''ސާބަސް........ އެއީ ސަމާސާއެކޭ......... އޭނާ އެއްވެސް އެއްޗެއް ހިތަކަށް ނާރާނެ......... އެކަހަލަ މީހުން ވަރަށް ކޫލް ވާނެ....... މިއޮތީނު ލާރިވެސް ދީފަ.......... ހާފް ހާފް ހަދާލަމާ ހިނގާ.......... އަހަރެން މިހާރުވެސް މިހުރީ ހުސްވެފަ......... ކޮފީއެއް ބޯލާނެ އެއްޗެއްވެސް ނެތް.........'' ފައްސަތޭކައިގެ ނޫޓު ނޫރާއާ ދިމާއަށް ދިއްކޮއްލަމުން ނާޝިދާ ވާހަކަދެއްކިއެވެ. އޭނާ ބޭނުންވީ އަވަހާ އެލާރި ބަހާލާށެވެ.
''ތީ ނާޝިދާއަށް........ އަހަރެން ބޭނުމެއް ނޫން......'' މިފަހަރުވެސް ނޫރާ ދިނީ ކުރު ޖަވާބެކެވެ.
*******
ފިހާރަ ބަންދު ކުރާގަޑި ޖެހިއްޖެއެވެ. ހިސާބު ނިންމާލުމަށް ފަހު ، ފައިސާއާއި ތަޅުދަނޑި ސައުދުބެއާ ހަވާލު ކޮއްލުމަށްފަހު، ނޫރާ ބޭރަށް ނުކުންނަށް ހިނގައިގަތީ ނިކަން ހަލުވި ފިޔަވަޅު އަޅަމުންނެވެ.
''އޭތް ....... ހާދަ އަވަސް އަރުވާލާފަ މިރޭ......... މަޑުކޮއްބަލަ.......... '' ނާޝިދާ އިންތަނުން ތެދުވަމުން ގޮވާލިއެވެ. ނޫރާ އެންމެ ސިކުންތަކަށްވެސް މަޑު ކުރާކަށް ބޭނުމެއް ނޫނެވެ. އޭނާ ބޭނުމީ ވީހާވެސް އަވަހަށް ގެޔަށް ދާށެވެ.
''މަޑުކޮއްބަލަ ..... މި އެތިކޮޅު ދަބަހަށް އަޅާލަންދެން......'' ނޫރާ ނުހުއްޓި ނިކުންނަށް ހިނގައިގަތުމުން ނާޝިދާ ގޮވާލިއެވެ. ކުރިއަށްވުރެ ބާރަށެވެ.
ނޫރާ ހުއްޓި ފަހަތަށް ބަލާލިއެވެ. އޭރު ނާޝިދާ ގެންގުޅޭ އެކި ސާމާނުތައް އޭނާގެ ދަބަހަށް އަޅަނީއެވެ. ހެޑްސެޓާ، ސުޕާރީ ފުޅިއާ، ތަފާތު ވައްތަރުގެ ބިސްކޯދާ ކާތަކެތިވެސް ހުއްޓެވެ. ކޮންމެ ރެއަކު ފިހާރައިން ގެއަށް ދަމުން ކޮންމެވެސް ކާއެއްޗިހިތަކެއް އޭނާ ގަނެގެން ގެންދާނެއެވެ. އެކި ކަހަލަ ފޮނިކާ އެއްޗިހީގެ ޕެކެޓްތަކާ ފިޒީ ބުއިންތަކެވެ.
ހަށިގަނޑު ޗަބީކޮށް ހުއްޓަސް އެކަމާ އޭނާ ފިކުރު ކުރާހެނެއް ހިއެއް ނުވެއެވެ. އިސްކޮޅަށްވުރެ މީހާ ފަލަވެ، މީހާ ވަށް ބޯޅައަކަށް ވަމުން ދިޔަޔަސް ޅަ އުމުރުގައިވެސް އޭނާގެ އަމިއްލަ ސިއްޙަތާމެދު ފަރުވާލެއް ނުބަހައްޓައެވެ.
''އޯކޭ ނިމުނީ........ ހިނގާ އަވަހަށް........ މިހާރު ސައުދުބޭ އެހުރީ ފިހާރަ ނުލެއްޕިފަ ދޯ .......ސޮރީ ސައުދުބޭ......... ދަނީ އިނގޭ............މިހާރު މާޖިދުވެސް އިންނާނެކަންނޭނގެ ބަލާއައިސް .......އަދި މިރޭ ކަރޯކޭ ޖައްސަން ދާންޖެހޭ...........'' ނާޝިދާ ނިކަން އަވަހަށް ދަބަސް ހިފައިގެން ނިކުންނަށް ހިނގައިގަތެވެ.
ނޫރާމެން ފިހާރައިން ނިކުތްއިރު ނޫރާގެ ބައްޕަ އެތަނުގައި ހުއްޓެވެ. ނޫރާ ބަލާއައިހެވެ. އިތުރު ވާހަކައެއް ދެއްކުމެއްނެތި ނޫރާ ގެއަށް ދިއުމަށްޓަކައި ހިނގައިގަތެވެ. ރަޝީދުވެސް އިޚްތިޔާރު ކުރީ ހިމޭންކަމެވެ. ނޫރާ ވަރުބަލި ވެފައި ހުރިހެން ހީވާތީ، އިތުރަށް އުނދަގޫ ވެދާނެތީ ވާހަކަދައްކަން ބޭނުން ނުވީއެވެ.
''ދަރިފުޅުމެން އައީދޯ......... ހުންނާނެ ދޮންފަޅޯ ފަނި........'' ނޫރާ ފެނުމާއެކު ސިޓިންރޫމުގައި ނޫރާގެ އިންތިޒާރުގައި އިން ޒަރީނާ ނިކަން ލޯބިން ނޫރާއަށް ބަލާލަމުން ބުނެލިއެވެ. ކޮންމެ ރެއަކު ފިހާރައިން ނިމިގެން ގެއަށް އައިސް ނޫރާ ކޮންމެވެސް ލުއި އެއްޗެއް ކާލާތީ މިރޭ ޒަރީނާ އެހުންނަނީ ދޮންފަޅޮލުން ފަނި ގިރައިގެންނެވެ. އެއީ ނޫރާއަށް ނިކަން މީރު އެއްޗަކަށް ވާތީއެވެ.
''މިރޭ ބަނޑުހައެއް ނުވޭ މަންމާ........ ބޭނުމީ ނިދަން........'' ނޫރާ ހަމަހިމޭން ކަމާއެކު ބުނެލިއެވެ.
''ދަރިފުޅު ބަލީތަ........'' ޒަރީނާ އިންތަނުން ތެދުވަމުން ސުވާލުކޮއްލިއެވެ.
''ނޫނޭ މަންމާ.......... '' ހަމަ އެ ރާގުގައި ނޫރާ ބުނެލިއެވެ.
''މަންމަ ގެނެސްދެންތަ ފަނިތައްޓެއް.......'' ޒަރީނާ ނޫރާގެ ގާތަށް އައިސް ހުއްޓެމުން އެ މައުސޫމް މޫނަށް ނަޒަރު ހިންގާލިއެވެ. އެ ދޮން މޫނުން މިރޭ އެއްވެސް އުފާވެރި ކަމެއް ނުފެނެއެވެ. އެ ރީތި ދެދޮލުން ފެންނަންހުރީ އެހެންޏާ މީގެ ކުރިން ފެނިފައިވާ ފަދަ އަސަރުތަކެއް ނޫނެވެ. ހީވަނީ މާބޮޑަށް ވަރުވަލިވެފައި ހުރިހެންނެވެ.
ނޫރާ ނިދަން ވަންނަނީ ކަމަށްބުނެ އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ.
ކޮޓަރިއަށް ވަދެވުމާއެކު ނޫރާ އަވަސްވެގަތީ އޭނާގެ ހެދުމުގެ ޖީބުގައިވާ އައިޑިކާޑު ބަލާލުމަށެވެ. އެކަމަށް އެދި އެދި އޭނާ ހުންނަތާ އެތައްއިރެއްވީއެވެ. ފިހާރައިގައި ހޭދަކުރެވުނު ވަގުތުވެސް ނޫރާއަށް މިރޭ ހީވީ މާ ދިގު ދެމިގެން ދިޔަހެނެވެ. އޭނާ އެކަނިވެލަން ބޭނުންވެފައި ހުންނަތާ އެތައް އިރެއް ވެއްޖެއެވެ.
''އަހުމަދު ހަމްޒާ މުޙައްމަދު ، ހެންވޭރު އުނިމާގެ ކާފު މާލެ،......'' ނޫރާ ކާޑު ނަގާ ބަލާލިއެވެ. އޭގައިވާ ނަން އޭނާއަށް ތަކުރާރު ކޮށްލެވުނެވެ. އޭގައިވާ ފޮޓޯގަނޑަށް ނޫރާއަށް ބަލަން ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. އޭނާއަށް ސިފަވަމުން ދިޔައީ ހަމްޒާގެ ސޫރައެވެ. އޭނާގެ ދިގު އިސްކޮޅާއެކަށީގެންވާ ރޫފައެވެ. މާ ދޮން ނޫންނަމަވެސް ހަމްޒާ ރީއްޗެވެ. ކުރުކޮށް ކޮށާފައިވާ ވަރުގަދަ އިސްތަށިގަނޑާއެކު ތުނި ތުނބުޅި، ނުހަނު ގުޅެއެވެ. ވަރަށް ފިރިހެންވަންތަ މޫނެކެވެ. ހަމްޒާގެ ލޯ އަދި މާ ރީއްޗެވެ. އަސަރުގަދަގޮތެއް އެބަހުއްޓެވެ.
އެތަށް އިރެއް ވަންދެން ނޫރާ އެ ކާޑުގައިވާ ހަމްޒާގެ ތަސްވީރަށް ބަލަންހުއްޓެވެ. ކުއްލިއަކަށް އޭނާ ހަނދާންވީ މާދަމާ ހަމްޒާ ފުރަންބުނި ވާހަކައެވެ. ހަމްޒާގެ އައިޑީ ކާޑު މިއޮތީ ނޫރާ އަތުގައެވެ. ޓިކެޓް ކުރިން ނަގާފައި އޮތަސް، ފުރޭނީ އައިޑީކާޑު އޮވެގެންތާއެވެ. ނޫނެކެވެ. ހަމްޒާއަތުގައި ޕާސްޕޯޓް ވެސް އޮވެދާނެއެވެ. އެހެންވެއްޖެއްޔާ އޭނާ މަދާމާ ފުރައިގެންދާނެއެވެ.
ކޮންމެގޮތެއް ވިޔަސް ހަމްޒާ ފުރުމުގެ ކުރިން މި ކާޑު އޭނާއަށް ރައްދު ކުރަން ޖެހޭނެކަމަށް ނޫރާއަށް ޤަބޫލު ކުރެވުނެވެ. ހަމްޒާގެ ކާޑު ނޫރާގެ އަތުގައި އޮވެގެން ނުވާނެއެވެ. އެ ކާޑަކީ ހަމްޒާއާ ހަވާލު ކުރަން ޖެހޭ އަމާނާތެކެވެ.
ނޫރާ އެނދުގައި އޮށޯވެލިއެވެ. އޭނާ ހެދުންވެސް ބަދަލެއް ނުކުރެއެވެ. ހަނދާން ނެތީކަމަށްވެސް ވެދާނެއެވެ. އެކަމަކު އެއީ ނޫރާގެ އާދައެއް ނޫނެވެ.
އެނދުގައި އޮށޯވެ ހަމަޖެހިލުމަށްފަހު އަނެއްކާވެސް ނޫރާ ވިސްނަން ފެށިއެވެ. އެ ކާޑު ހަމްޒާއަށް ފޯރުކޮށްދޭނެ ގޮތަކާ މެދުގައެވެ. ނޫރާ ބޭނުންވީ ނާޝިދާއަށް ގުޅާލާށެވެ. ހަމްޒާއާ ވާހަކަދައްކަން ނާޝިދާ އަށް ކެރޭނެކަން ނޫރާއަށް ޔަގީންވާތީއެވެ. ފޯނު ނަގާ ނާޝިދާއަށް ނޫރާ ގުޅާލިއެވެ.
''މާފުކުރައްވާ!...... ތިޔަ ގުޅުއްވި ނަމްބަރު މިވަގުތު ވަނީ ނިއް.......'' ނޫރާ ފޯނު ކަނޑާލީ އިންތިހާ މާޔޫސް ކަމާއެކުގައެވެ. ނާޝިދާއަކީ ފޯނު ނިއްވާ މީހެއްވެސް ނޫނެވެ. އެކަމަކު މިރޭ އެއޮތީ ފޯނު ނިއްވާފައިތާއެވެ. ނޫރާ މާޔޫސްކަމާއެކު ލޯ މަރާލިއެވެ.
ފަތިހު ނޫރާއަށް ހޭލެވުނީ ފޯނު އެލާމު ވުމުންނެވެ. ހަމަ ހޭލެވުމާއެކު ފުންމައިގެން ތެދުވެވުނެވެ. އޭނާ ނިދާފައި އެއޮތީ އެއްޗިހިވެސް ބަދަލު ނުކޮށެވެ. އެއީ ކީއްވެ ބާއެވެ. ސިކުންތުކޮޅަކަށް ނަމަވެސް އޭނާއަށް އެކަން އެގޮތަށް ކުރެވުނީ ކީއްވެ ކަން އޮޅުނެވެ. އެހެނަސް މާ ގިނަ އިރެއް ނުވެ ހުރިހާ ކަމެއް ހަނދާންވެއްޖެވެ.
އެނދުމަތީގައި އޮތް ހަމްޒާގެ އައިޑީކާޑު ނަގާ މޭޒުމަތީގައި ބޭއްވިއެވެ. ކޮންމެ ގޮތެއް ވިޔަސް، މިއަދު ފިހާރައަށް ގޮސް ނާޝިދާ އާ އެ ކާޑު ހަވާލުކުރަން ނޫރާ ނިންމިއެވެ. އަދި އިތުރަށް އެކަމާ ނުވިސްނަން އޭނާ އަޒުމްކަނޑައެޅުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ފަތިސް ނަމާދުގެ ބަންގި ގޮވުމާއެކު ނަމާދަށް ތައްޔާރު ވުމަށް ނޫރާ އަވަސްވެގަތެވެ. އޭނާގެ ހިތަށް ވެރިވެފައިވާ އުދާސްކަން ފިލާނީ ނަމާދު ކޮއްލުމުން ކަމުގައި ނޫރާއަށް ގަބޫލު ކުރެވުނެވެ.
********
ފިހާރައަށް ދިއުމަށްޓަކައި ނޫރާ ބޭރަށް ނިކުތްއިތު ވާރޭ ކަނި ޖަހަމުން ދެއެވެ. އުޑުމަތީގައި ވިލާ ބޯކަމުން، ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ ބޯކޮށްލާފާނެހެންނެވެ. ވައި ވެސް ނުހަނު ގައެވެ.
''މިއޮތީ ބޮޑު ކުޑަ........ ދަރިފުޅު ތި ގެންގުޅޭ ކުޑައިން ހިޔާވާނެ ހެނެއް މަންމައަކަށް ހިޔެއް ނުވޭ..........'' ނޫރާ އޭނާ ގެންގުޅޭ ކުޑަ ހުޅުވާލުމުން ޒަރީނާ ނޫރާއަތަށް ބޮޑު ކުޑައެއް ދިއްކޮއްލިއެވެ.
''މަންމާ........ މިކުޑަވެސް ރަނގަޅޭ........ އެހާ ވާރޭ ބޮލެއްވެސް ނޫނެއްނު......... ދެން ހިނގާ އަވަހަށް ދަމާ...... މިހާރު އަށެއް ޖަހަނީ......... ކޮބާ ބައްޕަ .......'' ނޫރާ އުނދޯލިގޭ ތެރެއަށް ނަޒަރު ހިންގާލަމުން ސުވާލު ކޮށްލިއެވެ.
''ބައްޕަ ވެއްޖެ މަސްކޮޅެއް ގަންނަންގޮސް........ މިއަދު މެންދުރަށް ގަރުދިޔަ ކައްކަންކަމަށް........'' ދެމައިން މަގުމައްޗަށް ނިކުމެ ހިނގައިގަތެވެ. މަގުގައި ތާރު އަޅާފައި އޮތަސް، ދެފަރާތު ކާނުގަނޑު ފުރިގެން ފެން ނުހިނދޭތީ މަގުގެ ބޮޑުބައެއްގައި ވަނީ ފެންގަނޑު ހަރުލާފައެވެ. ދެމައިން ނަގައިގެން ތިބި ކުޑައިގާ އަޅާ ގަދަ ވައިގެ ސަބަބުން ޕޭވްމަންޓްމަތިން ދެމައިން ކުރިއަށް ދިޔައީ ނިކަން ހުޝިޔާރުވެ ތިބެ ކުޑަ އެކި ގޮތްގޮތަށް އަރި ކުރަމުންނެވެ. ވާރޭ ބޯ ކުރަމުން ދާތީ ހިނގުން ހަލުވި ކުރަމުން ދިޔައީ ނުތެމި އެހިސާބަށް ފޯރާތޯއެވެ. އެހެންނަމަވެސް މިހާރުވެސް ނޫރާގެ ހެދުމުގެ ބޮޑުބައެއް ވަނީ ތެމި ފޯވެފައެވެ. ހެދުން ގަޔަށް ދޫކޮށް އޮތުމުން، ވަޔާ ވިހުރުވޭލެއް ބޮޑުވީމާ ކުޑައިން ބޭރުވާބައި އޮތީ އެއްކޮށް ތެމިފައެވެ.
ކުއްލިއަކަށް ވާރޭ ބޯކޮށްލައިފިއެވެ. ނޫރާގެ ދެމައިންނަށް މަޖުބޫރުވީ ހިޔާ ތަންކޮޅެއް ހޯދާށެވެ. އެހެންކަމުން ދާދިގާތުގައިވާ ގެއެއްގެ ގޭޓްގައި ހިޔާ ކޮށްފައިވާ ތަންކޮޅެއްގައި ދެމައިން މަޑުކޮއްލިއެވެ. ނޫރާ ގަޑި ބަލާލިއެވެ. ގަޑި ޖެހެނީއެވެ. އޭނާ ގަޑި ޖެހޭކަށް ބޭނުމެއް ނޫނެވެ. އެކަމަކު ވާރޭ ވެހެނީވެސް މާ ބޯކޮށެވެ. ޖެހިގެން ހުންނަ މީހާ ނުފެންނަހާ ބޯކޮށެވެ. ދެން ހަނދާނީ ކިހިނެތް ހެއްޔެވެ. ޓްކްސީ އަކަށް ގުޅިޔަސް ނިކަން ލަސްވާނެއެވެ. ނޫރާ އަދި މިވީހާތަނަށް ގަޑި ޖެހިފައެއް ނޯންނާނެއެވެ. ގަދި ޖެހިދާނެތީ އޭނާ ހުރީ ނިކަން ކަންބޮޑުވެފައެވެ.
''އާދޭ ........ ގެންގޮސްދޭނަން...........'' ނޫރާމެންގެ ކުރިމައްޗަށް ކާރެއް މަޑުކޮއްލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 28 ޖެނުއަރީ، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް