މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗައް ބިނާކޮށް ލިޔެފައިވާ ކުރުވާހަކައެކެވެ. މި ވާހަކައިގައި ހިމަނާފައިވާ ނަންތަކަކީ އަސްލު ނަންތަކެއް ނޫނެވެ.
ފުނޑުފުނޑު ކޮށްލީ މަޢުޞޫމު އަހަރެންގެ ސްކޫލް ދައުރުގެ ޙަޔާތެވެ. އިއްޔެ ހިނގާދިޔަ ޙާދިސާއެއް ފަދައިން މިއަދުވެސް ހަނދާން އެބަހުއްޓެވެ. ހަނދާން ނެތޭނީވެސް ކިހިނަކުން ހެއްޔެވެ؟ އަހަރެންގެ ކުލަފޮށީގެ ހުރިހާ ތުނޑެއް ބިންދާލީ ޚުދު އަހަރެންގެ މުދައްރިސުންނެވެ. އެއްފަހަރަކު ނޫނެވެ. އެތައްފަހަރެއްގެ މަތިންނެވެ.
ވަރަށްވެސް ދުރު ހަނދާނެކެވެ. ކިތަންމެ ވަރަކަށް ހަނދާނުން ފޮހެލަން މަސައްކަތް ކުރިޔަސް، ލިބުނު އަނިޔާގެ ބޮޑުކަމުން، އެ ޙާދިސާތައް ހަނދާނުން ފޮހެލަން ދަތިވީއެވެ. ބިރުވެރި މަންޒަރެކެވެ. ތަކުރާރު ވަމުންދާ އަޑެކެވެ. ކަންފަތުގައި އެ އަޑު ޖެހި، އަހަރެންނަށް ނިދިން ހޭލެވެއެވެ. އަދި އެގޮތުގައި، ނިދިން މަޙްރޫމްވެ، ކޮޓަރީގެ އެއް ކަނެއްގައި އިނދެ އެކަނި ރޮއެ ހަދަމެވެ. އޭރު އަހަރެންގެ ޢުމުރުން އެންމެ 7 އަހަރެވެ. ރަށު މަދަރުސާގައި އަހަރެން ކިޔަވަމުން ދިޔައީ ގްރޭޑް އެކެއްގަ އެވެ.
މަންމައާއި ދުރުގައި ހުރެ ކިޔަވަން ޖެހުމަކީ، ކުޑަކުޑަ އަހަރެންނަށް އުނދަގޫ ކަމަކަށްވިއެވެ. ނަމަވެސް، މަޖުބޫރު ވެފައިވާ އަހަރެންނަށާއި ޢާއިލާއަށް، ކޮއްކޮގެ ފުރާނަ މާ މުހިންމު ވިއެވެ. އެގޮތުން، އަހަރެން ބޮޑު ދައިތަ ގާތުގައި ބަހައްޓާފައި، މަންމަ މާލެ ދިޔައީއެވެ. އިތުރު ފަރުވާއަށް ކޮއްކޮ ގޮވައިގެންނެވެ. އަހަރެންވެސް ބަލާ އަންނާނެ ކަމަށް ވަޢުދު ވަމުންނެވެ. ކަންމިހެން ހުރުމާއިއެކު، އަހަރެންނަށް މައެއްގެ ލޯތްބަށް ތެޅިގަނެވުނެވެ. މުދައްރިސާގެ އަރިހުންނެވެ. އާދޭހާއި އެކުގައެވެ. އަހަރެން އާދޭސް ނުކުރަންވީ ފަހެ ކީއްވެ ހެއްޔެވެ؟ މުދައްރިސާ، މަންމައާއި ހާދަހައި ވައްތަރެވެ! ފެންނަ ކޮންމެ ފަހަރަކު، އުފަލުންގޮސް ބައްދާލަމެވެ. މުދައްރިސާ ގައިގައި އަހަރެންގޮސް ބައްދާލާ ކޮންމެ ފަހަރަކު، މުދައްރިސާ އަހަރެން ދުރުކޮށްލަނީ ރަޙުމު ކުޑަ ގޮތަކަށެވެ. އެހެނަސް، އަހަރެންގެ ޅަ ސިކުނޑިއަށް އޭރު ވިސްނޭނީ ފަހެ ކޮން އެއްޗެއްތޯއެވެ؟
ދުވަސްތައް އެގޮތުގައި ވޭތުވަމުންގޮސް، ޓީޗަރުންގެ ދުވަސް އަންނަން ދެ ދުވަހަށް ވެއްޖެއެވެ. ދުވަސް ގާތްވަމުން ދިޔަ ވަރަކަށް އަހަރެންގެ ކެތްތެރިކަން ކުޑަވަމުންދިޔައެވެ. ކީއްވެކަން އެނގިލައްވާހެއްޔެވެ؟ އަހަރެންގެ، ދެ އަތުން ލިޔެ ޖަރީކޮށްފައިވާ ހަމައެކަނި ކާޑު މުދައްރިސާއަށް ދިނުމަށެވެ. އަހަރެން މުދައްރިސާ ދެކެ ވަރަށް ލޯބިވާ ވާހަކައެވެ. މަންމަ ރަށުގައި ނެތް ވާހަކައެވެ. އަދި މުދައްރިސާ މަންމަ އާއި ވަރަށް ވައްތަރު ވާހަކައެވެ.
ކޮންމެއަކަސް، ޓީޗަރުންގެ ދުވަސް އައިސް ޖެހިއްޖެއެވެ. އަހަރެން އެ ދުވަހު ސްކޫލަށް ދިޔައީ ވަރަށް އުފަލުން ހުރެ އެވެ. މުދައްރިސާއަށް ކާޑު ދިނުމުން، މުދައްރިސާ އަހަރެންނަށް ތަޢުރީފު ކުރާނެކަމަށް އުންމީދުކޮށްގެނެވެ. އެހެނަސް، ކަން ހިނގާދިޔައީ ދިމާ އިދިކޮޅަށެވެ. އަހަރެންގޮސް ކާޑު ދިއްކޮށްލުމާއި އެކު ރުޅިވެރިކަންމަތީ ކާޑު ވީދާލައި އަހަރެންގެ އަތައް ދިނީ އެންމެ ފަހަރަކުވެސް އޭގައިވާ އެއްޗެއް ބެލުމެއް ނެތިއެވެ. ކޮންފަދަ ބަދުނަސީބު ވެރިޔަކީމު ހެއްޔެވެ. އަހަރެންގެ އެތައް ދުވަހައެއްގެ މަސައްކަތެވެ. އަހަރެން ބޮޑުދައިތަ ގާތުގައި ބޮޑާހާކައިގެން ގަނެ، ތަތްކޮށްފައިވާ އިސްޓިކާތަކެވެ. އަހަރެންނަށް އިދިކޮޅަށް އެޅިފައިވާ "މ" އަކުރެވެ. އެ އަކުރުން ފެށޭ އެންމެ ރީތި ބަހެވެ. "މަންމަ" ވެސް މެއެވެ. އެދުވަހު، މުދައްރިސާ ވީދައި ކުދިކުދި ކޮށްލީ އަހަރެން ދިން ކާޑެއް ނޫނެވެ. އަހަރެންގެ ހިތެވެ. އަހަރެން ޓީޗަރަކަށް ކުރަމުންއައި ޤަދަރާއި ޢިއްޒަތެވެ. އަހަރެންގެ އިޙްސާސްތަކެވެ. އަދި އަޑު ހަރުކޮށް، ހުރިހާ ކުދިން ތެރޭގައި ބުނަމުން ދިޔައެވެ. " މާލާ އަދިވެސް ނުކިޔަވާ ކާޑުތަ ހަދަންވީ؟ މިދިޔަ ޓާރމްވެސް ހުރިހާ ޓެސްޓަކުން ފެއިލްވީ! ކުއްޖާ ފެއިލްވާ އިރަށް އަހަރުމެން ބޮލަށް އަރައިގަންނާނެ. ދަރިން ދޫކޮށްފަގޮސް މި މީހުންގެ މައިންބަފައިންނަށް އުޅެވޭ ނޫޅެވޭ ތަނެއް ނޭނގޭ ވިއްޔަ! މީހަކާ ދަރިން ހަވާލުކުރީމަ ފެނެއެއްނު މަންޒަރު. ދެން ބުނާނެ ޓީޗަރުން ކިޔަވައިދޭ ގޮތޭ. މެނޭޖްމެންޓް އޭ، އަނެކެއްޗެކޭ.. އަން! މި ގެންގޮސް އެހެރަ ކުނި ވަށިގަނޑަށްލައި"
މުދައްރިސާގެ އަޑު ކެނޑުމާއިއެކު ހުރިހާ ކުދިން އެއްފަހަރާ ހޭން ފަށައިފިއެވެ. ހުރިހާ ކުދިންގެ ތެރޭގައި ފަޟީޙަތްވެ، ރައްޓެހިން ގެއްލުނީއެވެ. އެ ފިޔަވަޅު މަތީގައި، ކުދިކުދި ވެފައިވާ އަހަރެންގެ އިޙްސާސްތައް އަތަށްލައިގެން ހުރެ ރޯންފެށީމެވެ. ހުނުމުގެ އަޑު އިތުރަށް ގަދަވެގެން ދިޔައެވެ. އަހަރެންނާއި ހެދީ އުނދަގޫވާކަމަށްބުނެ، އަތު ލަފިކޮށްގެން ގޮސް ކްލާސް ބޭރުގައި އަހަރެން ބަހައްޓައިފިއެވެ. ރޮއެ ނިމުމުން، ކްލާހަށް ވަންނާށޭ ބުނަމުންނެވެ. އަހަރެންގެ ޅަ ސިކުނޑިއަށް ވިސްނޭނީ ކޮން އެއްޗެއްތޯއެވެ؟ އެ ގަޑި އެއްކޮށް ދިޔައީ އެގޮތުގައެވެ. އިތުރު އެހެން ގަޑިތައް ދިޔައީ ކްލާހުގެ އެއްކަނެއްގައި އެކަހެރި ކަމާއި އެކުގައެވެ.
ކްލާސްތައް ނިންމާލުމަށްފަހު، ގެއަށް ދިޔައީ ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނޭފަދަ އިޙްސާސްތަކެއް ހިފައިގެންނެވެ. އެއީ ކިހިނެއްވާ، ކޮން އެއްޗެއްކަންވެސް ނޭނގޭ ޙާލުގައެވެ. އެހާ ހިސާބުން އެކަން ނިމިގެން ދިޔައީކަމަށް އުންމީދު ކުރަމުންނެވެ. އެހެނަސް އޭގެ ދެ އަހަރުފަހުން، ދިމާވީ އެއަށްވުރެ ހިތާމަވެރި ޙާދިސާ އަކާއެވެ. އެ ޙާދިސާގެ ސަބަބުން، ގްރޭޑް 10 ނިމުމާއި ހަމައަށްވެސް މަލާމާތާއި ފުރައްސާރަތައް ކުރިމަތިވަމުން ދިޔައެވެ. އަދި މިހާރުވެސް މަގުމަތިން އަހަރެން ފެނިއްޖެނަމަ، މަލާމާތްކޮށް އަހަރެންނާއި ފޮށި ހަދައެވެ.
އެއީ ގްރޭޑް ތިނެއް ގައި އަހަރެން ކިޔަވަމުންދިޔަ އަހަރެވެ. އާދައިގެ ދުވަހެކެވެ. މާބޮޑު ޚާއްޞަ ކަމެއް ނެތެވެ. އާދައިގެމަތިން، އަހަރެން ކްލާހަށްވަދެ ކްލާހުގެ ކަނާތްފަރާތުގެ ކަނުގައި އަހަރެންނަށް ޚާއްޞަ ކުރެވިފައިވާ ގޮނޑީގައި ގޮސް އިށީނީމެވެ. އާނއެކެވެ. ކްލާހުގައި އަހަރެންވަނީ އެކަނި ބާކީ ކޮށްލާފައެވެ. އެހެން ކުދިން ފަދައިން، މޮޅު ކުއްޖަކަށް ނުވީތީއެވެ. ސުވާލުގެ ޖަވާބުތައް ނުބައިކޮށް ދޭތީ، ކްލާހުގައި ވާހަކަ ދެއްކުމަކީވެސް އަހަރެންނަށް މަނާ ކަމެކެވެ. މަޖުބޫރު ޢުޒުރެއްނެތިއެވެ. އެގޮތުން، އެ ދުވަހުގެ ދެ ވަނަ ގަޑި އެވެ. އަހަރެން ވަރަށް ބޮޑަށް ކުޑަކަމުދާން ޖެހިގެން އަތް ނަގައިފީމެވެ. ފާޚާނައަށް ދިއުމަށް މުދައްރިސްގެ އަރިހުން ހުއްދަ ހޯދުމަށެވެ. އަތް ނަގާއިރަށް ކީއްވީތޯ ސުވާލު ކުރިއެވެ. ޖަވާބުގައި، ފާޚާނާއަށް ފޮނުވުމަށް އެދުނީމެވެ. އެހެނަސް، އަހަރެންގެ ކެތްތެރިކަމަށް މުދައްރިސް ދެއްވީ ފިނި ޖަވާބެކެވެ. " ދެވަނަ ގަޑީ މާލާ ކީއްކުރަން ފާޚާނައަށް ދަނީ؟ ކްލާހުގަ ނީންނަން ވެގެންދޯ؟ މަޑު ކުރޭ ގަޑި ނިމެންދެކަށް!" އަހަރެން މާޔޫސްވެ، އިތުރަށް ކެތްތެރި ވެވޭތޯ ބެލީމެވެ. އެހެނަސް އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލެވުނެވެ. ކުޑަކަމުދާންވެފައި ހުރިލެއް ބޮޑުކަމުންނެވެ. މުދައްރިސްގެ ޖަވާބަކަށް ބަދަލެއް ނާދެއެވެ. ތިން ފަހަރު އެ ގޮތަށް ތަކުރާރު ކުރުމުން، މުދައްރިސް ގާތަށް ރުޅި ދުރުވެ، އަހަރެން ކޮށްޅަށް ނަގައިފިއެވެ. އެއްވެސް ޝަކުވާއެއް ނުކުރަމެވެ. އެހެނަސް، ކެތްކުރެވުނީ ހިނދުކޮޅަކަށެވެ. މަލާމާތުން، މުޅި ކްލާސް ގުގުމާލައިފިއެވެ. އެތައް ކުދިންނެކެވެ. މުދައްރިސްގެ ރުޅިވެރި ކަމާއި ހަރުކަށި ކަމުންނެވެ. އަހަރެންގެ އިޙްސާސްތައް ނޭނގުނީތީ، އަހަރެންނަށް ގަޔަށް ކުޑަކަމު ދެވުނީއެވެ. ލަދުން ރޮވިއްޖެއެވެ. ވަގުތުން އަހަރެން ކްލާހުން ބޭރަށްނެރެ ގެއަށް ފޮނުވާލެވުނެވެ. އެންމެނަށްވެސް އަހަރެންގެ ކުށް ފެނުނެވެ. އެހެނަސް ކުށް ކުރެވުނީ އަހަރެންނަށް ހެއްޔެވެ؟ ކުއްވެރިއަކީ އަހަރެންހެއްޔެވެ؟
އެ ދުވަހަށް ފަހު، ސްކޫލްވެގެން ދިޔައީ އަހަރެންނަށް މަލާމާތާއި ފުރައްސާރަ ކުރަމުންދިޔަ މާލަމަކަށެވެ. ކުލާހުގެ އެހެންކުދީން މަޖާކޮށް، މުނިފޫހި ފިލުވަމުންދިޔަ ކިއްލާއަކަށެވެ. އަހަރެންނަށް އިޝާރާތްކޮށް ހީނ ހަދައެވެ. ހަމަ ފެނުމާއެކު، "މިއަދުވެސް ކުޑަކަމު ނުދަންހެއްޔޭ" ގޮވާ ހަދައެވެ. އެހެނަސް އެ ހުރިހާ ކަމަކަށް އަހަރެން ބީރު ކަންފަތެއް ދިނީ، ދިރިހުރުމަށެވެ. އެހެން ކުދިންފަދަ ފިނޑި މީހެއްކަމުގައި ނުވުމަށެވެ. އަހަރެންގެ ހުވަފެންތައް ޙަޤީގަތަކަށް ހެދުމުގެ މަޤްޞަދުގައެވެ.
އަހަރުތައް ވޭތުވަމުން ދެއެވެ. ކުލަފޮށީގެ ބިނދިފައިވާ އެއްވެސް ކުލައެއްގައި ތުނޑެއް ނުޖެއެހެވެ. ޙަޔާތުގައި ކުލަޖައްސާނީވެސް ކިހިނަކުންހެއްޔެވެ؟ ތުނޑެއްނެތްތާނގައި، ތުނޑު ޖަހާނެ ދައްޗެއްވެސް ނެތީއެވެ. 12 ކުލަ ހިމެނޭ ރީތި ކުލަފޮށްޓެކެވެ. ކޮންމެ އަހަރަކާއި އެކު، 1 ކުލަ މަދުވެގެން ދެއެވެ. އެލް.ކޭ.ޖީ އިން ފެށިގެން މިއަދާއި ހަމައަށް 11 ކުލައިގެ ތުނޑު ބިނދިއްޖެއެވެ. ބާކީ އޮތީ ހަމަ އެންމެ ކުލައެކެވެ. އެގޮތުން، ގްރޭޑް 10 ގެ އަހަރެވެ. ހަމަ، އެ މަލާމާތްތަކާއި ފުރައްސާރައިގެ ތެރޭގައި އަހަރެން ނޭވާލަމުން ދިޔައީމެވެ. ހީނ މަލާމާތްކޮށް، ދެވަނަ ޓާރމް ފެށެން ގާތްވެފައިވަނިކޮށް ބާކީއޮތް ކުލައިގެ ތުނޑުވެސް ބިންދާލައިފިއެވެ. ނުވެސް އެނގިހުއްޓައެވެ. އެ ކުލަ ބިންދާލުމަށްފަހު، އަހަރެންގެ ނަން ކުލަފޮށްޓަށް ބަދަލުވެގެން ދިޔައެވެ. ކީއްވެކަން އެނގިލައްވާހެއްޔެވެ؟ އަހަރެންގެ އެއްވެސް ކުށެއްނެތިއެވެ. އަހަރެންގެ ހަމައެކަނި ކުށަކަށްވީ، ހެދި ބޮޑުވުމުގައި މައްސަލަތަކެއް ދިމާވެފައި ހުރުމެވެ. ހެދި ބޮޑުވުމުގައި ދިމާވެފައިވާ މައްސަލަ ތަކުގެ ސަބަބުން، އެހެން ކުދިންނަށްވުރެ އަހަރެން ހިކި ވުމެވެ. އެ ސަބަބަށްޓަކައި، އަހަރެންނަށް "ކުލަފޮށި" ގެ ނަމުން ނަންދެވިގެން ދިޔައެވެ. އެދުވަހުން ފެށިގެންގޮސް، މިއަދާ ހަމައަށްވެސް އަހަރެން މަގުމަތިން ފެންނަ އިރަށް، " ކޮބާ ކުލަފޮށި، މިއަދުވެސް ކުޑަކަމު ނުދަން ހެއްޔޭ" ގޮވައި ދިމާކޮށް ހަދައެވެ. އެކަހެރިވެ، އެކަންތައް ހަނދާންވާ ކޮންމެ ފަހަރަކު ރޮއެ ހަދަމެވެ. ނަމަވެސް ފަހު އަހަރޭ ހިތައި ކެތްކޮށްލީމެވެ. ކެތްތެރިވެ އަހަރެންގެ 10ގެ އަހަރުވެސް ނިންމާލީމެވެ.
އުންމީދު ކުރިވަރަށްވުރެ އަހަރެންގެ ނަތީޖާ މާބޮޑަށްވެސް ރަނގަޅެވެ. މަންމަ އާއި ބައްޕަ އަހަރެން އިތުރަށް ކުރިއަށްދާން ބޭނުންވަނީ ކޮން ދާއިރާ އަކުންތޯ ސުވާލު ކުރުމުން، ފަޚުރުވެރި ކަމާއެކު އަހަރެން ބުނީމެވެ. " އަހަރެން ވާން ބޭނުމީ މުދައްރިސަކަށެވެ. އަހަރެންފަދަ އެހެން ކުދިންގެ ކުލަފޮށީގެ ކުލަތަކުގެ ތުނޑުތައް ބިންދާކަށެއްނޫނެވެ. އޭގެ ބަދަލުގައި، އެ ކުދިންގެ ކުލަތަކުގެ ތުނޑު ޖަހައިދިނުމަށެވެ." އެގޮތުން، މިކަމުގައި މުޅި ޢާއިލާގެ އެއްބާރުލުންވެސް ވަރަށް ފުރިހަމައަށް ލިބުނެވެ.
މިއަދު، އަހަރެންނަކީ މާލޭގެ މަޝްހޫރު ސްކޫލެއްގައި މަތީ ޘާނަވީ ގްރޭޑްތަކަށް އިނގިރޭސިބަސް ކިޔަވައިދެމުން، އިނދިރޭސިބަހުން މާރސްޓާރސް ހަދަމުންގެންދާ، 'ހަނގާ' އާއި ދެކޮޅަށް އަޑު އުފުލަންކެރޭ ފަޚުރުވެރި ޓީޗަރަކީމުއެވެ.
" ވިސްނާ ލުމަށް އެދެމޭ، ޤިސްލާ ރޮމުން ބުނަމޭ
ވިސްނާ ކިޔާ އިރުގާ، މަރުވާން އަމުރު ނުކުރޭ..."
-ނިމުނީ-
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް