ހެނދިގޮނޑުދޮށުގައި މޫދަށްއެރި އުޅުނު މީހެއްގެ ފުރާނަ ސަލާމަތްކުރި ފުލުހުންނަށް ސީޕީ ޝުކުރު އަދާކުރައްވައިފި

މި ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި ހެންވޭރު ހެދި ގޮނޑުދޮށު ސަރަޙައްދުން މޫދަށްއެރިގެން ބޭރަށްދާން އުޅުނު މީހެއްގެ ފުރާނަ ސަލާމަތް ކުރުމުގައި އެހީތެރިވި 4 ފުލުހުންނާ ބައްދަލުކޮށް...

27 Dec 2014 | 15:53

މި ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި ހެންވޭރު ހެދި ގޮނޑުދޮށު ސަރަޙައްދުން މޫދަށްއެރިގެން ބޭރަށްދާން އުޅުނު މީހެއްގެ ފުރާނަ ސަލާމަތް ކުރުމުގައި އެހީތެރިވި 4 ފުލުހުންނާ ބައްދަލުކޮށް އެފުލުހުންގެ މަސައްކަތަށް ކޮމިޝަނަރ އޮފް ޕޮލިސް ޝުކުރު އަދާ ކުރައްވައިފިއެވެ.

ފުލުހުންނާ ބައްދަލުކުރައްވައި އެފުލުހުންގެ މަސައްކަތަށް ޝުކުރު އަދާކުރައްވައި ހިތްވަރު ދެއްވުމަށްފަހު ދެއްކެވި ވާހަކަ ފުޅުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ހަމަ އެންމެ ރައްޔިތަކަށް ލިބޭ ގެއްލުމަކީވެސް ފުލުހުންނަށް ވަރަށް ބޮޑު ކަންބޮޑުވުމަކާއި ނުތަނަވަސް ކަމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް މީހެއްގެ ފުރާނައަށް ނުވަތަ ބައެއްގެ ފުރާނައަށް ގެއްލުން ލިބޭފަދަ ކޮންމެ ކަމަކުން ދުރުކޮށް އެމީހަކު ނުވަތަ އެބަޔަކު ސަލާމަތް ކުރުމަށް ފުލުހުން ނުކުންނާނީ ފުލުހުންގެ ނަފްސަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއް ނެތިކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް ޤާނޫނު ނެގެހެއްޓުމަށް މެނުވީ ފުލުހުން ދެމި ނުތިބޭނެކަމަށެވެ. އެހެންކަމުން މިރާއްޖޭގައި ދިރިއުޅޭ ހަމަ ކޮންމެ ރައްޔިތަކާއި މިރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ މީހެއްގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ފުލުހުން އަޅާނެކަމުގެ ޔަޤީންކަން ލޮބުވެތި ރައްޔިތުންނަށް އަބަދުވެސް ދެއްވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ރެޔާ ދުވާލުގެ ހުރިހާ ވަގުތެއްގައިވެސް ފުލުހުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދެނީ ރައްޔިތުނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް ކަމަށެވެ. އެކަމުގައި ފުލުހުން ދެމިތިބޭނީ ފިސާރި ސާބިތު ކަމާއެކުގައިކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވިއެވެ.

މިޙާދިސާ ހިނގާފައިވަނީ 2014 ޑިސެމްބަރ 22 ވަނަ ދުވަހު  03:49 ހާއިރުއެވެ. އެވަގުތު ދިވެހި އަންހެނަކު ހެދިގޮނޑުދޮށް ސަރަޙައްދަށް މޫދަށް އެރި އުޅޭ ކަމަށް މަޢުލޫމާތު ލިބުމުން ގަލޮޅު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ 2 ފުލުހުން އެތަނަށް ދިޔައިރު އަންހެން މީހާ މޫދަށް އެރުމަށްފަހު އައިސް އިނީ ވެލިގަނޑު މަތީގައެވެ.

އެއަންހެންމީހާ ކައިރިއަށް ފުލުހުން ދާންފެށުމުންް މޫދަށް އެރި އެއަންހެންމީހާ ބޭރަށްދާން ފެށިއެވެ. އެވަގުތަކީ ދިޔަވަރު ބޮޑު އަދި ރާޅުވެސް ބޮޑު ވަގުތަކަށް ވެފައި ރޭގަނޑުގެ ވަގުތުކަމަށް ވުމުން އެވަގުތު އެތަނުގައި ތިބި 2 ފުލުހުން އިތުރު ފުލުހުންގެ އެހީތެރިކަމަށް އެދުމުން އިތުރު 4 ފުލުހުން އެތަނަށް ދިޔައެވެ.

މި ފުލުހުންގެ ތެރެއިން ޕޮލިސް ސަރޖަންޓް ނަދީޙް ޢަލީ އާއި ޕޮލިސް ކޮންސްޓަބަލް އިބްރާހީމް ޢަޒްމީނު އާއި ޕޮލިސް ކޯޕްރަލް ސަންފާ އިބްރާހީމްދީދީ އާއި ޕޮލިސް ކޮންސްޓަބަލް ޢާއިޝަތު ސާއިގާ މޫދަށް އެރިގެން ފަތާފައިގޮސް އެ އަންހެންމީހާ ސަލާމަތް ކުރީ އާރޓިފިޝަލް ބީޗުގެ ބޭރު ތޮށިގަނޑަށް އަރައިގެން ކަނޑާއިވީ ދިމާލަށްް ދާން އުޅެނިކޮށެވެ.

އެ އަންހެންމީހާގެ ފުރާނަ ސަލާމަތް ކުރުމުގައި އެހީތެރިވި ފުލުހުންނާ ބައްދަލުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސްގެ އޮފީހުގައި މިއަދު އޮތް ބައްދަލުވުމުގައި މާލޭސިޓީ ޕޮލިސްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުޙުﷲ ވަޙީދު ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް