އަސްކޮއި ގްރޫޕުން ސަމްހާ އިންޓަނޭޝަނަލަށް ދިން ފައިސާ ޑީބީ ޓްރެވެލަށް ދީފައިވޭ: ޕޮލިހުން

އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ އެތައް ބައެއްގެ ޓިކެޓު މައްސަލަޖެހި ވަގު ޓިކެޓުތަކެއްގެ މައްސަލަ ފެންމަތިވެފައިވާއިރު އަސްކޮއި ޙައްޖު ޢުމްރާ ގްރޫޕުން ސަމްހާ އިންޓަނޭޝަނަލަށް ދިން ފައިސާ ޑީބީ ޓ...

27 Nov 2018 | 04:37

އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ އެތައް ބައެއްގެ ޓިކެޓު މައްސަލަޖެހި ވަގު ޓިކެޓުތަކެއްގެ މައްސަލަ ފެންމަތިވެފައިވާއިރު އަސްކޮއި ޙައްޖު ޢުމްރާ ގްރޫޕުން ސަމްހާ އިންޓަނޭޝަނަލަށް ދިން ފައިސާ ޑީބީ ޓްރެވަލްސް އަށް ދީފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން އިއްޔެ ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނަފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހު ޢުމްރާ އަށް ދިއުމށް، އަސްކޮއި ޙައްޖު ޢުމްރާ ގްރޫޕަށް ފައިސާ ދައްކާފައިވާ ބައެއް ފަރާތްތަކަށް ހައްޙަނޫން ޓިކެޓް ތަކެއް ދޫކޮށްފައިވާ ކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

"މި މައްސަލަ ތަޙްޤީޤްކޮށް މިހާތަނަށް ބެލިބެލުމުން، އަސްކޮއި ޙައްޖު ޢުމްރާ ގުރޫޕްގެ ފަރާތުން ޢުމްރާއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ޓިކެޓު ގަތުމަށް، ސަމްހާ ގްރޫޕް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ފައިސާ ހަވާލުކޮށްފައިވާކަން ވަނީ އެނގިފައެވެ. އަދި މި ފައިސާ ސަމްހާ ގްރޫޕް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ޑީބީ ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑަށް ދެއްކުމުން، އެކުންފުނީގައި މަސައްކަތްކުރާ ފަރާތަކުން ސައްޙަނޫން 168 ޓިކެޓު ދޫކޮށްފައިވާ ކަން ވެސް ވަނީ އެނގިފައެވެ." ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މިކަން ކުރިކަމަށް ތުހުމަތު ކުރެވޭ ފަރާތް ރާއްޖޭން ބޭރަށް ފުރުމަށް ސ. ގަން އެއަރޕޯޓަށް ގޮސް ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައިވާކަމަށާއި އަދި އެ ޢަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ ފަރާތް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި، ބަލަމުން އަންނަ ކަމުގައިވެސް ބުނެފައިވެއެވެ.

އަސްކޮއި ގްރޫޕްގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވާގޮތުގައި އުމްރާއަށް ދިޔުމަށް ފައިސާ ދައްކާފައި ތިބި އެންމެންނަށް ޓިކެޓް ނެގުމަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ޓިކެޓިން އެޖެންޓައި ވާނީ ހަވާލުކޮށްފައެވެ.  އަދި އެ ފޭކު ޓިކެޓު ތަކަކީ އެޖެންޓް އެ ޖަމާއަތާ ހަވާލުކުރި ޓިކެޓްތައް ކަމަށް ވެސް އޮފިޝަލް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް