ވާހަކަ: މަންޒިލް ތިޔޭ – ހަތާވީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ރޭގަ....... އަހަރެން......... ދުއާ ދެކެ ލޯބިވާ ވާހަކަ ބުނެފިން.. " އާރަވް ބުނެލިއެވެ. " ވާޓް..؟ " އެހެން ބުނެވުނީ ތާރާއާއި ހަމަދްއަށް އެކުއެކީގައެވެ. އެވަގުތު ލިބުނު ސިހުމާއެކު...

28 Jul 2022 | 16:36

ކުރީގެ އަދަދާއި ގުޅޭ...

ރޭގަ....... އަހަރެން......... ދުއާ ދެކެ ލޯބިވާ ވާހަކަ ބުނެފިން.. " އާރަވް ބުނެލިއެވެ.

" ވާޓް..؟ " އެހެން ބުނެވުނީ ތާރާއާއި ހަމަދްއަށް އެކުއެކީގައެވެ. އެވަގުތު ލިބުނު ސިހުމާއެކު ތާރާގެ އަތުގައިވާ ޕިއްޒާ ފޮތި އަތުން ދޫވެގެން ތަށި ތެރެއަށް ވެއްޓުނެވެ. އިރުކޮޅަކުން އެހެން އިނދެފައި ހަމަދް ހޭން ފަށައިފިއެވެ.

" ގުޑް ޖޯކް.. " ހަމަދް ހެމުން ބުންޏެވެ. ތާރާގެ މޫނުމަތިން ފެނުނީ ސީރިއަސްކަމެވެ. އާރަވްގެ މޫނު ބަލާލާފައި އޭނާ އެހެދީ ދޮގެއް ނޫންކަން ތާރާއަށް އެނގުނެވެ.

" ތިކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ހައު ކުޑް ޔޫ؟ މީހުންގެ އިހުސާސްތަކާ ކުޅެން ތި ނޫން ގޮތެއް ރެވްއަށް ނޭނގުނީތަ؟ " ތާރާ ހިތްހަމަނުޖެހުނެވެ. އެހިނދު ހަމަދް މަޑުމަޑުން ހުނުން ހުއްޓާލިއެވެ.

" އަހަރެން އެއްވެސް މީހެއްގެ އިހުސާސްތަކާ ކުޅެން ގަސްދެއް ނުކުރަން.. އަހަރެން ދުއާގެ ކުރިމަތީގައި ފާޅުކުރީ އަހަރެންގެ އިހުސާސްތައް.. މިބުނީ ވަރަށް ބޮޑު ތެދެއް ތާރާ.. އަހަރެން ދުއާ ދެކެ ވަރަށް ލޯބިވޭ.. " އާރަވް ބުންޏެވެ.

" ހޭވް ޔޫ ގޯން ކްރޭޒީ..؟ ދުއާ އަކީ ލޫކްގެ މީހެއް.. އެއީ ލޫކްގެ ވާން އުޅޭ އަންހެނުން.. ލޫކް އެއީ ރެވްގެ އެންމެ ގާތް އެކުވެރިޔާ.. އެނގޭތަ ތިކަމުގެ ސަބަބުން ރަހުމަތްތެރިކަމަށް ކުރާނެ ނޭދެވޭ އަސަރު... " ތާރާ ހިތްހަމަނުޖެހި އިންތަނުން ތެދުވިއެވެ.

" އައި ޑޯންޓް ކެއަރ ތާރާ.. ލޫކްއަށްވުރެ ކުރިން ދުއާ ދެކެ ލޯބިވީ އަހަރެން.. ވަރަށް ދުވަހު ދުއާއާ ނުލައި އަހަރެން ކެތްކޮށްފިން.. ދެން އިތުރަކަށް ނުވާނެ.. ކޮންމެހެނެއްވެސް މިހާރު އަހަރެން ބޭނުން ދުއާ ހާސިލް ކުރަން.."

" ދުއާ ރެވް އާ ދުވަހަކުވެސް ނުގުޅޭނެ.. އޭނަ ލޯބިވަނީ ލޫކް ދެކެކަން އަހަރެމެން އެންމެންނަށްވެސް އެނގޭ.. " ތާރާ ބުނެލިއެވެ. އާރަވްގެ ތުންފަތްމަތިން ހިނިތުންވުމެއް ފެނިގެން ދިޔައެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ހަމަދް ދިޔައެވެ.

" ޔަގީންތަ ތިމީހުންނަށް؟؟ އެކަމަކު އެހެން ހިޔެއް ނުވޭ އަހަރެންނަކަށް.. ދުއާގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް ވެހުރެ އޭނަގެ ހިތުގެ ހާލު ތާރާއަކަށް ނޭނގުނެއްނު... "

" ތިބުނީ؟ "

" ދުއާވެސް އަހަރެން ދެކެ ލޯބިވެޔޭ އަހަރެންގެ ހިތް ބުނަނީ.. ފަހަރެއްގައި އެކަން އަދި އޭނާއަށްވެސް އިހުސާސް ނުވަނީ ކަންނޭނގެ.. " ޖީބަށް އަތް ޖަހައިލަމުން އާރަވް ބުންޏެވެ.

" ތިކިޔޭ އެއްޗެއް ރެވްއަށް އެނގޭ ހެނެއް ހިޔެއް ނުވޭ.. އަހަރެންނަށް ފެންނަނީ ޑޮކްޓަރަކަށް ދައްކަން.. ރެވް ހަނދާން ކުރާތި.. ނަމަ ނަމަ ދުއާ އާއި ލޫކްގެ ދެމެދަށް ވަންނަން ނޫޅޭތި!! " ތާރާ އިންޒާރު ދިނެވެ.

" ގަސްދުގައި ލޯބިވާ ދެއިންސާނެއް ދޭތެރެއަށް އަހަރެން ވަންނަން ގަސްދެއް ނުކުރަން.. އެކަމަކު ތާރާވެސް ހަނދާން ނައްތާނުލާތި.. އާހިރު ކަން ނިމޭއިރު މޮޅު ލިބޭނީ ހަޤީޤީ ލޯބިވާ ބަޔަކަށް.. " މިހެން ބުނުމަށްފަހު މަޑުނުކޮށް އާރަވް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ތާރާ އަލުން ގޮނޑީގައި އިށީންނަމުން ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.

" ބޭބް ޕްލީޒް އެކަމާ ވިސްނާ ބޯ ގޮއްވަން ނޫޅޭ.. " ހަމަދް ބުނެލިއެވެ.

*******************

މީޓިންގް ނިންމާފައި ކޮންފަރެންސް ރޫމުގައި ކަމަކާ ޑިސްކަސް ކުރަން ދުއާ އާ އެކު އެހެން ކުއްޖަކު އިނެވެ. މޭޒު ކައިރީގައި ތިބި ދެ އަންހެންކުދީން ދޮރާ ދިމާލަށް ބަލައިލީ އެތެރެއަށް ވަން އާރާވް ފެނިފައެވެ. އެއްކުއްޖަކު އަނެއް ކުއްޖަކާ ބަހެއް ނުކިއި ކަމުގައި ވިޔަސް މޭޒު ކައިރީގައި ފައިލަކަށް ބަލަހައްޓައިގެން އިން ދުއާ އިރުކޮޅަކާ އާރާވްއަށް ބަލައިލައެވެ. އެވަގުތުތަކުގައި އާރާވް ވެސް އިންނަނީ ދުއާއަށް ބަލަހައްޓައިގެންނެވެ. އާރާވްއާއި ދުއާގެ ހަރަކާތްތައް މޭޒުކައިރީގައި ދެން އިން އަންހެންކުއްޖާއަށް ފާހަގަވީ ކަންނޭނގެއެވެ. ހީލާފައި ކުރަން އިން މަސައްކަތް ހުއްޓާލާފައި އެކުއްޖާ ހިނގައިގަތެވެ.

"ދަނީތަ؟" އެކުއްޖާ ތެދުވެ ކޮނޑުގައި ދަބަސް އެޅުވުމުން ދުއާ އަހާލިއެވެ.

"އާނ. މި ނިމުނީ. ގެއަށް ދާން މިދަނީ" އެކުއްޖާ ބުންޏެވެ.

އޮފީސް ތެރޭގައި ދެކުދިން އެކަނިވުމާއެކު ދުއާ އާރާވްއަށް ބަލައިލިއެވެ. ދެން މަޑުމަޑުން ގޮނޑީގައި އިށީނެވެ. އެގޮތުގައި އިރުކޮޅެއް ފާއިތުވެގެން ދިޔައެވެ. ކުއްލިއަކަށް ދުއާގެ ހިތުގެތެޅުން އަވަސްވާން ފެށީ ކައިރިއަށް އަރާވް އަންނަކަން އިނގުމުންނެވެ. ތެދުވެގެން ދާން އުޅެފައިވެސް އެ ހިތްވަރެއް ދުއާއަށް ނުކުރެވުނެވެ. ކައިރީގައި އާރާވް އައިސް ހުއްޓުނުއިރުވެސް ހަށިގަނޑަށް އެއްވެސް ހަރަކާތެއް ގެންނަން ނޭނގިފައި ދުއާ އިނެވެ.

"ކީ....ކީއްކުރަން ތިއުޅެނީ؟" ދުއާ އެހިއެވެ.

"އަހަރެން އަދި ކަމެއް ނުކުރަމެއްނު. ދުއާއެއްނު ހުރިހާކަމެއް ތިކުރަނީ" އާރާވް ބުންޏެވެ. ދުއާއަށް ކުރިމަތިވާނެހެން މޭޒުގައި އިށީނދެލާފައި އާރާވް ހަމަޖެހިލިއެވެ.

"އަހަރެން ކީއްކުރީ؟ އަހަރެން ނުކުރަން އެއްވެސް ކަމެއް" ދުއާ ބުންޏެވެ.

"އެހެންނުވާނެ. އަހަރެން އެތާ އެހާ ދުރުގައި ނުލާހިކު ރީތިކޮށް އިންދާ ދުއާ ތިގޮވަނީނު. ދުއާއަށް އިނގެއެއްނު އަހަރެންނަށް ދުރުގަ ނުހުރެވޭނެކަން" އާރާވް ބުންޏެވެ. ބަލައިނުލާ ދުއާ އިސްޖަހާލައިގެން އިނުމުން އާރާވް އަތް އުފުލާލާފައި ދުއާގެ މޫނުގައި އިނގިލިތަކުގެ ނުފުށުން ފިރުމާލިއެވެ. ދުއާގެ ހިތް އަވަސްވީ އިންތިހާއަށެވެ. އެހިނދު ދުއާ އާރާވް އާ ދުރަށް ގޮނޑި ފޭކޮށްލިއެވެ.

"ތިއީ ގޯހެއް" ދުއާ ބުންޏެވެ. ދުއާ ބުނި ޖުމްލައިން އާރާވް ދެރަވި ނަމަވެސް މޫނުމަތިން އެކަން ނުދެއްކުމަށް މަސައްކަތް ކުރިއެވެ.

"ތިހެން ނުބުނެފާނަންތަ.. ދުއާ އެހެން މީހެއްގެ ހައްޤަކަށް ވާތަން ބަލަން ހުންނަން އަހަރެންނަށް ކެތެއް ނުވާނެ.." އަސަރާއެކު އާރާވް ބުންޏެވެ. ދުއާ ޖަވާބެއް ނުދިނެވެ.

"އާރާވް މިތަނުން ދާންވީނުން. އެހެންނޫނީ އަހަރެންތަ ދާންވީ" ދުއާ ބުންޏެވެ.

"އުނދަގުވަނީތަ؟ ހަމަ ރަނގަޅަށްވެސް އަހަރެން މިތަނުން ދާންތަ ބޭނުންވަނީ" އާރާވް ބުންޏެވެ. ދުއާ ގޮނޑިން ތެދުވިއެވެ. އާރާވް އެތަނުން ދާކަށް ދުއާ ބޭނުމެއްނުވެއެވެ. އެކަމަކު އެހެން ފާޅުގައި ބުނާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ހިނގާލާފައި ގޮސް ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ.

"ހަމަ އެންމެފަހަރަކު ބުނެބަލަ. ދުއާއަށް އަހަރެން ހުރީމަ އުނދަގުވަނީތަ؟ އަހަރެން ދާންވީތަ؟ އަހަރެން ފެނުނީމަ ދުއާ އުފަލެއް ނުވޭތަ؟ ތި ހިތުގަ ހަމަ ކުޑަނަމަވެސް އަހަރެންނަށްޓަކައި ހަމަ އެއްވެސް އިހުސާސެއް ނެތީތަ؟" އާރާވް ބުންޏެވެ. ދުއާގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ލައިގެން ހުރި ހުދުކުލައިގެ ޖެކެޓްގެ އެތެރެއިން ލައިގެން ހުރި ކަޅު ކުލައިގެ ޓޮޕްކޮޅުގެ ތެރެއަށް ހިނދިގެން ދިޔައެވެ. ދެލޯ ކައިރިން އާރާވްއަށް ކަރުނަ ފެންނާކަށް ދުއާ ބޭނުމެއްނުވިއެވެ. އެހެންކަމުން ދެއަތުން ދެލޯ ކައިރި ފޮހެލިއެވެ. އާރާވްއަށް ޖަވާބެއްދޭން ދުއާ ބޭނުންވިއެވެ. އެހެންނަމަވެސް އާރާވްގެ އަޑުގައި އެކުލެވިގެންވި ރިހުމުގެ އިހުސާސް ކުރެވޭއިރަށް ދުއާގެ ދުލުގައި ހީވަނީ ތަޅެއްލެވޭ ހެންނެވެ.

"އާރާވް މިތަނުން ނުދަންޏާ ހުރޭ. އަހަރެން މިދަނީ" އެނބުރުނުގޮތަށް މޭޒުމަތީގައި އޮތް ދަބަސް ހިފައިގެން ދުއާ ހިނގައިގަތެވެ. އެދިމާ ބަލަހައްޓައިގެން އާރާވް ހުރީ ހިތުގައިޖެހިފައެވެ.

************

ސެޝަން ނިމުމާއެކު އެހީތެރިއަކަށް އިން އަންހެންކުއްޖާ ފައިލްތައް ހިފައިގެން ނިކުމެއްޖެއެވެ. ގޮނޑީގައި ހަމަޖެހިލާފައި ރާނީ ބަލައިލީ އެއް ފަރާތުގައި އޮތް ފޯނަށެވެ. ފާއިތުވެގެން ދިޔައީ ވަރަށް ބުރަވަގުތުތަކެކެވެ. އެތައް މީހުންނަކަށް ރާނީ ހިދުމަތްކޮށްދީފިއެވެ. އެތައް ބަލި މީހުންނަކަށް ރާނީގެ އަތުން ބޭސް ލިޔެދީފިއެވެ. ޑޮކްޓަރެއްގެ ހައިސިއްޔަތުން އެތައް މީހަކަށް ކަންކަން ކުރަންވީގޮތުގެ އިރުޝާދު ދީފިއެވެ. ރާނީއަކީ އެކުރާ ކަމެއްގައި އަބަދުވެސް ފަރުވާބަހައްޓައިގެން އެކަމެއް ކުރާ ކުއްޖެކެވެ. ހާއްސަކޮށް ބަލިމީހުންނަށް ފަރުވާކުރުމެވެ. އެއީ ރާނިއަށް އެންމެ ހިތްހަމަޖެހުން ލިބޭ އެއްކަންވެސްމެއެވެ. ކިތަންމެ މުހިންމު ފޯނެއް އައިކަމުގައި ވިޔަސް ސެޝަން ނުނިމެނީސް އެއްވެސް ފޯނަކަށް ރާނީ ޖަވާބެއް ނުދެއެވެ. އެހެންކަމުން ހުރިހާކަމެއް ނިމުމުން ރާނީ ފޯނު ނަގާފައި ބަލައިލިއެވެ. މެސެޖްތައް ބަލަމުން ދިޔައިރު ރާނީގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ.

ލައިގެން ހުރި ހުދުކުލައިގެ ކޯޓު ބާލާފައި އަތްމަތީގައި ބާއްވާފައި ފޯނު ކޮށްޕާލީ ލައިގެން ހުރި ހުދުކުލައިގެ ޖީންސްގެ ޖީބަށެވެ. އެއް އަތުން އިސްތަށިތައް ރީތިކޮށްލާފައި ރާނީ ހިނގައިގަތީ ބަލިމީހުން ބަލާ ކޮޓަރިން ނިކުންނާށެވެ. ގެއަށް ދިޔުމުގެ ކުރިން އޮފީސްބަޔަށްވެސް ވަންނަން އެބަޖެހެއެވެ. ކުއްލިއަކަށް ރާނީ ސިހުނީ ދޮރުހުޅުވާލިގޮތަށް އެތެރެއަށް ވަން ލޫކަން ފެނިފައެވެ. ރާނީ ސިހުނުވަރުން ފަހަތަށް ފިޔަވަޅެއްވެސް އެޅުނެވެ.

"ނިމުނީތަ؟ ދާންތަ ތިނިކުންނަނީ؟" ލޫކަން އެހިއެވެ. ރާނީ ބޯޖަހާލިއެވެ.

"ފަސްމިނިޓް.... ވާހަކަދައްކާލަން" ލޫކަން އެދުނެވެ.

"ސޮރީ. އަހަރެންނަކަށް މަޑުކުރެވޭކަށް ނެތް" ރާނީ ބުންޏެވެ. ދޮރާ ދިމާލަށް ދިޔަ ރާނީގެ އަތުގައި ލޫކަން ހިފެހެއްޓިއެވެ. ރާނީ އަވަސް އަވަހަށް ލޫކަންގެ އަތް ދުރަށް ފޮޅުވާލިއެވެ.

"ތިގޮތަށް އަހަރެންގެ އަތުގައި ހިފެހެއްޓުމުގެ ޙައްޤެއް ލޫކަންއަކަށް ނެތް" ރާނީ ބުންޏެވެ.

"ސޮރީ... ފަސްމިނިޓެއްނޫން. އެންމެ ތިން މިނިޓް" ލޫކަން ބުންޏެވެ. ލޫކަންގެ އަޑުގައިވަނީ އާދޭހެވެ.

"މިބުނީނު އަހަރެންނަށް ވަގުތެއްނެތޭ" ރާނީ ބުންޏެވެ.

ލޫކަން ހިތްހަމަނުޖެހުނީ ދެނެވެ. ރާނީގެ އަތުގައިހިފާ ކައިރިއަށް ދަމާލާފައި ދެން ގެންގޮސް ރާނީގެ ބުރަކަށި ފާރުގައި ޖެއްސިއެވެ. ދެމީހުންގެ ދެމެދަށް ވައިރޯޅިއަކަށްވެސް ނުވަދެވޭވަރަށް ދެމީހުންގެ ދެމެދުގައިވާ ޖާގަ ހަނިކޮށްލިއެވެ.

"ދުނިޔޭގެ ހުރިހާ މީހުންނަށް ވަގުތު ރާނީއަށް ދެވޭ. ކިއްވެ އަހަރެން؟ ކީއްވެތަ އަހަރެން ބާކީ ތިކުރަނީ؟" ލޫކަން ބުންޏެވެ.

"އަހަރެން ދޫކޮށްލާ. ގޯހެއް ހަދަން ނޫޅެ މިތަނުން ދޭ.. އެރޭ ވީ ކަންތައް ތަކުރާރުވިޔަ ނުދީ.. އަހަރެން ބުނިހެން ދުއާއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ޖެހިދާނެ " ރާނީ ކބުންޏެވެ.

"އަހަރެން ލައްވާ ރާނީ ގޯސްހަދުވަނީނު. އަހަރެން ކިހާ ރީތިކޮށް ބުނީ ވާހަކަދައްކާލަން ވަގުތުކޮޅެއް ދޭށޭ" ލޫކަން ބުންޏެވެ.

"ލޫކަންއަށް ކީއްވެތަ ނުވިސްނެނީ؟" ލޫކަންގެ މޭގައި އަތް އަޅާފައި ދުރަށް ކޮށްޕާލަމުން ރާނީ ޖބުންޏެވެ.

ރާނީގެ އެ އަމަލުން ލޫކަން ހިތުގައިޖެހުނަސް އަނެއްކާވެސް ރާނީ އާ ގާތަށް ފިޔަވަޅެއް އެޅިއެވެ.

"ހަނދާންނެތުނީތަ؟ ކުޑަދުވަސްކޮޅަކުން ލޫކް މީހެއްގެ ފިރިއަކަށް ވާނެ . އަހަރެން އަތުގައި ލޫކަންއަށް ދޭނެ އެއްވެސް އެއްޗެއް ނެތް. އަދި ލޫކް އަތުން އަހަރެންވެސް ބޭނުންވާ ކަމެއް ނެތް.. ދެން ކީއްވެތަ އަހަރެންނަށް ތިވަރަށް ތި އުނދަގޫ ތިކުރަނީ..؟؟ އަހަރެން މީ އުޅޭ މީހެއްކަންވެސް ހަނދާން ނައްތާލަބަލަ .. ޕްލީޒް... " ރާނީ ބުންޏެވެ. ކުއްލިއަކަށް ލޫކަން ކުރިއަށް ޖެހިލާފައި ރާނީގެ އުނގަނޑުގައި އަތްއަޅުވާފައި ގާތަށް ދަމާލިއެވެ. އަނެއް އަތުން ރާނީގެ ތުންފަތުގައި ލޫކަން އިނގިލި ހުރަސްކޮށްލިއެވެ.

"ދެން ތިފަދަ ލަފްޒެއް ރާނީގެ ދުލުން ބޭރުނުކުރާތި؛. ދުނިޔެއިން ކޮންމެ ކަމެއްވެސް ކުރަން އަހަރެންނަށް ފަސޭހަ. އެކަމަކު ރާނީ މަތިން ހަނދާންނައްތާލުމަކީ އަހަރެންނަށް ވާނެކަމެއް ނޫން. ދުވަހަކު ދެމީހުން އެކަކު އަނެކަކާ ނުގުޅަސް އަހަރެންނަށް އެކަމެއްނުވާނެ" ލޫކަން ބުންޏެވެ.

ލޫކަންގެ ޖުމްލައާއެކު ރާނީއަށް އިތުރަށް ބަހެއް ނުކިޔުނެވެ. ހަތަރުކަޅި ހަމަކޮށް ލޫކަންގެ ކަރުނަތަކުން ބަރާވެފައިވި ދެލިލޮލަށް ބަލަހައްޓައިގެން ރާނީ ހުއްޓެވެ. ލޫކަން ރާނީގެ ތުންފަތުން މަޑުމަޑުން އިނގިލި ދުރަށް ޖައްސާލިއެވެ. ދެން ރާނީގެ ތުރުތުރު އަޅަމުންދިޔަ ފިޔާތޮށި ކުލައިގެ ތުނި ތުންފަތަށް ނަޒަރު ހުއްޓާލިއެވެ. ލޫކަންގެ ނަޒަރު ރާނީގެ މޫނާ ގާތްވަމުން އަންނަން ފެށުމުން މިފަހަރު އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ރާނީ ލޫކަންގެ މޭގައި އަތް އަޅާ ކޮއްޕާލައިފިއެވެ.

" އަހަރެންގެ އިހުސާސްތަކާ ކުޅުން ހުއްޓާލާ!! ޕްލީޒް... " މިހެން ބުނުމަށްފަހު ދެލޯ ފޮހެމުން ބާރު ހިނގުމެއްގައި ރާނީ އެތަނުން ނިކުންނަން ދިޔައެވެ.

ނުނިމޭ..ވާހަކައިގެ އާ ބައެއް، 31 ޖުލައި ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް