ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އައު ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފައްދަން، އިލެކްޝަންސް ކޮމިޝަނުން މިއަދު ހުއްދަ ދީފިއެވެ.
އިލެކްޝަންސުން ބުނެފައިވާގޮތުގައި 3000 މެމްބަރުން ހަމަކުރުމުގެ ފުރުސަތު އެ ޕާޓީއަށް އީސީން މިހާރު ވަނީ ދީފައެވެ.
އައު ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ ސިޔާސީ ގޮތުން ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމުގައިވާ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށެވެ. މި ހުއްދަ ދީފައިވަނީ ދެ ފަހަރު ހުށަހެޅުމުންނެވެ.
އެންމެ ފުރަތަމަ ހުއްދައަށް އެދުމުން އީސީން ހުއްދަ ދީފައިނުވަނީ އަދުރޭ އޭރު ހުންނެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކަމަށްވާތީއެވެ. ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުރެ ޕާޓީއެއް ރަޖިސްޓްރީ ކުރަން ހުށަހަޅަން ގާނޫނު ތަނެއް ނުދެއެވެ. ދެވަނަ ފަހަރަށް ރަޖިސްޓްރީ ކުރަން އަދުރޭ ހުށަހެޅީ ޕީޕީއެމްއިން އިސްތިއުފާ ދިނުމަށްފަހުގައެވެ.
މި ޕާޓީ ރަޖިސްޓްރީ ކުރަން ހުއްދަ ދިނުމާއެކު ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގެ އަދަދު މި ވަނީ ހަތަކަށް އަރާފައެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، އެމްޓީޑީ އަދި ލޭބަރ ޕާޓީގެ އިތުރުން މިއަދު ހުއްދަ ދިން ޕީއެންސީ ޕާޓީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް