ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑިއާގެ ރައީސް ރާމްނާތު ކޯވިންދާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރުގައެވެ. މި ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިންޑިއާއާއި އެކު އޮތް ގުޅުން ބަދަހިކުރުމަށް އިސްކަންދެއްވާކަމަށެވެ. އަދި ރައީސް ޞާލިޙުގެ ވެރިކަމުގައި އެ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރާނޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ޝާހިދުގެ މި ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރ ނިރްމާލާ ސީތާރާމަން އާއި ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިންޑިއާއައި ދެމެދު ދިފާޢީގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަދައްކާފައިވެއެވެ.
އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ޝާހިދު ފާހަގަ ކުރެއްވީ އިންޑިއާ އަކީ ރާއްޖެއަށް ދީލަތި އެހީ ތަކެއް ފޯރުކޮށްދޭ ގައުމެއް ކަމަށެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑިއާ އަށް ވަޑައިގެންފައި ވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އަންނަ މަހުގެ 17 ވަނަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް