭ، ތަފާތު ތިން ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އެގޮތުން އުރީދޫ ހޯމް ބްރޯޑްބޭންޑްގެ 50 ޖީބީގެ ޕެކޭޖެއް ވިއްކަނީ މަހަކު 699ރ އަށެވެ. އަދި 120 ޖީބީ ހިމެނޭ ޕެކޭޖެއް ވިއްކަނީ 1،099ރ. އަށެވެ. އަދި 180 ޖީބީ ހިމެނޭ ޕެކޭޖެއް ވިއްކަނީ 1،549ރ. އެވެ.
އުރީދޫން އިތުރަށް ބުނެފައިވަނީ ޕެކޭޖުގެ މުއްދަތުގެ ތެރޭގައި ލިބިފައިވާ ޑޭޓާ އެލަވަންސް ހުސްވިކަމުގައި ވިއަސް އެއްވެސް އިތުރު ޗާޖަކާއި ނުލައި ދަށް ސްޕީޑެއްގައި އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށާއި އޭގެ އިތުރުން ބޫސްޓާއެއް ހިޔާރުކޮށްގެން ޑޭޓާ އެލަވަންސް އިތުރު ކުރެވޭނެ ކަމަށެވެ. އަދި ހަތް ޖީބީގެ ހޯމް ބޫސްޓަރެއް 100 ރުފިޔާއަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް