ޕްލާސްޓިކް ފުޅި މަދުކުރުމުގެ ޤައުމީ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙުކޮށް، ސްކޫލުތަކުގެ ދަރިވަރުންނަށް ސުޕަ ފެންފުޅި މިއަދު ލޯންޗުކޮށްފިއެވެ.
މި ހަރަކާތަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެކްޝަން ޕްލޭންގައި ޕްލާސްޓިކް ފުޅި މަދުކުރުމުގެ ޤައުމީ ކެމްޕެއިންއެއް ފެށުމަށް ވެފައިވާ ވަޢުދުގެ ދަށުން ކުރިއަށް ގެންދެވޭ ހަރަކާތެކެވެ.
'ސުޕަ ފެންފުޅި' އަކީ އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ނުވަތަ ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ގުޅިގެން ޔުނިސެފް ގެ އެހީގައި ރާއްޖޭގެ ހުރިހާ ސުކޫލްތަކަށް ފޯރުކޮށްދެވޭ ފުޅިއެކެވެ.
މިއަދުގެ ހަރަކާތުގައި ފެންފުޅި ހަވާލުކުރެވޭނީ ޖުމްލަ 15 ސްކޫލަކަށެވެ. އަދި ރާއްޖޭގެ 3 ސަރަޙައްދެއްގައި 'ސުޕަ ފެންފުޅި' ސްކޫލްތަކާއި ހަވާލުކުރުމުގެ ހަރަކާތްތަކެއް ޔުނިސެފާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންއާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި ކަމުގައި އެޑިއުކޭޝަނުން ބުނެއެވެ.
ކުޑަ ކުދިންނަށް ޙާއްޞަކޮށްގެ ތައްޔާރުކޮށްފައިވާ މި 'ސުޕަ ފެންފުޅި' އަކީ ކެމިކަލްގެ ވިހަ މާއްދާއެއް ކަމައްވާ ބީ.ޕީ.އޭ ނުހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ފެންފުޅިއެއްކަމަށާއި މި ކެމްޕެއިންގެ މަގުޞަދަކީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބާރު އެޅުމާއި ކުޑަކުދިން މިކަންތައްތަކަށް ހޭލުންތެރިކުރުވުންކަމުގައި މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން މިހާރުވަނީ ފޭސް އައުޓް ޕްލޭނެއްގެ ދަށުން ސިންގަލް ޔޫޒް ޕްލާސްޓިކްގެ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން ހުއްޓުވުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިކަން ކުރާނެގޮތުގެ ސްޓްރެޓަޖީ އެކުލަވާލުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ.
މި ކެމްޕެއިންގެ ދަށުން ޕްލާސްޓިކު އުފެދޭ މިންވަރު މަދުކުރުމަށާއި އަލުން ބޭނުންކުރުމުގެ އާދައަށް ކުޑަކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަދި ޔުނިސެފްގެ އެހީގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް 2019 ވަނަ އަހަރުގެ ގްރޭޑް އެކަކަށް އަލަށް ވަންނަ ހުރިހާ ދަރިވަރުންނަށް ރީފިލްކުރެވޭ (ބީޕީއޭ ފްރީ) ފެންފުޅި ފޯރުކޮށްދެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް