ފުލުހުންގެ އިންފޮމޭޝަން އޮފިޝަރާއި ސްޕޯކްސްޕާސަން ކަނޑައަޅައިފި

ކޮމިޝަނަރ އޮފް ޕޮލިސްގެ ސްޕޯކްސް ޕާރސަންގެ މަޤާމަށާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިންފޮމޭޝަން އޮފިސަރު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ބޭފުޅުން ކަނޑައަޅުއްވައިފިއެވެ. ފުލުހުން ބުނީ ކޮމިޝ...

27 Nov 2014 | 08:53

ކޮމިޝަނަރ އޮފް ޕޮލިސްގެ ސްޕޯކްސް ޕާރސަންގެ މަޤާމަށާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިންފޮމޭޝަން އޮފިސަރު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ބޭފުޅުން ކަނޑައަޅުއްވައިފިއެވެ.

ފުލުހުން ބުނީ ކޮމިޝަނަރ އޮފް ޕޮލިސްގެ ސްޕޯކްސް ޕާރސަންގެ މަޤާމަށް ކަނޑައަޅުއްވާފައި ވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ކަމަށެވެ. އަދި މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް ކަނޑައަޅުއްވާފައި ވަނީ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިސްމާޢިލް ޢަލި ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިސްމާޢިލް ޢަލީ ކަނޑައަޅުއްވާފައި ވަނީ 2014 ޖުލައި 12 ވަނަ ދުވަހު ޢަމަލުކުރަން ފެށި، ޤާނޫނު ނަމްބަރު 1/2014، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެޤާނޫނުގައިވާ ގޮތުގެމަތިން މަޢުލޫމާތު ފޯރުކޮށްދޭ އިންފޮރމޭޝަން އޮފިސަރުގެ ގޮތުގައި ކަމަށް ފުލުހުން ބުނެއެވެ.

މިޤާނޫނުގެ ދަށުން ބޭނުންވާ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހޯއްދެވުމަށް ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިސްމާޢިލް ޢަލީ އަށް އެޑްރެސްކޮށް ލިޔުމުން ހުށަހެޅުމުން މަޢުލޫމާތު ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވާކަމަށާއި އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅު ފަރާތްތަކުން[email protected]  އަށް ނުވަތަ [email protected]   އަށް ފޮނުއްވުމުން ޤާނޫނުގައިވާ ގޮތުގެމަތިން މަޢުލޫމާތު ދެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިސްމާޢިލް ޢަލީ ކަނޑައަޅުއްވާފައި ވަނީ މިއަދުން ފެށިގެންނެވެ. 2014 ޖުލައި 12 ވަނަ ދުވަހުން ފެށިގެން  އިއްޔެގެ ނިޔަލަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި  ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ކަނޑައަޅުއްވާފައި ވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ޙަނީފްއެވެ.

ފުލުހުން އިތުރަށް ބުނީ މި ދެމަޤާމަށް މި ބޭފުޅުން އައްޔަން ކޮށްފައި ވަނީ މިހާރު އެބޭފުޅުން މޯލްޑިވްސް ޕޮލިސް ސާރވިސްގައި އަދާކުރަމުންދާ މަސްއޫލިއްޔަތުގެ އިތުރުން ކަމަށާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެދަށުން މަޢުލޫމާތު ހޯއްދެވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅުއްވާއިރު ޤާނޫނުގައި ބުނާ މަޢުލޫމާތުތައް ފުރިހަމަވާގޮތަށް ހުށަހެޅުއްވުމަށް ހުރިހާ ފަރާތްތަކަކަށް ހަނދުމަފުޅުކޮށް އަރުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް