ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެމްބަރުންގެ އަދަދު 16 އަށް އަރައިފިއެވެ. މި އަދަދު 16 އަށް އަރާފައިވަނީ ރޭ ކުނޫޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ދެ މެމްބަރަކު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވުމުންނެވެ.
ރޭ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަޙްމަދެވެ.
އަބްދުﷲ އަޙްމަދް 2014 ވަނަ އަހަރު ހުންނެވީ ޖޭޕީ ގައެވެ. ނަމަވެސް ތިނަދޫގައި އޭރުގެ ސަރުކާރުން ހިންގަމުން ދިޔަ ޕްރޮޖެކްޓަށް ބުރޫ އަރައި، އެކަމުގައި ދަތިތަކެއް މެދުވެރި ވަމުން ދާތީވެ އަބްދުﷲ އަޙްމަދު ސަރުކާރާއި ގުޅުނީ އެވެ.
" އޭރު ޕީޕީއެމް އާ ގުޅުމުން ކަންކަން ކުރަން ފަސޭހަވި. ޕީޕީއެމްގައި މަސައްކަތް ކުރައްވާފަ މިރޭ އަބްދުﷲ އަލުން އަޅުގަނޑުމެންނާއި ގުޅޭނެ. " ޖޭޕީ ގެ ރައީސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
އަބްދުﷲ އަޙްމަދު ވިދާޅުވި ގޮތުގައި ޕީޕީއެމާއި ގުޅުނީ އިސްލާހީ މަސައްކަތް ކުރުމަށެވެ. އަދި މިއަދު ޖޭޕީ އާއި ގުޅެނީވެސް އިސްލާހީ މަސައްކަތް ކުރުމަށެވެ. ރާއްޖޭގައި މި އޮތް މަލްޓި ޕާޓީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަކީ މި އިސްލާހީ މަސައްކަތްތަކަށް ވަރަށް މުހިންމު ކަމެއް ކަމަށާއި މި ކަންކަން ކުރުމަށް އަދި ރައްޔިތުންނަށް އެކަށޭނަ ޙިދުމަތްތަކެއް ދިނުމަށް ހުރިހާ ޕާޓީ އެއް ވެސް ވަރުގަދަވާން ޖެހޭ ކަމަށާއި އަދި އޭރުން ޑިމޮކްރަސީ ނިޒާމް ވެސް ވަރުގަދަ ވާނެ ކަމުގައި އަބްދުﷲ އަޙްމަދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމިތު ވިދާޅުވީ އެންމެ ބޮޑު ބޭނުމަކީ ކޯލިޝަން ދެމެހެއްޓުން ކަމަށެވެ. ޖޭޕީ އާއި ގުޅުނީ ރައީސް ނަޝީދުގެ ލަފާގެ މަތިން ކަމުގައި އޭނާ ހާމަކުރެއްވިއެވެ. ކޯލިޝަނުގެ ހަތަރު ލީޑަރުން އެބޭފުޅާއަށް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާ ކުރެއްވިއެވެ. ކުރީގެ ސަރުކާރުން ގޮޑި ގެއްލިފައިވާ ކަމަށް ބުނެފައިވާ 12 މެމްބަރުން ކޮންމެ ޕާޓީ އެއްގައި ތިބިކަމުގައި ވިޔަސް އެބޭފުޅުން އިސްކުރައްވާނީ ގައުމު ކަމަށާއި، ކޯލިޝަން ދެމެހެއްޓުމަށް މަސައްކަތް ކުރާނޭ ކަމަށް އަމީތު ވިދާޅުވިއެވެ.
"އެމަލެއް ބިދެވޭކަށެއް ނެތް. މި މަލެއް އެއްލާލެވެން ނެތް. ދެ މަލެއް އެކުގާ ލިބެން ނެތް. އެހެންވީމާ މި މާތަކުގެ ގުލްދަސްތާއިން އަޅުގަނޑު ޚިޔާރު މި ކުރީ ރަތް ފިނިފެން މަލެއް. އެއީ ގައުމުގެ ހެވާއި ލާބައަށް. އަޅުގަނޑުގެ މި ޒުވާން ޖޯޝުގައި ބޭނުންވަނީ ގައުމަށް ޚިދުމަތް ކުރަން ހުންނަން." އަމިތު ވިދާޅުވިއެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލުކުރައްވަމުން ގެންދަވާ މެމްބަރުންގެ ތެރޭގައި ހިމެނެނީ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންއާއި މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދާއި ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހިމާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު އިބްރާހިމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހަންމަދު ހުސައިނާއި މާވަށު ދާއިރާގެ މެމްބަރު އަހްމަދު އަޒްހާނާއި ނޮޅިވަރަމު ދާއިރާގެ މެންބަރު ހުސައިން އަރީފާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހްމަދުގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް