އިނގެރޭސި ޕްރިމިއަރލީގުގެ ބޮކްސިން ޑޭގައި ރޭ ޗެލްސީ އަދި މެންޗަސްޓަރ ސިޓީވެސް ކުޅުނު މެޗުން މޮޅުވެއްޖެއެވެ.
މި ދެޓީމުވެސް ކުޅުނު މެޗު ކާމިޔާބުކުރުމާއެކު ތާވަލުގެ އެއްވަނަ އަދި ދެވަނަ މަގާމަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެއްވަނައިގައި ޗެލްސީ އޮތީ 45 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ސިޓީ އޮތީ 42 ޕޮއިންޓާއެކު 3 ޕޮއިންޓްގެ ފަރަގެއްގައެވެ.
ލަންޑަންގެ ދެޓީމުކަމަށްވާ ޗެލްސީ އަދި ވެސްޓް ހަމް ސްޓެންފަރޑް ބްރިޖްގައި ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ޗެލްސީގެ ފުރަތަމަ ގޯލް މެޗުގެ 31 ވަނަ މިނެޓިގައި ލިބުނު ކޯނަރަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ޖޯން ޓެރީއެވެ. މެޗުގައި މޮޅަށް ކުޅުނު ޗެލްސީގެ ދެވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވަރޑް ޑިއޭގޯ ކޮސްޓާއެވެ. މިއީ ކޮސްޓާ މިސީޒަންގައި ކާމިޔާބުކުރި 13 ވަނަ ގޯލައެވެ.
މެންޗަސްޓަރ ސިޓީއިން ރަށުން ބޭރުގައި ވެސްޓް ބްރޮމްއާއި ދެކޮޅަށް ކުޅުނު މެޗު ސިޓީއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން މާގިނައިރެއްނުވެ ފެނާންޑޯގެ ގޯލާއެކު ސިޓީއިންވަނީ މެޗުގެ ލީޑު ނަގާފައެވެ. އަދި މެޗުގެ 13 ވަނަ މިނެޓުގައި ސިޓީއަށް ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް ސިޓީންވަނީ ފަރަގު ބޮޑުކޮށްފައެވެ. އަނިޔާގެ ސަަބަބުން ފޯވަރޑުންގެ މައްސަލަ ދިމާވެފައިވާ ސިޓީގެ ޕެނެލްޓީ ކާމިޔާބުކޮށްދިނީ މިޑްފީލްޑަރ ޔާޔާ ޓޯރޭއެވެ. ހާފް ނިމުމުގެ ކުރިން ސިޓީއިންވަނީ ތިންވަނަ ގޯލް ކާމިޔާުކޮށްފައެވެ. ގޯލް ކާމިޔާބުކޮށްދިނީ ޑޭވިޑް ސިލްވާއެވެ. ދެވަނަ ހާފްގައޮ ކުޅެންނިކުމެ ވެސްޓް ބްރޮމްއިންވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. ވެސްޓް ބްރޮމްގެ ހަމައެކަނި ގޯލް މެޗުގެ 87 ވަނަ މިނެޓިގައި ކާމިޔާބުކޮށްދިނީ ބްރައުން އިޑޭއާއެވެ.
މިމަހުގެ 28 ވަނަ ދުވަހުގެ ރޭ އަނެތްކާވެސް އިނގެރޭސި ޕްރިމިއަރލީގުގެ މެޗުތަށް ކުޅުމަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް