ނޭޕާލުން ހައްޔަރު ކުރި ޔުގީތަކީ ލަންކާއިން ކުރި މަރުގެ ހުކުމަކުން ސަލާމަތްވި މީހެއް!

27 Nov 2026 | 14:05
ޔުގީތު --

ޔުގީތު --

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގެ ހޮޓަލަކުން ގިނަ ޢަދަދެއްގެ ފައިސާ އާއި އެކު ޙައްޔަރު ކުރި ގއ. ވިލިނގިލީ ޔުގީތު އިބްރާހީމް ޢަކީ މަސްތުވާތެކެތީގެ މައްސަލައެއްގައި ސްރީލަންކާގައި މަރުގެ ޙުކުމް އިއްވައި، ދެ މަސް ކުރިން އިސްތިއުނާފީ ކޯޓުން މިނިވަންކުރި މީހާ ކަން ޙާމަވެއްޖެ ޢެވެ.

ޫޔުގީތާއި އެކު މި މައްސަލައިގަ ހައޔަރު ކުރީހއަހަރުގެ ސްނޭހާ ރިމާލް ނަމަކަށް ކިޔާ ނޭޕާލު އަންހެނެކެވެ.

Advertisement

އެ ދެ މީހުން ތިބި ކޮޓަރިން 5.05 މިލިއަން ނޭޕާލީ ރުޕީސް އާއި 4,215 އޮމާނީ ރިޔާލް އަދި 55 ޔޫއޭއީ ދިރުހަމް ހޯދާފައިވެއެވެ.

މި ފައިސާގެ ޖުމްލަ އަގު ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 696,170 ރުފިޔާއަށް އަރައެވެ.

ޔުގީތު ލަންކަ ލަޖުގައި އަށް އަހަރު އޮތެވެ. އޭނާ މިނިވަންވީ އެ މައްސަލައިގަ ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތަކުގައި އޭނާގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތު ނުވާ ކަމަށް ކަނޑައެޅުމުންނެވެ.

ޔުގީތަށް މަރުގެ ހުކުމް ޢިއްވީ 2018 ވަނަ އަހަރު ބަންޑާރަނަޔަކު އިންޓަނޭޝަނަލް އެއާޕޯޓުން ހިފެހެއްޓި އޭނާގެ ފޮށީގެ ތެރޭގައި އޮތް 12 ޕެކެޓެއްގައި 1.296 ކިލޯގްރާމްގެ ހެރޮއިން ހުއްޓާ ފެނިގެންނެވެ.

މި ނިންމުން އިސްތިއުނާފު ކުރުމުން މިދިޔަ ސެޕްޓެމްބަރު މަހު ލަންކާގެ އިސްތިއުނާފީ ކޯޓުން ނިންމީ، ކުށުގެ ނިޔަތް ޔުގީތުގެ މައްޗަށް ސާބިތުނުވާ ކަމަށެވެ. އަދި، ޔުގީތު ބަންދުގައި އަށް އަހަރު ހޭދަކޮށްފައިވުމާއި މުހިންމު ހެކިތައް ނެތުމުން އަލުން ޝަރީއަތް ހިންގުމަކީ އިންސާފަކަށް ނުވާނެކަމަށް ކަނޑައަޅައި އޭނާ ވަގުތުން ދޫކޮށްލުމަށް އަމުރުކުރި އެވެ.

ނޭޕާލުގެ ނޫސްތަކުގައި ރިޕޯޓުކޮށްފަްިވާ ގޮތުގައި އެ ދެ މީހުން ކައިވެނި ކުރަން އުޅޭ ބައެއް ކަމަށް ފުލުހުން ކައިރީ ބުނި ނަމަވެސް، އެ ވާހަކައަށް ބާރުދޭ ހެއްކެއް ލިބިފައި ނުވާ ކަމަށެވެ. އެހާ ގިނަ ފައިސާ ހޯދީ ސައްޙަ ކޮން ގޮތަކުން ކަން ވެސް އެ މީހުންނަށް ބުނެދެވިފައި ނުވާ ކަމަށްވެ އެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް