ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޅ. ނައިފަރަށް ވަޑައިގެންފި އެވެ.
ރައީސް ސޯލިހު ނައިފަރަށް ވަޑައިގެންނެވީ ނ، ރ އަދި ޅ އަތޮޅުގެ ބައެއް ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެވެ. އެ ރަށުން ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމަށް ކައުންސިލް މެންބަރުންނާއި ރައްޔިތުން ނިކުމެވަޑައިގެން ތިއްބެވި އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ނައިފަރު ކައުންސިލާ ބައްދަލު ކުރައްވާ ފައިވާއިރު ކައުންސިލް މެންބަރުން ވަނީ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ. އަދި މަޝްރޫއުތައް ކުރިޔަށް ގެންދަން ހުރި ގޮންޖެހުންތައް ހިއްސާ ކުރެއްވި އެވެ.
މި ދަތުރުފުޅުގައި ރައީސް އިއްޔެ ހަވީރު ވަނީ އެމަނިކުފާނުގެ އުފަން ރަށް ޅ. ހިންނަވަރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި ރައްޔިތުންގެ ހާލު ބެއްލެވުމުގެ އިތުރުން އަމިއްލަފުޅު ގެއަށް ޒިޔާރަތް ކުރެއްވި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ ރ. ދުވާފަރުގައި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި މިއަދު ނ. ހެނބަދޫއަށް ވަޑައިގެނ އެރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމު ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް