ކުއްލިއަކަށް ވާރޭ ބޯކޮށްލައިފިއެވެ. ނޫރާގެ ދެމައިންނަށް މަޖުބޫރުވީ ހިޔާ ތަންކޮޅެއް ހޯދާށެވެ. އެހެންކަމުން ދާދިގާތުގައިވާ ގެއެއްގެ ގޭޓްގައި ހިޔާ ކޮށްފައިވާ ތަންކޮޅެއްގައި ދެމައިން މަޑުކޮއްލިއެވެ. ނޫރާ ގަޑި ބަލާލިއެވެ. ގަޑި ޖެހެނީއެވެ. އޭނާ ގަޑި ޖެހޭކަށް ބޭނުމެއް ނޫނެވެ. އެކަމަކު ވާރޭ ވެހެނީވެސް މާ ބޯކޮށެވެ. ޖެހިގެން ހުންނަ މީހާ ނުފެންނަހާ ބޯކޮށެވެ. ދެން ހަނދާނީ ކިހިނެތް ހެއްޔެވެ. ޓްކްސީ އަކަށް ގުޅިޔަސް ނިކަން ލަސްވާނެއެވެ. ނޫރާ އަދި މިވީހާތަނަށް ގަޑި ޖެހިފައެއް ނޯންނާނެއެވެ. ގަދި ޖެހިދާނެތީ އޭނާ ހުރީ ނިކަން ކަންބޮޑުވެފައެވެ.
''އާދޭ ........ ގެންގޮސްދޭނަން...........'' ނޫރާމެންގެ ކުރިމައްޗަށް ކާރެއް މަޑުކޮއްލިއެވެ.
''އައްދެ ލަޔާލް ކޮއްކޮތަ........'' ޒަރީނާ ކުޑަ ހިއްލާލުމަށްފަހު، ކާރާ ދިމާއަށް ބޯ ދިއްކޮއްލަމުން ހިނިތުންވެލިއެވެ. ލަޔާލް އަކީ ޒަރީނާއަށް ބޮޑުދައިތަ ކިޔާ ކުއްޖެކެވެ. ލަޔާލް ނޫރާއަށް ވުރެ ހައެއްކަ އަހަރު ބޮޑުވާނެއެވެ. ކުޅުދުއްފުށީގެ ޓެކްސީ ސެންޓަރެއްގައި ޓެކްސީ ކުރަން އުޅޭތާ ދެތިން އަހަރު ވެއްޖެއެވެ. ހިތްހެޔޮ، އަޚްލާޤް ރަނގަޅު ޒުވާނެކެވެ.
''ބޮޑުދައިތަ އަޅެ ގުޅާލިނަމަ........ ނޫރާ ވެސް ކީއްތަވާނީ ތެމިގެން ނުގޮސް ގުޅާލަން ........ ލަޔާލް ޝަކުވާގެ ރާގުގައި ބުނެލިއެވެ.
''ވާރޭ މިހާ ބޯކުރާނެ ކަމަކަށް ނޫނޭ ނިކުތީ.............ދަރިފުޅު އަރާ........މިހާ ވިއްސާރައިގަ އެހިސާބަށް ދެވޭއިރު އެބުނާހެން ތެމޭނެ މުޅިހެދުން..........'' ކާރު ފަހަތު ދޮރުފަތް ހުޅުވާލަދެމުން ޒަރީނާ ނޫރާއަށް ތަންދެއްކިއެވެ. ނޫރާ އަވަސް އަވަހަށް ކުޑަ ލައްޕާލަމުން ކާރު ތެރެއަށް ދެމިގަތެވެ. ޝީޓްގައި ހަމަޖެހިލަމުން، ގައިން ފެން ފޮޅާލިއެވެ. އަދި އަރައިގެން އިން ފައިވާނުން ވެލި ފޮޅާލަމުން، ކުރިމައްޗަށް ބަލާލުމާއެކު ނޫރާގެ ނަޒަރު ހުއްޓުނީ ލަޔާލް އާ ޖެހިގެން ކުރީ ޝީޓްގައި އިން ޒުވާނާއަށެވެ. ނޫރާގެ ހިތް ތެޅިގަތީ އަމަށަކު ވަރަކަށް ނޫނެވެ.
ލަޔާލްއާ ޖެހިގެން އެއިނީ ހަމްޒާއެވެ. އާނއެކެވެ. އެއީ ހަމަ އޭނާއެވެ.
''ނޫރާ ވައްޓާލާފަ ދޯ ދާނީ ސަޔަށް…….. ލަސްވާނެތަ؟'' ހަމްޒާއާ ދިމާއަށް ބަލާލަމުން ލަޔާލް ބުނެލިއެވެ.
''ނޫނޭ ލަހެއް ނުވާނެ........... ހިނގާ......... އަހަރެންވެސް އެބަޖެހޭ ފިހާރަޔަށް ވަދެލަން...........'' ހަމްޒާގެ އަޑު ނުހަނު އޮމާންވެފައި ހިތްގައިމެވެ.
''ފިހާރައަށޭ......... ކިހިނެއް އެނގުނީ ނޫރާ އެދަނީ ފިހާރަޔަށް ކަން؟..........ނޫރާ ދަންނަންތަ؟........'' ލަޔާލް ހައިރާންވެފައި އަހާލިއެވެ.
'' އާނ...... ދަންނަން........ '' ހަމަހިނމޭން ސުކޫތުކޮޅަކަށްފަހު ހަމްޒާ ނިކަން ހަމަޖެހިލާފައި ޖަވާބުދިނެވެ.
އަދި ފަހަތަށް އެނބުރި ނޫރާއާ ދިމާއަށް ބަލާލަމުން ހަމްޒާ ހިނިތުންވެލިއެވެ. އެ ވަގުތަކީ ނޫރާވެސް ހަމްޒާއާ ދިމާއަށް ބަލާލި ވަގުތުކަމުން، އިއްތިފާގުން، ހަމްޒާގެ ރީތި ލޮލާ ނޫރާގެ ލޯ އަމާޒުވިއެވެ. ނޫރާގެ ހަށިގަނޑުގައި ހިނގަހިނގާހުރިލޭ ގަނޑުވިކަހަލައެވެ. ލަދުންގޮސް ނޫރާއަށް ބޮނޑިވެލެވުނެވެ. އެވަގުތު އެ ދޮންމޫނު ފެނުނު ކޮންމެ މީހަކަށް އެ މޫނަށް ވެރިވި ކުލަވަރު ފެންނާނެއެވެ.
އެ ޖަވާބު ހަމްޒާ ދޭނެ ކަމަކަށް ނޫރާ ހީވެސް ނުކުރެއެވެ. ހަމްޒާ އެހެދީ ދޮގެކެވެ. ހަމްޒާއަށް ނޫރާ އެނގެންވީ ކީއްވެހެއްޔެވެ. އެގޮތަށް ލަޔާލް ކައިރީގައި ހަމްޒާ ދޮގު ހެދީތީ ނޫރާ އަދި އިހުނަށްވުރެ ލަދުގަނެ ހާސްވެއްޖެއެވެ.
''އެއީ ތެދެއްތަ .......... އަންގާވެސް ނުލާދޯ......... އަނެއްކާ ކަމެއްތަ؟.........'' ލަޔާލް އަހާލިއެވެ. ލޯނގަޑުން ނޫރާއަށް ބަލާލަމުންނެވެ.
އެއީ ލަޔާލްގެ މިޒާޖެވެ. ރައްޓެހިން ހޯދަންވެސް އޭނާއަށް އެހާ ފަސޭހައީ އެހެންވެގެންނެވެ. ހަމްޒާ އެރަށަށް އައިސް ލަޔާލްގެ ކާރުން ޓެކްސީ ދަތުރެއް ކުރި ފުރަތަމަ ދުވަހުންސުރެ، އެއީ ދަންނަ ދެ އެކުވެރިންނަށް ވެއްޖެއެވެ. ހަމްޒާ ތަނަކަށްދާން ބޭނުންވާ ކޮންމެ ވަގުތަކު ލަޔާލްގެ އެހީތެރިކަން ލިބެއެވެ. ކުރިއްސުރެ ދަންނަ ގާތް ރަޙްމަތްތެރިއެކޭ އެއްފަދައިންނެވެ. ކުޅުދުއްފުށީގައި ހަމްޒާ ހޭދަކުރި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ލަޔާލް ވެފައިވަނީ އެރަށުގައި ހުރި ހަމްޒާގެ އެންމެ ގާތް އެކުވެރިންތެރެއިން އެކަކަށެވެ.
''ނޫރާ.......... '' އެއްޗެއް ނުބުނަމެއްނު........... އޯކޭއޭ........... ނުބުންޏަސް......... ހަމްޒާ ކިޔާދޭނެ ފަހުން ........ އިނދެބަލަ އަނގައިން ނުބުނެ......... ތިހެން ސިއްރުން އުޅެންޏާ ބޮޑުދައިތަ ކައިރީ ބުނާނަން އިނގޭ............'' ލަޔާލް މަޖާވެލާފައި ނޫރާއާ ދިމާކޮއްލިއެވެ. ނޫރާގެ ކަންބޮޑުވުން ލަޔާލަށް އެނގޭ ހެނެއްހިޔެއްނުވެއެވެ.
ހަމްޒާ އެހެދީ ދޮގެކޭ ބުނަން ނޫރާ ކިތަންމެހާވެސް ބޭނުމެވެ. އެހެންނަމަވެސް އިސްޖަހާލައިގެން އިނުން ފިޔަވާ އިތުރު ކަމެއް އޭނާއަކަށް ނުކުރެވުނެވެ.
ނޫރާ ކަންބޮޑުވެ ހާސްވެފައި އިންދާ ފިހާރަޔާ ހަމައަށް އާދެވިއްޖެއެވެ. ކާރު މަޑު ކުރުމާއެކު ނިކަން އަވަހަށް އޭނާ ކާރުން ފައިބައިފިއެވެ. ވާނީވެސް އެހެންނެވެ. އެ ކާރުގައި ހަމްޒާ އިންކަން އެނގުނުނަމަ ނޫރާ އެ ކާރަކަށް ނޭރީހެވެ.
ފިހާރައަށް ވަދެ ހަމަޖެހިލެވޭތޯ ނޫރާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާގެ ސިނކުނޑީގައި އުފެދެމުންދިޔަ ޚިޔާލު ތަކުގެ ސަބަބުން ހަމައަކަށް އެޅޭތޯ ކުރިމަސައްކަތް ވީ ނާކާމިޔާބެވެ.
އިރުއިރުކޮޅާ ދޮރާދިމާއަށް ބެލެނީ ހަމްޒާ ވަދެގެން އަތުވެދާނެކަމަށް ހީވާތީއެވެ. އޭނާ ފިހާރައަށް އަންނަވާހަކަ ބުނެފައިއޮތީމައެވެ.
ނޫރާގެ ކަންފަތުގައި ހަރުލާފައިވަނީ ހަމްޒާގެ އަޑެވެ. ހަމްޒާ ބުނީ ކިތަންމެ ކުރު ޖުމުލައެއް ނަމަވެސް އެ ޖުމުލައިގައި ތަފާތު އަސަރެއް ހުރިކަން ނޫރާއަށް އިހްސާކުރެވުނެވެ. ނޫރާއަށް ސިފަވަމުންދިޔައީ ހަމްޒާ އޭނާއާ ދިމާއަށް ބަލާލި ހިތްގައިމު ގޮތެވެ. އެރީތި ލޮލާ ނޫރާގެ ލޯ އަމާޒުވީ މަދު ސިކުންތު ކޮޅެވެ.
ގޮނޑީގައި ފުންޚިޔާލެއްގެ ތެރެއަށް ގެނބެމުންދިޔަ ނޫރާ ސިއްސުވާލީ އޭނާގެ ފޯނުގެ އަޑުންނެވެ. ގުޅަނީ ނާޝިދާއެވެ.
''އޭތް ....... މިއަދު އަހަރެން ސަލާމް އިނގޭ........ ރޭގައި މާލަހުން ނިދުނީމަ މިއުޅެނީ ބޮލުގަ ރިއްސާތީ........ ސައުދުބެ ގާތުގައި ބުނެލާތި އިނގޭ........'' ނާޝިދާގެ ނިދިއަޑުން ނިކަން ކަންނެތްކަމާއެކު ވާހަކަދެއްކިއެވެ.
''ތިދެން އާކަމެއް ނޫނެއްނު...... އޯކޭ ބުނާނަން.........'' ނޫރާ ފަރުވާކުޑަގޮތަކަށް ޖަވާބުދިނެވެ. އެ ފޯނަށް ޖަވާބު ދިނުމުގެ ކުރިންވެސް ނާޝިދާ އެގުޅަނީ ކީކޭ ބުނަންކަން ނޫރާއަށް އެނގެއެވެ. އެ ޑައިލޮގަކީ މިހާރު ނޫރާ ހިތުދަސް ޑައިލޮގެކެވެ. އެއީ ނިކަން ގިނައިން އޭނާއަށް އަޑު އިވި ބާވެފައިވާ ރާގެކެވެ.
އެއީ ނާޝިދާގެ އާދައެވެ. ވިއްސާރަވިޔަސް އެދުވަހަކު ނާންނާނެއެވެ. ލަހުން ނިދުނަސް، އަނެއްދުވަހު ހަވީރު ނުވަނީސް ނުތެދުވާނެއެވެ. ފިހާރައަށް އަންނަދުހަށްވުރެ ގިނައީ ނާންނަ ދުވަހެވެ. މިހުރިހާކަމެއް ފިހާރައިގެ ވެރި ސައުދަށް ވެސް އެނގެއެވެ. އެހެނަސް ނާޝިދާގެ މަންމަ އުޅޭދަތިކަމާ އާއިލާގައި ކުދިން ގިނަވެފައި، ރަށުގެ ނިސްބަތުން ނުފޯރާ ބަޔަކަށްވާތީ، ސައުދުގެ ހިތުގައި އެމީހުނާ ދޭތެރޭއޮންނަ ހަމްދަރުދީ އެއްގެ ސަބަބުން ނާޝިދާ ވަޒީފާގައި ބަހައްޓާފައި ހުންނަނީއެވެ.
ވަގުތުތަށް ފާއިތުވަމުންގޮސް މެންދުރު ނަމާދަށް ބަންގި ގޮވައިފިއެވެ. ފިހާރައިގެ ބޯޑު ފުށުން ޖަހާލުމަށްފަހު ނޫރާ ބިއްލޫރި ގަނޑުން ބޭރު ބަލާލިއެވެ. ހެނދުނު ވެހެންފެށި ވާރޭ ތުނިކޮށްލާފައި ވިޔަސް، ހިނގާފައި ދެވޭވަރަށްވުރެ ފެންގަނޑުބޮޑުވެފައި ވައި ބާރެވެ. ނޫރާ ބޭރަށް ނުކުތުމަށްފަހު ދެކޮޅު ބަލާލިއެވެ. އޭނާ އެ ހޯދަނީ އޭނާގެ މަންމަ ފެނޭތޯއެވެ. މަންމަ ފެންނަން ނެތުމުން ފޯނު ނެގީ މަންމައަށް ގުޅާލުމަށެވެ.
އެވަގުތު މަގުގެ އަނެއްފަރާތުގައި މަޑުކޮށްފައިވާ ކާރުން ލަޔާލް ފޭބިތަން ނޫރާއަށް ފެނުނެވެ. ދުއްވާ އެއްޗިހެން ރެކެމުން ލަޔާލް މަގު ހުރަސްކޮށްފައި ނޫރާހުރި ފަޅިއަށްއައެވެ.
''ހިނގާ ދާން........'' ލަޔާލް ނޫރާގެ ކުރިމައްޗަށް ހުއްޓެމުން ބުނެލިއެވެ.
މަންމަ އައިމަ ދާނީ........... ލަޔާލް ކީއްކުރަން ތިއައީ.......... މަންމަ މިހާރު އަންނާނެ......... ވިއްސާރަކަމުން ލަސްވިޔަށް މަންމަ އަންނާނެ.........'' ނޫރާ ފަހަތަށްޖެހި، ފިހާރައިގެ އަސްކަނި ދަށަށް ޖެހިލަމުން އޭނާގެ ހެދުން ކުޑަކޮށް މައްޗަށް ހިއްލާލާ، ދެއަތުން ހިފަހައްޓާލިއެވެ. ހެދުމުގެ ފަސްބައި އެއްކޮށް އޭރު އޮތީ ތެމިފޯވެ، ވެލިތައް ތަތްވެފައެވެ.
''ބަލާބަލަ ......... މިހާރު ތިއޮތީ ހެދުމުގަ ހުސްކިލާ.......... ހިނގާދެން ދަމާ.............'' ލަޔާލް ނޫރާގެ ހެދުމުގެ ފަސްބަޔަށް އިޝާރާތްކުރަމުން ބުންޏެވެ.
''އަޅެ މިބުނީނު މަންމަ އައިމައޭ ދާނީ............'' ލަޔާލް ދެން ދޭ......... މަންމައަށް އެބަ ގުޅާލަން.......'' ނޫރާ ދެކޮޅު ހޯދާ ބަލާލިއެވެ.
''ބޮޑުދައިތައެއް ނާންނާނެ ............ އަހަރެން ބުނީމޭ ނޫރާ ނިމުނީމަ ގެއަށް ގެންގޮސްދޭނަމޭ.......... އެހެންވެ ހަމަ ނިމޭގަޑިއަށް މިއައީ........... އެންމެ މިނެޓެއްވެސް ލަސްނުކޮށް.........ދެން ހިނގާ......ބޮޑުދައިތަ ބުނެގެންނޭ އަހަރެން މިއައީ..........'' ލަޔާލް އާދޭސްކުރާފަދައިން ބުނެލިއެވެ.
ނޫރާ މާޔޫސް ވަގޮތްވިއެވެ. އެއީ މީގެ ކުރިން ނޫރާގެ މަންމަ ކަންތައް ކުރިގޮތެއް ނޫނެވެ. މިއަށްވުރެ ވިއްސާރަދުވަސް ދުވަހުވެސް ނޫރާބަލާ ނޫރާގެ މަންމަ އާދެއެވެ. އެކަމަކު މިއަދު ނޫރާކައިރީ ބުނެލުމެއްނެތި، ލަޔާލް އާ ނޫރާ ގެންދަން ހަވާލުކޮށްފާނެކަމަށް ގަބޫލުކުރަން އޭނާއަށް ދަތިވަނީއެވެ.
ނުނިމޭ.... ވާހަކައިގެ އާ ބައެއް، 30 ޖެނުއަރީ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް