ވާހަކަ: މަންޒިލް ތިޔޭ – ސައްބީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ލިބިފައިވާ ފުރުސަތު މިފަދަ ގޮތަކަށް ގެއްލޭކަށް އޭނާގެ ހިތް އެއްބަހެއް ނުވިއެވެ. ހިތްވަރު ކޮށްލާފައި ރާނީއަށް ގޮވާލައިފިއެވެ. ޔާނިޝް ރާނީގެ ނަމުން ގޮވާލި މީ ފުރަތަމަ ފަހަރެވެ. އ...

26 Jul 2022 | 19:08

ކުރީގެ އަދަދާއި ގުޅޭ...

ލިބިފައިވާ ފުރުސަތު މިފަދަ ގޮތަކަށް ގެއްލޭކަށް އޭނާގެ ހިތް އެއްބަހެއް ނުވިއެވެ. ހިތްވަރު ކޮށްލާފައި ރާނީއަށް ގޮވާލައިފިއެވެ. ޔާނިޝް ރާނީގެ ނަމުން ގޮވާލި މީ ފުރަތަމަ ފަހަރެވެ. އެނބުރި ބަލައިލަމުން ކީކޭ ހެއްޔޭ އަހައިލިއެވެ. ޔާނިޝް އިންތަނުން ތެދުވެ ރާނީއާ އެއްހަމަ ކުރިއެވެ. ގެއާ ދިމާލަށް ހިނގާފައި އައީ  ދެމީހުން އެކީގައެވެ.

" އަހަރެންނާއެކު ކޮފީއަކަށް ދެވިދާނެތަ؟ " ޔާނިޝް ބުނެލިއެވެ. ރާނީއަށް ލިބުނު ހައިރާން ކަމުގައި ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. ޒުވާން ފިރިހެނަކު ޒުވާން އަންހެނެއް ކައިރީގައި އެހެން އަހާނީ ފިރިހެންމީހާ ހިތުގައި ކޮންކަހަލަ އިހުސާސްތަކެއް ހިނގާތީކަން ދެނެގަންނަން ރާނީއަށް އުނދަގުލެއް ނުވިއެވެ. އެކި ދުވަސްމަތިން ޔާނިޝްގެ ބެލުންތައް ރާނީއަށް ފާހަގަވެފައި އެބަހުއްޓެވެ. އެހެންނަމަވެސް އެބެލުންތަކުގެ ފަހަތުގައިވީ އަސްލު ސަބަބު އެނގުނީ މިރެއެވެ. ރާނީ ދެކެނީ ޔާނިޝް އެއީ އޭނާގެ ބޭބެއެއްގެ ގޮތުގައެވެ. އެހެންނޫނަސް ރަފާގެ ހިތް ހަލާކުވެދާނެ ފަދަ ކަމެއް ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ރަފާ ނުބުނި ނަމަވެސް އޭނާގެ ހިތުގައި ޔާނިޝްއަށް ދެވިފައިވަނީ ކޮންކަހަލަ މަގާމެއްކަން ރާނީއަށް އެނގެއެވެ. ފުރަތަމަ ފަހަރަށް ޔާނިޝް ކަމަކު ކިޔުމުން އެކަމެއް ކޮށްދެވެން ނެތް ވާހަކަ ބުނަން ރާނީ ދެރަވިއެވެ.

" ސޮރީ ޔާނިޝް... އަހަރެން ވަރަށް ކޮފީތަކަށް ގޮސް ނޫޅެން.. " ރާނީ ޖަވާބު ދިނެވެ. އޭނާގެ ޖަވާބުން އެހެދީ ބޮޑު ދޮގެއްކަން ޔާނިޝްއަށް އެނގުނެވެ. އެތައް ދުވަހެއްގެ މަތިން އާރަވްއާ އެކީ ކޮފީއަށް ދިޔަތަން އޭނާއަށް ވަނީ ފެނިފައެވެ. ރާނީގެ އެޖަވާބުން ޔާނިޝް ހިތްހަމަނުޖެހޭ ގޮތްވެ ރުޅި އާދެވުނެވެ.

" އާރަވްއަށް ނުވީމަތަ؟ " ޔާނިޝްގެ ދުލުން އެހެން ބޭރުވީ ބޭއިޙްތިޔާރުގައެވެ.

" އެކްސްކިއުޒް މީ؟ " ރާނީގެ ނިތަށް ރޫއަރައިގެން ދިޔައެވެ. ޔާނިޝް އެފަދަ އެއްޗެއް ބުނުމުން ރާނީ ހިތްހަމަނުޖެހުނެވެ. " ޔޫ ކާންޓް ޓޯކް ޓު މީ ލައިކް ދެޓް.. "

" ސޮ.. ސޮރީ އައި ޑިޑިންޓް މީން... " އަވަސް އަވަހަށް ޔާނިޝް ބުނެލިއެވެ. " ރާނީ!! އަހަރެން.. އަހަރެން ބޭނުން ވާހަކައެއް ބުނަން.. "

" ސޮރީ ޔާނިޝް.. އަހަރެންނަށް ވަރަށް ލަސްވޭ އެބަ.. " ރާނީ އެތަނުން ދާން އުޅުނެވެ. ނަމަވެސް ޔާނިޝް އެއްލި އަތުން ރާނީގެ އަތުގެ މުލައްދަނޑީގައި ހިފައިފިއެވެ.

" ރާނީ.. އަހަރެން ވަރަށް ލައިކްވޭ ރާނީ ދެކެ.. ތީ އަހަރެންގެ ހަޔާތުގައިވެސް އަހަރެންނަށް ކަމުދިޔަ ފުރަތަމަ އަދި ހަމައެކަނި ކުއްޖާ.. " ޔާނިޝް ބުނެލިއެވެ. ރާނީއަށް ދެލޯ މަރައިލެވުނެވެ. އޭނާ އަވަހަށް އެތަނުން ދާން އުޅުނީވެސް ޔާނިޝް އެފަދަ އެއްޗެއް ބުނަން އުޅޭކަން އިހުސާސްވެގެންނެވެ. ރާނީ މަޑުމަޑުން އޭނާގެ އަތު ތެރެއިން އަތް ދަމައިގަތެވެ. އުނދަގޫވެފައި ހުރި ގޮތަކަށެވެ. ޔާނިޝްއަށް ޖަވާބެއް ނުދީ ދާން އުޅެފައި ހިތަށް އެރި އެއްޗަކުން ހިޔާލު ބަދަލުކޮށްލިއެވެ. މިއަދު ޔާނިޝްއަށް ޖަވާބު ނުދީފިނަމަ ދެވަނަ ފަހަރަށްވެސް ޔާނިޝް މިމަގު ހިޔާރުކޮށްފާނެއެވެ. އެހެންކަމުން މިއަދު މިވަގުތު ޔާނިޝްއަށް ޖަވާބެއް ދިނުން މުހިއްމެވެ.

" ޔާނިޝް.. ތީ ރަނގަޅު އާއިލާއެއްގެ ރަނގަޅު ކުއްޖެއް.. އަންހެންކުދިންގެ ހިތް ލަންބުވާލާނެ އެތައް ސިފަތަކެއް ޔާނިޝްއަށް ލިބިފައި އެބަހުރި.. އެކަމަކު އެ އަންހެން ކުދިންގެ ލިސްޓުގައި އަހަރެން ނޯވެދާނެ.. އެންމެ ފުރަތަމަކަމަށް އަހަރެން ވަރަށް ލޯބިވާ ކުއްޖަކު އެބަހުރި.. މިހިތުން އެހެން ފިރިހެނަކަށް ޖާގަދޭން އެހާ ފަސޭޙައެއް ނޫން.. ދެވަނަ ކަމަކަށް އަހަރެން ޔާނިޝްއާ މެދު އެފަދަ ނަޒަރަކުން ނުދެކެން.. އަބަދުވެސް އަހަރެން ޔާނިޝްއާ މެދު ދެކުނީ އާއިލާ ކުއްޖެއްގެ ގޮތުގައި.. ސޮރީ ވަރަށް ބޮޑަށް.. " މިހެން ބުނެ އެތެރެއަށް ވަންނަން ރާނީ ހިނގައިގަތެވެ. ޔާނިޝް ރާނީ ދާ ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު އުނަގަނޑުގައި އަތް އަޅުވާލަމުން ފުންނޭވައެއް ދޫކޮށްލިއެވެ.

*********************

އެންމެން ކެއުމުން ބަދިގެ ސާފުކޮށްލާފައި ފުރިޖުން ފެންފުޅިއެއް ހިފައިގެން ކޮޓަރިއަށް ވަންނަން ހާޖަރު ދިޔައެވެ. އެވަގުތު ބެލްކަނީގެ ރެއިލިންގްގައި އަތް އަޅުވާލައިގެން އޮތް ރަޔަން ފެނި ހާޖަރަށް ލިބުނީ ހައިރާން ކަމެކެވެ. އެހެން ރޭރޭ މިގަޑިއަކީ ރަޔަން އެންމެ ފޯރީގައި ފިލްމު ބަލަން އޮންނަ ގަޑިއެވެ. ފިލްމު ނުބަލާ އެތާ ހުންނާނީ ކޮންމެވެސް ކަމެއް އޭނާއަށް އުނދަގޫ ކުރާތީއޭ ހާޖަރުގެ ހިތް ބުންޏެވެ. މޭޒުމަތީގައި ފެންފުޅި ބަހައްޓާފައި ހާޖަރު ބެލްކަންޏަށް ނިކުތެވެ.

" ރަޔަން..! ދަރިފުޅު ކީއްވެ މިތާ ތިހުރީ.. " ހާޖަރު ސުވާލުކޮށްލިއެވެ.

" ކަމެއްނުވޭ.. ހަމަ ހުރީ... " ރަޔަންގެ ޖަވާބު ކުރެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ކަންބޮޑުވުން ހާޖަރަށް ސިއްރެއްނުވިއެވެ.

" ކިހިނެއްވީ ރަޔަން...! ކަމަކާ ވިސްނަނީތަ؟ " ރަޔަންގެ ބޮލުގައި ފިރުމާލަމުން އޯގާތެރިކަމާއެކު ހާޖަރު އެހިއެވެ. އެހިނދު ރަޔަން ބޯޖާހަލައިފިއެވެ.

" ޔައުލާގެ މަންމަމެން ބޭނުންވަނީ އޭނަ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން.. ރައްޓެހިވެގެން އެހާ ދުވަހު އުޅެން އެމީހުން އެހާ ހިތްހަމައެއްނުޖެހޭ ބުނީ.. ކައިވެނި ލަސްކުރާނަމަ ޔައުލާގެ ކައިވެނި އެމީހުން ބޭނުންވާ މީހަކާޔޯ ކުރުވާނީ.. " ރަޔަން ދެރަވެފައި ހުރެ ބުންޏެވެ.

" ދެން ކޮބާ މައްސަލައަކީ.. ދަރިފުޅު މިހާރު ކައިވެނި ކުރިޔަސް މަންމަމެން މިތިބީ ހަމަ ތައްޔާރުގައި.. އެމީހުންވެސް އެބުނަނީ ރަނގަޅު ވާހަކައެއް.. ރައްޓެހިވެގެން އެހާ ދުވަހު އުޅޭ އެއްޗެއް ނޫން.."

" އެޔެއް ނޫނޭ މައްސަލައަކީ މަންމާ..! އަހަރެންވެސް ހަމަ މިހާރުވެސް މެރީ ކުރަން ތައްޔާރު.. އެކަމަކު ޔައުގެ މަންމަމެން ބޭނުންވަނީ ކައިވެނި... ރާއްޖޭގައި ކުރަން... އެމީހުންގެ އާއިލާގެ އެންމެން ތިބީ އެކޮޅުގައި ކަމަށްވީމަ.. އަދި ޔައުގެ ބައްޕަ ބޮޑަށް ހިފާލާފަ ހުރީވެސް ދިރިއުޅުން އެކޮޅަށް އެއްކޮށް ޗޭންޖް ކުރަން.. " ރަޔަން އިސްޖަހައިލިއެވެ. ހާޖަރަށްވެސް ކިޔާނެ ބަހެއް ނޭނގުނެވެ.

" މަންމަ ކަންބޮޑުނުވޭ!! މަންމައަށް ތަކުލީފެއް ލިބޭފަދަ ކަމެއް އަހަރެން ނުކުރާނަން.. އެވަރިހަމަ ޔައު ދޫކޮށްލަން ޖެހުނަސް.. " މިހެން ބުނުމަށްފަހު ރަޔަން އެތަނުން ގޮއްސިއެވެ. ހާޖަރަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ރަޔަން އެފަދަ ބޮޑު ޤުރުބާނީއެއް އޭނާއަށްޓަކައި ވެދާނެ ކަމަށް އޭނާ ޝައްކެއް ނުކުރެއެވެ. ޔައުލާދެކެ ރަޔަން ލޯބިވާވަރު އެއްވެސް މީހަކަށް ސިއްރު ވެފައެއް ނެތެވެ. ރަޔަން އެހެންބުނި ނަމަވެސް ޔައުލާ ވަކިވެއްޖެނަމަ އޭނާ ދެރަވާނެ ވަރު އަންދާޒާ ކުރެވެއެވެ.

އެނދުގައި އުއްޑުން އޮތް ދުއާގެ ނަޒަރު ހުއްޓިފައިވަނީ ސީލިންގަށެވެ. ބަނޑުމަތީގައި ދެއަތް ބާއްވާލެވިފައިވިއެވެ. ދެލޮލަށް ބޮނޑިވެގަތް ކަރުނަތައް ލޮލުގެ ކަނަކުން ކަންފަތާ ދިމާލަށް ފައިބަން ފެށިއެވެ. ސިކުނޑީގައި ވަނީ ބޮޑު ހައިޖާނުގަނޑެއް އުފެދިފައެވެ. ވިސްނަ ވިސްނާވެސް ހަދަންވީ ގޮތެއް ނޭނގުނެވެ. ސިކުނޑީގައި ފަހަރަކު ކަމެއް ބުރުޖަހަމުން ދިޔައެވެ. އާރަވްއާ އެކު ހޭދަވި ވަގުތުކޮޅެވެ. އާރަވް މައާފަށް އެދެމުން ދެއްކި ވާހަކަތަކެވެ. ދުންޔާގެ ވާހަކަތަކެވެ. ކުރެވުނީ ހަތަރު އަނގޮޅި މެދުގައި ދާނެ މަގެއް ނޭނގިފައި ހުރެވޭ ކަހަލަ އިހުސާސެކެވެ. ކައިރީގައި އޮތް ފޯނު ރިންގުވާ އަޑަށް ނަގާފައި ސްކްރީން ބަލައިލިއެވެ. އަރާފައި އޮތް އާރަވްގެ ނަން ފެނި އިތުރަށް ތަކުލީފު ލިބުން ނޫން ކަމެއް ނުވިއެވެ. ސައިލެންޓަށް ލުމަށްފަހު އަލުން އޮތް ތަނުގައި ފޯނު ބާއްވައިލިއެވެ. ލޯ މަތީގައި އަތް ހުރަސްކޮށްލެވުނީ ރޮވެން ފެށުމުންނެވެ. އެހިނދު ދެވަނަ ފަހަރަށް ފޯނު ރިންގުވާން ފެށިއެވެ. އެއަޑު ނާހަންވެގެން ދުއާ އަރިއަކަށް ޖެހިލުމަށްފަހު ބޯދަށުގައި އޮތް ބާލިސް ދަމައިގަނެގެން މޫނު ފޮރުވައިލިއެވެ. އެހަމަހިމޭންކަމުގައި ކޮޓަރި ތެރެއިން ދުއާގެ ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ.

**************

ޕާޓީއަށް ފަހު ދުއާގެ ހަބަރެއް ނުވާތީ އާރަވް ހުރީ ކަންބޮޑުވެފައެވެ. އޭގެ ފަހުން ދުއާއަށް ގުޅުނު އަދަދެއްވެސް ނޭނގެއެވެ. ދުއާ އެހުންނަނީ ފޯނު ގަސްދުގައި ނުނަގަންކަން އާރަވްއަށް އެނގެއެވެ. ދުއާގެ ހާލު އެނގެން ބޭނުންވެ އޭނާ ހުރީ ކެތްމަދުވެފައެވެ. ލިބިފައިވާ ބޭޤަރާރުކަން ކުޑަވާ ގޮތް ނުވެ އެންމެ ފަހުން ތާރާ ހޯދަން ދާން އާރަވްއަށް މަޖުބޫރުވިއެވެ. ތާރާ ގުޅުމުން ދުއާ ޔަގީނުންވެސް ފޯނު ނަގާނެއެވެ.

އާރަވް އޭނާގެ ކޮޓަރިން ނިކުތް އިރު ތާރާއާއި ހަމަދް މޭޒުކައިރީގައި ޕިއްޒާ ކާން ތިއްބެވެ. އާރަވް ފެނުމާއެކު ހަމަދް އޭނާގެ ދެކޯމަތީގައި އަތް އަޅައިލި ގޮތުން ތާރާއަށް ހެވުނެވެ. އާރަވްއަށް ވެސް ހެވެން އުޅުމުން ގަދަކަމުން އެތެރެއަށް ހިނިގަނޑު ހިންދާލިއެވެ.

" ރަނގަޅަށް ރެވް ތިކަންތައް ކުރީ.. ޔޫ ޑިޒާވް އިޓް.. " ތާރާ ބުނެލިއެވެ.

" ތާރޫ!!! ކަމެއް ކޮށްދީބަލަ.. " ތާރާއާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެ ޕިއްޒާ ފޮއްޗެއް ނަގަމުން އާރަވް ބުންޏެވެ.

" އެހެންވެ ދޯ ތިހާ ލޯބިން ތިގޮވާލީ.. ކަމެއް ބޭނުންވީމަ... ކިޔާބަލަ " ތާރާ ބުނެލިއެވެ.

" ދުއާއަށް ގުޅާފަ އޭނަގެ ހާލު ބަލާލަ ދީބަ" އާރަވް ބުނެލިއެވެ. ތާރާ ހައިރާންވި ވަރުން ދެލޯ ބޮޑުކޮށްލިއެވެ. ކޮން ކޮޅަކުން އިރުއެރި ދުވަހެއްބާއޭ ހިތަށް އެރިއެވެ.

" ތިހެން ބަލަހައްޓައިގެން ނީނދެ ގުޅާލަބަލަ.. " އަނެއްކާވެސް އާރަވް ބުންޏެވެ. އެއާއެކު ތާރާ އާރަވްގެ ނިތްކުރީގައި އަތްތިލަ ޖައްސާލަމުން ބަލީ ހެއްޔޭ އަހައިލިއެވެ. ތާރާގެ އަތް ދުރަށް ލަމުން އަނެއްކާވެސް އާރަވް އެދުނީ ދުއާއަށް ގުޅުމަށެވެ.

" ހަމަދް..!! އަހަރެންނަށް ރަނގަޅަށްތަ އަޑު މިއިވެނީ.. ކިހިނެއްވީ އަނެއްކާ.. ؟ " ތާރާ އިނީ އަދިވެސް ޤަބޫލު ނުކުރެވިފައެވެ.

" ގުޅާނަންތަ ނުގުޅާނަންތަ؟ ޕްލީޒް ތާރާ.. ދުއާ އަހަރެން ގުޅީމަ ނުނަގާ ފޯނެއް.. އައި ނީޑް ޓު ނޯވް ހައު ޝީ އިޒް ޑުއިންގް.. " އާދޭހުގެ ރާގެއްގައި އާރަވް ބުންޏެވެ.

" ފުރަތަމަ ބުނޭ ކުއްލިއަކަށް މާ ދުއާ ވެގެން ތިއުޅެނީ ކީއްވެގެން ކަން.. އަހަރެން ހީކުރީ ރެވް އެންމެ ރުޅި އަންނަ މީހާ ކަމަށް އެއީ.. "

" ތިއެއްނު ތިމީހުންގެ މައްސަލައަކީ.. މާ އަވަހަށް ގޮތް ނިންމަނީ... " އާރަވް ބުނެލިއެވެ.

" ބުނެބަލަ ކިހިނެއްވީތަ ކުއްލިއަކަށް ދުއާގެ ހާލު ބަލަން ތިއުޅެނީ...؟ މިފަހަރު ދުއާގެ ނަން ކިޔާއިރު ތިއަޑުގައި ނުރުހުމެއް ނެތީ ކީއްވެ؟ " ތާރާ އެހިއެވެ.

" އޯކޭ!! އަޑުއަހާ..!! އިތުރު އެއްވެސް މީހެއް ކައިރީ ކިޔައިގެން ނުވާނެ.. " އާރަވް ޝަރުތު ކުރިއެވެ. ތާރާއާއި ހަމަދްއާއި ދެމީހުން ބޯޖަހައިލިއެވެ.

" ރޭގަ....... އަހަރެން......... ދުއާ ދެކެ ލޯބިވާ ވާހަކަ ބުނެފިން.. " އާރަވް ބުނެލިއެވެ.

" ވާޓް..؟ " އެހެން ބުނެވުނީ ތާރާއާއި ހަމަދްއަށް އެކުއެކީގައެވެ. އެވަގުތު ލިބުނު ސިހުމާއެކު ތާރާގެ އަތުގައިވާ ޕިއްޒާ ފޮތި އަތުން ދޫވެގެން ތަށި ތެރެއަށް ވެއްޓުނެވެ.


ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ 29 ޖުލައި ވާ ބުރާސްފަތިދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް