މިދިޔަ ހަފްތާ ދައުލަތުން ކުރި ހަރަދަށް ވުރެ އާމްދަނީ އިތުރު

ވޭތުވެދިޔަ ހަފުތާގައި ދައުލަތުން ކުރި ހަރަދަށްވުރެ އާމްދަނީ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދު އާންމު ކުރި ...

28 Jan 2019 | 09:54

ވޭތުވެދިޔަ ހަފުތާގައި ދައުލަތުން ކުރި ހަރަދަށްވުރެ އާމްދަނީ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ހަފުތާގައި ދައުލަތުން ވަނީ 510.8 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެ ގޮތުން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހުނީ ދައުލަތުގެ ހިންގުމަށާއި އިދާރީ ކަންކަމަށް ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ. އެ ގޮތުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 253.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ.

މިދިޔަ ހަފުތާގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 909.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ރިޕޯޓުން ދައްކައެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، އެންމެ ބޮޑު އަދަދެއް އާމްދަނީގެ ގޮތުގައި ލިބުނީ އިމްޕޯޓް ޑިއުޓީންނެވެ.

ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރެއިން ވެތުވެ ދިޔަ ހަފްތާ އެންމެ ބޮޑު ހަރަދެއް ކުރީ އެޑިއުކޭޝަން މިނިސްޓްރީންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވޭތުވެ ދިޔަ ހަފްތާ 152 މިލިއަން ހަރަދު ކުރި އެވެ. ބެލެވޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ އިން ބޮޑު ހަރަދެއް ކުރަން ޖެހުނީ ވޭތުވެ ދިޔަ ހަފްތާއަކީ ސުކޫލުތައް ހުޅުވުނު ހަފްތާއަށް ވުމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އާ ސަރުކާރުގެ ވައުދުތަކުގެ ތެރެގައި ހިމެނޭ ކުދިންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމް މިދިޔަ ހަފްތާގައި ފަށައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި ހަރަދަށް ފަހުގައި، ދައުލަތުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ޕެންޝަން ދިނުމަށެވެ. އެ ގޮތުން ޕެންޝަން ބަޖެޓުން 107.7 މިލިއަން ރުފިޔާ ހޭދަކުރިއިރު، ފިނޭންސް މިނިސްޓްރީގެ ސްޕެޝަލް ބަޖެޓުން 131.5 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް