ރައްޔިތުންނަށް ޚިދުމަތްދީ، ރައްޔިތުންނަށް ބޭނުންވާ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދިނުމުގައި ދިވެހި ފުލުހުން ސާބިތުކަމާއެކު އަބަދުވެސް ދެމި ތިބޭނެ ކަމަށާއި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ފުލުހުންގެ ގޭގެ ދޮރު އަބަދުވެސް ހުންނާނީ ހުޅުވިފައިކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު ވިދާޅުވެއްޖެއެވެ.
ޑީސީޕީ މުޙައްމަދު ޞާދިޤު މިހެން ވިދާޅުވީ އިއްޔެ ހަވީރު ފުވައްމުލަކުގައި ފެށި ބްލޫޒްފޮރ ޔޫތު ކޭމްޕް އިފްތިތާޙް ކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުޙައްމަދު ޞާދިޤު ވިދާޅުވީ ޒުވާނުންނާ ފުރާވަރުގެ ކުދިން ތަރުބިއްޔަތުކޮށް ހަރުދަނާ، ޒިންމާދާރު ބަޔަކަށް ހެދުމަށް ފުލުހުން ކުރަމުންދަނީ ހަމައެކަނި ނަމުން ކުރާ މަސައްކަތެއް ނޫންކަމަށެވެ. ވަކިން ޚާއްޞަކޮށް ޒުވާނުން ތަރުބިއްޔަތުކޮށް މުޖުތަމަޢު ބައްޓަން ކުރުމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރަން ޖެހިފައިވާ މިދަނޑިވަޅުގައި ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށް ޤަބޫލުކުރައްވާ ކަމުގައި މުޙައްމަދު ޞާދިޤު ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޑީސީޕީ މުޙައްމަދު ޞާދިޤު ވިދާޅުވީ ފުލުހުން ހިންގާ މިފަދަ ޕްރޮގްރާމްތައް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގައިދިނުމަށް އެކިރަށްރަށުން އެދެމުންގެންދަނީ މިމަސައްކަތުން އެދެވޭ ނަތީޖާއެއް ފެނިގެންދާކަން ރައްޔިތުން ޤަބޫލު ކުރާތީ ކަމަށެވެ. ވަކިން ޚާއްޞަކޮށް މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިސްނެންގެވުމުގެ މަތިން ބްލޫޒް ފޮރ ޔޫތުގެ ނަމުގައި ހިންގާ މިކޭމްޕްތައް އެކި އަތޮޅުތަކުގައި ހިންގައި ދިނުމަށް އެދެމުންދާއިރު މިކަމުގައި ސަރުކާރުގެ އެއްބާރުލުން ފުލުހުންނަށް ލިބިގެންދާ ކަމަށްވެސް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު ވިދާޅުވިއެވެ.
މުޙައްމަދު ޞާދިޤު ވިދާޅުވީ ސަރުކާރާއި ރައްޔިތުންނާ ގުޅިގެން، ޒުވާނުން ބިނާކޮށް ޒުވާނުންނަށް މަސައްކަތާއި ހުނަރު ދަސްކޮށްދީ ރަނގަޅު މަގަށް މަގުދައްކައި ޒުވާނުން ޒިންމާދާރު ބަޔަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތް ރައްޔިތުންނާ ގުޅިގެން ފުލުހުން ކުރާނެކަމަށެވެ. އެކަމުގެ ހުނަރު ހުރި މީހުން ފުލުހުންގެ ތެރޭގައި އެބަތިބިކަންވެސް މުޙައްމަދު ޞާދިޤު ފާހަގަ ކުރެއްވިއެވެ.
ފުވައްމުލަކުގައި އޮތް މި ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މުޙައްމަދު ޞާދިޤު ވިދާޅުވީ މިފަދަ ޙަރަކާތްތައް ފުވައްމުލަކުގައި ކުރިޔަށް ގެންދިއުމަށް ފުވައްމުލަކު އަތޮޅު ކައުންސިލުންނާއި އެހެނިހެން ކައުންސިލްތަކުން އަދި ސްކޫލު މަދްރަސާތަކުންނާ ރައްޔިތުންގެ ފަރާތުން ލިބިގެންދާ އެއްބާރުލުން ފާހަގަ ކުރައްވާކަމަށެވެ. މިފަދަ ކަންކަމުން ހާމަވެގެންދަނީ ރަށުގެ ވެށި ސަލާމަތް ކޮށް ދަރިން ސަލާމަތް ކުރުމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރުކަމަށާއި ފުވައްމުލަކުގެ ރައްޔިތުން އެދެ ކަންކަން ފުލުހުންގެ ފަރާތުން ކޮށްދެމުން ގެންދާނެކަމަށްވެސް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު ވިދާޅުވިއެވެ.
ބްލޫޒް ފޮރ ޔޫތު ކޭމްޕުގައި ބައިވެރިވި ހުރިހާ ފަރާތްތަކުންވެސް މިކޭމްޕުގައި ލިބިގަންނަ ތަމްރީނާއި ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފައި މުޖުތަމަޢުގައި ހަރުދަނާ ބަޔެއްގެ ގޮތުގައި ދެމި ތިބުމަށް ކޭމްޕުގެ ބައިވެރިންގެ ކިބައިން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު އެދިވަޑައިގަތެވެ. އަދި މުޖުތަމަޢުގެ ކަންކަން ރަނގަޅުކޮށް ޤައުމަށް ފައިދާކުރަނިވި ކޮންމެ މަސައްކަތެއް ކުރުމުގައި ފުލުހުންގެ ޒުވާން ސަފުތައް ބަދަހިކަމާއެކު، ރައްޔިތުންނާ އަތާ އަތްގުޅާލައިގެން އަބަދުވެސް ތިބޭނެކަމުގެ ޔަޤީންކަން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު ވަނީ ދެއްވާފައެވެ.
ފުވައްމުލަކުގައި ފެށި ބްލޫޒް ފޮރ ޔޫތު ކޭމްޕުގައި 60 އަށްވުރެ ގިނަ ބައިވެރިން ހިމެނޭ ކަމަށާއި މިކޭމްޕް 8 ދުވަހުގެ މުއްދަތަށް ފުވައްމުލަކުގައި ކުރިޔަށް ގެންދާނެކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް