ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވާނެކަމަށް އަދި އިންސާފު ލިބޭނެކަމަށް ނުދެކޭ ކަމުގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ސައީދު މިހެން ވިދާޅުވީ ސީއެންއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޯމަތިވިއިރު ވެސް ރައީސް ޔާމީން ޖަލަށް ލައި އެކައުންޓްތައް ފްރީޒްކުރި ގޮތަށް ކައުންސިލް އިންތިހާބު ބޯމަތިވިއިރުވެސް ހާލަތު މިއޮތީ އެގޮތަށް ކަމަށެވެ. މިއީ ޑިމޮކްރަސީގެ ނަމުގައި ރޭވުންތެރިކަމާއެކު ކުރަމުން އަންނަ ކަމެއް ކަމުގައި ސައީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައީސް ޔާމީން މިނިވަންވެދާނެ ކަމަށް ގަބޫލުނުކުރައްވާކަމުގައި ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޑިމޮކްރަސީގެ ނަމުގައި އޮޕަރޭޓް ކުރަމުންދަނީ މުޅިން އެހެން ސިސްޓަމެއް ކަމަށެވެ. ސަރުކާރު އޮޕަރޭޓް ކުރަމުން އަންނަނީ ކިޔައިދޭން ނޭނގޭ ސިސްޓަމަކަށް ކަމަށެވެ.
އެހެންނަމަވެސް ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި އިދިކޮޅު ކޯލީޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމުގައިވެސް ސައީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް