މިރޭ ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިޔާއަތްކޮށް ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ގޮނޑިތައް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަ ދާއިރާގެ ބައި އިލެކްޝަންސް ތަކުގެ މަސައްކަތް އެ ކޮމިޝަނުން އަލުން ފަށައިފި އެވެ.
މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާ ކަމަށް އީސީން ކަނޑައެޅުމުން އެ ދާއިރާތަކުގެ މެންބަރުން ވަނީ އެ ނިންމުން ބާތިލް ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައި އެވެ. އެ މައްސަލައިގަ ސުޕްރީމް ކޯޓުން މިރޭ ނެރުނު ހުކުމުގައި ބުނެފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެ ކޯޓޫން ނެރެފައިވާ އަމުރާ ގުޅީގެން އިތުަރަށް އެ މައްސަލައިގަ ނިންމަން ޖެހޭ ނިންމުމެއް ނެތް ކަމަށެވެ.
އެ ދުވަހު ކޯޓުން ހުކުމް ކޮށްފައިވަނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބު ވި އިރު މެންބަރަކު ހުންނެވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން އެ މެންބަރަކު އެއްވެސް ސަބަބަކާއި ހެދި 13 ޖުލައިގެ ފަހުން ވަކިކޮށްފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
އީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފު އަދި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އިތުރުން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. އަދި ކުރިން ނިންމި އެ ނިންމުން ބަދަލު ކުރަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ނުވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ބައި އިލެކްޝަންގެ ކަންކަން މަޑު ޖައްސާލީ ސުޕްރީމް ކޯޓަށް އެކަމާ ގުޅިގެން މައްސަލަތަކެއް ހުށަހެޅުމުން ކަމަށެވެ.
މިގޮތަށް ހާމަ ކުރި ނަމަވެސް އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް