މާލޭ ޖަލު ތެރޭގެ ކަންތައްތަކެއް ވީއެފްޕީން ފެންމަތި ކޮށްލައިފި

މާލޭ ޖަލުގެ ދެބުރިއަށް ހަދާފައިވާ އިމާރާތުގެ މަތީ ފަންގިފިލާގައި ސީލިން ފަޅާލައިގެން އެތާ ތެރޭގައި އުޅެވޭ ގޮތަށް ހަދާފައިވާ ތަނެއް ފެނިފައިވާކަމުގެ ހަބަރާއެކު އެ ތަނާއިބެހޭ ތަފްސީލްތަކާއި ބައެއް ފޮޓޯތ...

27 Nov 2017 | 07:20

މާލޭ ޖަލުގެ ދެބުރިއަށް ހަދާފައިވާ އިމާރާތުގެ މަތީ ފަންގިފިލާގައި ސީލިން ފަޅާލައިގެން އެތާ ތެރޭގައި އުޅެވޭ ގޮތަށް ހަދާފައިވާ ތަނެއް ފެނިފައިވާކަމުގެ ހަބަރާއެކު އެ ތަނާއިބެހޭ ތަފްސީލްތަކާއި ބައެއް ފޮޓޯތައް، އޮންލައިން ނޫހެއް ކަމުގައިވާ ވީއެފްޕީން އާންމު ކޮށްފި އެވެ.

ފޮޓޯތަކާއި ހަބަރުގެ މައުލޫމާތު ވީއެފްޕީން އާންމު ކޮށްފައިވަނީ މަސްދަރު ސިއްރު ކުރުމަށްފަހުގަ އެވެ.

އެ ހަބަރުގައި އިތުބާރު ހުރި މަސްދަރަކާ ހަވާލާދީ ވީއެފްޕީން ބުނެފައިވަނީ އެތަން ފެނިފައިވަނީ މާލޭ ޖަލުގެ 19 ނަންބަރު ގޮޅިން ކަމަށެވެ.

މާލޭ ޖަލުގެ 19 ނަންބަރު ގޮޅި ހުންނަނީ ވިލާ ކޮލެޖުގެ ކުރިމައްޗަށް އޮންނަ ހުސްބިމާ ދިމާލަށް ވާ ގޮތަށް ޖަލުގެ ހުޅަނގު އުތުރު ފަރާތުގައި ދެ ބުރިއަށް ހަދާފައިވާ ބައިގައެވެ.

"ވީއެފްޕީއަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ސީލިން ފަޅައިގެން ހަދާފައިވާ ތަނުގެ ތެރެއިން ޖަލަށް ވެއްދުން މަނާ ގިނަ އަދަދެއްގެ ތަކެތިވަނީ ފެނިފައެވެ. އެގޮތުން ވަޑާން ކުރަން ބޭނުން ކުރާ އަތު ބުރުމާއާއި އިސްކުރު ނައްޓަން ބޭނުން ކުރާ ކަށިގަނޑު ފަދަ ތަކެއްޗާއި ސްމާޓު ފޯނާއި ޕަވަ ބޭންކާއި ޗާޖަރު ވެސް އެތަނުން ފެނިފައިވެއެވެ. އަދި ރިހާކުރު ފުޅިއާއި އެކި ވައްތަރުގެ ބިސްކޯދާއި މަސްދަޅާއި ގިނަ އަދަދެއްގެ ސިނގިރެޓާއި އޭގެ އިތުރުން އެތަނުގެ ފުރާޅުގެ ޓިނު ނައްޓައިގެން ޖަލަށް އެއްޗެހި ވައްދަން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ ކަންވާރު ފަދަ ތަކެތި ވެސް ވަނީ ފެނިފައެވެ." ވީއެފްޕީގެ އެ ހަބަރުގައި ބުނެފައި ވެ އެވެ.

އެ ހަބަރުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ވީއެފްޕީއަށް މައުލޫމާތު ދިން މާލޭ ޖަލުގެ މުވައްޒަފަކު ބުނި ގޮތުގައި ސީލިން ފަޅާލައިގެން އެތަން ތައްޔާރުކޮށްފައި ހުރީ ގޮޅިއަށް ކަރަންޓު ދިނުމަށް ގުޅާފައި ހުރި ކަރަންޓު ވާތަކުން ކަރަންޓު ނަގައިގެން އެތާ ތެރޭގައި ފޯނު ފަދަ އެއްޗެހި ޗާޖު ކުރެވޭ ގޮތަށް ކަމަށާއި އެތަނުން ފެނިފައިވާ ބައެއް ތަކެއްޗަކީ ސީލިން ފަޅާލައިގެން ހަދާފައިވާ ތަނުން ފުރާޅުގެ ޓިނު ނައްޓައިގެން ވާޖަހައިގެން އެތަނަށް ވައްދާފައިވާ ބައެއް ތަކެތި ކަމަށް އެނގިފައިވާކަމަށެވެ.

ވީއެފްޕީއަށް މައުލޫމާތު ދެމުން ޖަލުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެތަނަށް އެ ތަކެތި ވައްދާފައިވަނީ ޖަލުގެ ބައެއް އޮފިސަރުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށާއި ފުރާޅު ޓިނު ނައްޓާލި ނަމަވެސް އެތަން ހުންނާނީ ޖަލުގެ އޮފިސަރުންނަށް ނޫނީ ނުވަދެވޭ ގޮތަށް ބަންދުކޮށްފައި ކަމަށެވެ. އެތަނަށް އެއްޗެހި ގެންދެވޭނީ ޖަލު މީހުންނަށް އެހެން ނޫނީ އެމީހުން ވެއްދި ބަޔަކަށް،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މީހާ ބުނި ކަމުގައިވެސް ވީއެފްޕީގައި ރިޕޯޓް ކޮށްފައި ވެ އެވެ.

މިކަމާއި ބެހޭގޮތުން ކަރެކްޝަންސްގެ ރަސްމީ ބަހެއް ލިބޭތޯ ދުވަސް އިން ކުރި މަސައްކަތްވެސްވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

ވީއެފްޕީގައި ރިޕޯޓްކޮށްފައިވާގޮތުގައި ސީލިން ފަޅާލައިގެން ހަދާފައިވާ އެތަން ކަރެކްޝަނުގެ ޖަލު ބަލަހައްޓާ ބައެއް އޮފިސަރުންނަށް ފެނިގެން މިހާރުވަނީ ބަންދުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް