ޖީއެމްއާރު ތަޖުރިބާއިން ރައްޔިތުންގެ ހިޔާލު ނެތި ރަސްމާލެ މަޝްރޫއު ކުރިޔަށް ގެންދިއުމަކީ ގޯހެެއް: ނަޝީދު

27 Nov 2026 | 08:08
އެމްޑީޕީން ރޭ ބޭއްވި އިހުތިޖާޖު -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ރޭ ބޭއްވި އިހުތިޖާޖު -- ފޮޓޯ: އެމްޑީޕީ

ރާއްޖޭގެ މައި އެއާޕޯޓު ތަރައްޤީކުރުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ރައްޔިތުންގެ ހިޔާލު ހޯދުމެއް ނެތި ހަވާލުކުރެވުނީ ގޯހަކުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫޢުގައި ސޮއިކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވައިލައި އެމްޑީޕީން "އަހާބަލަ" ނަމުގައި ބޭއްވި މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން، އެ ޕާޓީގެ ޗެއާޕާސަންކަން ވެސް ފުރުއްވާ ނަޝީދު ވިދާޅުވީ ވެލާނާ އެއާޕޯޓު 25 އަހަރަށް ޖީއެމްއާރަށް ކުއްޔަށް ދިންއިރު ރައްޔިތުންނާ ހިޔާލު ނުހޯދީ ކީއްވެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމަށެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ރުހުން ހޯދުމެއް ނެތި ހިންގާ ކަމަކުން ކާމިޔާބީއެއް ނުލިބޭނެ ކަން ތަޖުރިބާއިން ސާބިތުވެފައިވާ ކަމަށާއި ރަސްމާލެ އެއްބަސްވުމާ ގުޅޭ ވޯޓެއް ނެގުމަށް ގޮވައިލަނީ ވެސް ހަމަ އެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަމަށެވެ.

Advertisement

"އަޅުގަނޑު މިއަދު މި ބުނަނީ އެއީ ގޯހުންނޭ. އެއީ ގޯހުންނޭ. އެ ތަޖުރިބާގައޭ އަޅުގަނޑު މި ހުރީ މި ތަނަށް އައިސް. އަޅުގަނޑުމެންނަށް އެނގެއޭ ރައްޔިތުން ގާތުގައި ނާހާ ކުރާ ކަމަކުން ކާމިޔާބެއް ނުލިބޭނެ،" ނަޝީދު ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅުގައި ހިންގާ ރަސްމާލެ މަޝްރޫޢާ މެދު ހުރި ކަންބޮޑުވުންތަކަށް ވެސް ނަޝީދު އަލިއަޅުއްވައިލެއްވިއެވެ. ފަހަކަށް އައިސް 100 އަށް ވުރެ ގިނަ ރަށަށް ވަޑައިގެންނެވި ކަމަށާއި ރަށްރަށުން މީހުން ހިޖުރަކުރާތީ ސްކޫލްތަކުގެ ބައެއް ގްރޭޑުތައް ނެތް މަންޒަރު ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. މާލެ ސަރަޙައްދުގައި ރެސިޑެންސީ މަޝްރޫޢެއް ހިންގައިފި ނަމަ ރަށްތައް އިތުރަށް ފަޅުވެ ރާއްޖެ ހަލާކުވެދާނެ ކަމަށާއި އެ މަސައްކަތް ހިންގާނެ ޖާގަ އުތުރާއި ދެކުނުގައި އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު މި މަންޒަރު ދެކެއްޖައިން. ސްރީ ލަންކާއިން ވެސް ދެކެއްޖައިން. ގާނާއިން ވެސް ދެކެއްޖައިމު. ކެމްބޯޑިއާއިން ވެސް ދެެކެއްޖައިމު. ގައުމުތައް ދަރަނީގެ ތުންފަތް މައްޗަށް އައުމުން ކުއްލިއަކަށް ފައިސާ ހޯދުމަށް މި އުޅެގަންނަނީ. އުޅެ ގަންނަ ބޮނޑީގައި ނުއަގުގައި ކުރަމުން މި ދަނީ،" ނަޝީދު ވިދާޅުވިއެވެ.

ރަސްމާލޭގެ 500 ހެކްޓަރު ބިން ވޯޓާ ފްރޮންޓް އެންޑް މެރީނާ މަޝްރޫޢެއް ހިންގުމަށް އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ. ސަރުކާރުން އަންދާޒާކުރާ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްގެ ގޮތުގައި 5،000 ހައުސިން ޔުނިޓް — ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) — ދައުލަތަށް ލިބޭނެއެވެ. ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ޖީއެމްއާރަށް ހަވާލުކުރި އެއާޕޯޓު އެއްބަސްވުން ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގައި ބާޠިލުކުރުމުން ޖީއެމްއާރުން އާބިޓްރޭޝަނަށް ގޮސް މައްސަލަ ކާމިޔާބުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ޖީއެމްއާރަށް ދައްކަން ޖެހުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް