ހިކެން ބޭނުންތަ !؟ މިއޮތީ މޮޅު ދިރާސާއެއް !

އިންޓަނެޓުން މޮޅު ޑައިޓެއް ހޯދައިގެން އެ ޑައިޓަށް އަމަލު ކުރަން ފެށި ނަމަވެސް އެ ޑައިޓާ އެއްގޮތަށް ކެއުން ބައްޓަން ކުރެވެނީ މަދު ދުވަސް ކޮޅަކު އެވެ. މިއީ އެންމެންގެ ވާހަކައެއް ނޫނެވެ. ނަމަވެސް ގިނަ ބަ...

27 Nov 2017 | 00:20

އިންޓަނެޓުން މޮޅު ޑައިޓެއް ހޯދައިގެން އެ ޑައިޓަށް އަމަލު ކުރަން ފެށި ނަމަވެސް އެ ޑައިޓާ އެއްގޮތަށް ކެއުން ބައްޓަން ކުރެވެނީ މަދު ދުވަސް ކޮޅަކު އެވެ. މިއީ އެންމެންގެ ވާހަކައެއް ނޫނެވެ. ނަމަވެސް ގިނަ ބަޔަކަށް ވަނީ އެހެން ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ސައިންސްވެރިން ހާމަކުރާގޮތުގައި މިހެން މިކަން ދިމާވަނީ އިންސާނުންގެ ނާސްތާގެ ކަންތައްތަކަށް ހާއްސަ ސެލްތަކެއް އަހަރެމެންގެ ސިކުނޑީގައިވާތީ އެވެ. އެ ސެލްތަކަށް ކިޔާ ނަމަކީ "ޓެނީސައިޓްސް" ކަމުގައި ސައިންސްވެރިން ބުނެ އެވެ.

އިނގިރޭސިވިލާތުގެ ރިސާޗް ޔުނިވާސިޓީއެއް ކަމުގައިވާ ޔުނިވާސިޓީ އޮފް ވާރވިކް އިން މިވަނީ މިކަމުގެ ދިރާސާއެއް ހަދާފަ އެވެ. އެ ދިރާސާއަށްފަހު އެ ޔުނިވާސިޓީން އާއްމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ ސިކުނޑީގެ "ޓެނީސައިޓްސް" ސެލް ތަކަކީ ކެއުމުގައި ހިމެނޭ "ނިއުޓްރިއެންޓްސް" ދެނެގަތުގެ ގާބިލުކަން ލިބިފައިވާ ސެލްތަކެއް ކަމަށެވެ. އަދި "އެމީނޯ އެސިޑް" އަށް މި ސެލްތައް ހާއްސަ އަހަންމިއްޔަތު ކަމެއް ދޭ ކަމަށެވެ.

މިކަން ކަށަވަރު ކުރުމަށް ފްލޮރިޒެންޓް އާލާތެއްގެ އެހީގައި ސިކުނޑިއަށް ސާމްޕަލް ސެލްތަކެއް ފޮނުވި އެވެ. އެ ސެލްތައް ފޮނުވީ އެމީނޯ އެސިޑްގެ ދެ ބާވަތެއް ކަމުގައިވާ "އާޖިނީން" އަދި "ލައިސީން" އެއްކޮށްފައި ކަމުގައި އެ ދިރާސާގައި ބުނެފައި ވެ އެވެ. އަދި އެ ސެލް ފޮނުވާލުމަށްފަހު ބެލި ބެލުމުން 30 ސިކުންތު ތެރޭގައި ސެލްތައް އެ އެސިޑްތަކަށް ތަބައަވެފައިވާކަން އެނގިފައިވާކަމުގައިވެސް އެ ދިރާސާގައި ބުނެފައި ވެ އެވެ.

އެ ދިރާސާގައި ބުނެފައިވަނީ އެހެންކަމުން ކެއުމުގައި ގިނައިން އަމީނޯ އެސިޑް ހުންނަ ކާނާ ހިޔާރު ކުރާނަމަ އެފަދަ ކާނާ މަދުން ކޭ ނަމަވެސް އަވަހަށް ބަނޑު ފުރޭކަމުގެ ސިގްނަލް ސިކުނޑިއަށް ފޮނުވަދޭ ކަމަށެވެ.

އެމީނޯ އެސިޑްސް ގިނައިން ހިމެނޭ ބައެއް ކާނާގެ ނަންތައްވެސް އެ ދިރާސާގައި ހިމަނާފައި ވެ އެވެ. އެގޮތުން ކުކުޅު، މެކަރެލް، ޕްލަމްސް، އެޕްރިކޮޓް، އެވޮކާޑޯ، ލެންޓިލްސް، އަލްމަންޑް އަދި ގެރި މަހަކީ އޭގައި ގިނަ އަދަދަކަށް އެމީނޯ އެސިޑް އެކުލެވިގެންވާ ކާނާ ކަމުގައި އެ ދިރާސާގައި ހާމަކޮށްފައި ވެ އެވެ.

މި ދިރާސާ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރެއް ކަމުގައިވާ ނިކޮލަސް ޑޭލް ބުނެފައިވަނީ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ބަހައްޓަން ބޭނުންވާ ފަރާތްތަކަށާއި ހިކެން ބޭނުންވާ ފަރާތްތަކަށް މި ދިރާސާއަކީ އިންގިލާބެއް ގެނުވާނެ ހޯދުންތަކެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް