ހުޅުމާލޭގައި މިއަދު އަމަލީ މަސައްކަތް ފެށި ވޯޓާ ތީމް ޕާކު މަޝްރޫއު ނިމުމުން 500 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން )އެޗްޑީސީ( ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެ އެވެ.
ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައި އެވެ. އެޗްޑީސީން ބުނީ އަމާޒަކީ 18 މަސްދުވަސް ތެރޭ މަސައްކަތް ނިންމައި އޮަޕަރޭޝަނަށް ގެނައުން ކަމަށެވެ.
މި މަޝްރޫއު އަލުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒުހައިރު ވިދާޅުވީ މަޝްރޫޢު ނިމުމުން 500 ވަޒީފާ އުފެދޭނެ ކަމަށާއި، އެ ތެރެއިން 85 އިންސައްތަ ދިވެހީންނަށް އަދި 45 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކުންފުނީގެ އަމާޒަކީ އަހަރެއްގެ ތެރޭގައި 120 އަށްވުރެ ގިނަ ދިވެހިން ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނުކޮށް ވަޒީފާގެ މާޙައުލަށް ނެރުމެވެ.
ޒުހައިރު ވިދާޅުވީ ވިދާޅުވީ މިހާރު އެ ކުންފުނީގެ އެއްވެސް މަޝްރޫޢެއް ހުއްޓިފައި ނޯންނާނެ ކަމަށެވެ. ކުރިން ހުއްޓިފައި ހުރި އެހެން މަޝްރޫޢުތައް ނިންމާފައިވާ ކަން ފާހަގަކުރައްވައި، 20 އަހަރު ހުއްޓިފައި އޮތް ސިޓީ ހޮޓެލް ނިންމައި ޚިދުމަތް ފެށި ކަމަށާއި، 2017 އިން ފެށިގެން ހުއްޓިފައި އޮތް ރީތިގަސް މަޝްރޫޢާއި ދި ގާޑަން މަޝްރޫޢު ނިމި ޢާއިލާތައް ދިރިއުޅެން ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން 2018 އިން ފެށިގެން ބޭނުންނުކޮށް އޮތް ވާޓިކަލް ޕާކިން ނިޒާމުތައް ވެސް ވަރަށް އަވަހަށް ޢާންމުންނަށް ހުޅުވައިލެވޭނެ ކަމަށް ވިދާޅުވިއެވެ.
41,500 އަކަ މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ތަރައްޤީކުރާ ތީމް ޕާކުގައި ދިވެހި ޢާއިލާތަކާއި ފަތުރުވެރިންނަށް ޚާއްޞަކޮށް ހޮޓެލެއް ވެސް ހިމެނެއެވެ.
މި މަޝްރޫޢު ހިންގަނީ ވެންޗޫރާ އެންޑް ވެލްނެސް މޯލްޑިވްސް އާއި އައިއެޗްޖީ ހޮޓެލްސް އެންޑް ރިޒޯޓްސް ގުޅިގެން ކަމަށްވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމާ އެކު ކުރިއަށް ގެންދާ މި ޕާކުގެ ސަބަބުން ހުޅުމާލޭގެ އިޤުތިޞާދަށް އައު ދިރުމެއް ލިބޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް