ސައިކަލު ވިއްކާ ކަމަށް ބުނެ އޮޅުވައިލި މައްސަލައިގަ ކިންގްސްޓަންއާ ދެކޮޅަށް 139 ދައުވާ އުފުލައިފި

27 Nov 2026 | 14:23
ކްރިމިނަލް ކޯޓު -- ފޮޓޯ: ރައީސް އޮފީސް

ކްރިމިނަލް ކޯޓު -- ފޮޓޯ: ރައީސް އޮފީސް

ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އަގުހެޔޮކޮށް ސައިކަލު ލިބޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އެ ފައިސާ ޓަކައިގެންފައިވާ މައްސަލައިގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މައްޗަށް ޓެކުމުގެ ކުށުގެ 139 ދައުވާ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ދައުވާ އުފުލާފައިވަނީ ދ. ބަނޑިދޫ، ޕޯލާރގްރޭސް، އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށެވެ.

Advertisement

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި ސައިކަލު ގަންނަން ފައިސާ ދެއްކި ކޮންމެ މީހެއްގެ ބައި ވަކި ދައުވާއެއްގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ. މި ދައުވާތައް ބިނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 3 ވަނަ ނަންބަރާ ޙަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ މައްޗަށެވެ.

ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އަޙްމަދު ޢާޠިފް ޙަސަން ވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު، ސައިކަލު ހޯދައިދިނުމަށް މަސައްކަތެއް ނުކޮށް އެ ފައިސާ އެހެން ކަންކަމަށް ޚަރަދުކޮށްފައެވެ. އަދި ސައިކަލެއް ވެސް ފޯރުކޮށްދީފައި ނުވާއިރު ފައިސާ ވެސް އަނބުރާ ރައްދުކޮށްފައެއް ނުވެއެވެ.

މި 139 ދައުވާ ސާބިތުވެއްޖެ ނަމަ ކޮންމެ ދައުވާއަކަށް ވަކިން އަދަބު ކަނޑައެޅޭނެ ކަމަށާއި، މަދުވެގެން 133 އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. މީގެ އިތުރުން، ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި ޖުމްލަ 6,250,420.12 ރުފިޔާ ނަގައިދިނުމަށް ވެސް ވަނީ އެދިފައެވެ.

މި މައްސަލައިގައި ބަދަލު ލިބެންޖެހޭ އިތުރު 11 މީހެއްގެ ބައި އިތުރަށް ތަޙުޤީޤުކުރުމަށް ފުލުހުންނަށް ލަފާ ދީފައިވާ ކަމަށާއި، އެ ތަޙުޤީޤު ނިމުމުން އެ ބައިތަކުގައި ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް