އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑް އަދި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ހިންގާ "ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ 14" ދިވެހި ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ބައްލަވާލައިފިއެވެ.
މި ތަމްރީންތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ޒަޢާމަތުގައި އޭޝިއާގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާކަމަށާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އަމާންކަން ދެމެހެއްޓުމުގައި އަވަށްޓެރި ޤައުމުތަކާއި ގުޅިގެން ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، "އެކްސަސައިޒް ދޯސްތީ 14" ގެ ސަބަބުން ސަރަހައްދުގެ ކަނޑުމަތީގެ ރައްކާތެރިކަމަށް އިތުރު އަމާންކަމެއް ލިބިގެން ދާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އަވަށްޓެރި އިންޑިއާއާއި ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ކޯސްޓްގާޑްގެ ސިފައިންނަށް ލިބިގެންދާ އިތުރު ތަމްރީނުތަކާއެކު ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމުގައި އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އަވަށްޓެރި ޤައުމުތަކާއެކު އަސްކަރީ ގުޅުން އިތުރަށް ޤާއިމުކުރުމުގެ މަސައްކަތްޕުޅުކުރައްވަމުން ގެންދަވާނެކަމަށް ވިދާޅުވިއެވެ.
1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން މ ތަމްރީންތައް ދަނީ ހިންގަމުންނެވެ. މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައި ވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް