ވ. ތިނަދޫ -- ފޮޓޯ: އައިލެންޑީ ވެބްސައިޓް
ވ. ތިނަދޫގައި ހިންގާ ގެސްޓްހައުސެއްގައި ދެ އަންހެނެއްގެ ކައިވެނީގެ ހަފުލާއެއް ބާއްވައިދިން ކަމަށް ބުނެ، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރަށު ކައުންސިލުން މިއަދު ގޮވައިލައިފިއެވެ.
ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، މިދިޔަ ހޯމަ ދުވަހު އިކޯބޫ މޯލްޑިވްސް ގެސްޓްހައުސްގައި ދެ އަންހެނަކަށް ކައިވެނި ކޮށްދިނުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ. އެ ރަށު ކައުންސިލުން ބުނީ މިއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ރާއްޖޭގެ ޤާނޫނުތަކާއި އިސްލާމީ ޝަރީޢަތާ ޚިލާފު މި ޢަމަލުގެ ސަބަބުން ރަށާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދި، ލޯކަލް ޓޫރިޒަމްގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތައް ލިބިދާނެ ކަމުގައި ބުނެފައެވެ. ހަމައެއާ އެކު، ރަށުގެ ޢާންމު ސަރަޙައްދުތަކާއި ގެސްޓްހައުސް ބީޗު ބޭނުންކުރެވޭނީ ހަމައެކަނި ޤާނޫނީ ގޮތުން ހުއްދަ ހަރަކާތްތަކަށް ކަން ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.
"އިސްލާމް ދީނާއި އަދި ދިވެހިރާއްޖޭގެ ގާނޫނުތާކާ ހިލާފު ހަރަކާތްތައް ހިންގުމަކީ މި ކައުންސިލުން ތާއީދު ނުކުރާނެ ކަމެކެވެ. އަދި 'އިކޯބޫ މޯލްޑިވްސް' ގެސްޓްހައުސްގައި. އެއްޖިންސުން ދެ އަންހެނުން ކައިވެނި ކޮށްދިނުމުގެ ހަފުލާއެއް ބާއްވާ، ކައިވެނި ކޮށްދީފައިވާ މައްސަލާގައި މި ކައުންސިލުން އަޅަންޖެހޭ ފިޔަވަޅެއް ވާ ނަމަ އެ ފިޔަވަޅެއް މި ކައުންސިލުން އަޅާނެ ވާހަކަ ދެންނެވީމެވެ،" ބަޔާނުގައި ބުނެފައިވެއެވެ.
ލޯކަލް ޓޫރިޒަމަކީ ތިނަދޫގެ އިޤުތިޞާދާއި ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް ފާހަގަކޮށް، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ޓޫރިޒަމް ޚިދުމަތްދޭ ވިޔަފާރިތަކުން ޤާނޫނާއި ދީނާ ޚިލާފު ހަރަކާތްތައް ނުހިންގުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް