ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 24.3 ބިލިއަން ރުފިޔާގެ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް ކޮމިޓިން ފާސްކޮށްފި އެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ މެޖޯރިޓި އޮންނަ ބަޖެޓު ކޮމިޓީން 24.3 ބިލިއަ...

27 Nov 2014 | 07:25

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 24.3 ބިލިއަން ރުފިޔާގެ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް ކޮމިޓިން ފާސްކޮށްފި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މެޖޯރިޓި އޮންނަ ބަޖެޓު ކޮމިޓީން 24.3 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލު ނުގެނެސް ބަޖެޓަށް ގެންނަން ފެންނަ 11 އިސްލާހަކާއި އެކު ބަޖެޓު ފާސްކުރީ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ. ކޮމިޓީން ގެންނަން ފެންނަ އިސްލާހުގެ ގޮތުގައި ފާސްކޮށްފައިވަނީ ޓުރިޒަމް ދާއިރާގައި ބިދޭސީން މަދުކުރުމާއި، މިނިވަން މުއްސަސާކަށް ގެންނަން ފެންނަ ބަދަލުތަކަކާއި، ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމުގެ އިތުރުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް އެއްފަސް ކުރުމުގެ ސިޔާސަތެއް އެކުލަވާލުމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަން ފެންނަ ބަދަލުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކައުންސިލަރުންގެ އަދަދު މަދުކޮށް ކައުންސިލްގެ ރައީސް ފިޔަވާ އެހެން މެންބަރުން ވަގުތީ މީހުންގެ ގޮތުގައި ހެދުމަށެވެ. އަދި އެމީހުން މުސާރައިގެ ގޮތުގައި ހަޒިރުވާ ކޮންމެ ދުވަހަކަށް އެލަވަންސް ދޭގޮތަށް ފާސްކުރި އެވެ. އެހެން ނަމަވެސް މި ބަދަލު ގެނެވެން އަންނަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ. މީގެ އިތުރުން ލާމަރުކަޒީ ގާނޫނާއި ބިމާބެހޭ ގާނޫނުގައި ހުރި ފުށު އެރުންތައް އިސްލާހު ކުރަން ކޮމިޓީން ފާސްކުރި އެވެ.

ބައެއް މިނިވަން މުއައްސަސާތައް އެއްކޮށްލުމަށް ކުރަންޖެހޭ ކަންކަން އަންނަ އަހަރުގެ ޖުލައި މަހުގެ ކުރިން ހުށަހެޅުމަށް ކޮމިޓީން ފާސްކުރި އެވެ. ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި އާބާދީ އެއްފަސްކުރުމުގެ މާސްޓާ ޕްލޭނެއް މަޖިލީހަށް ފޮނުވަން ބަޖެޓް ކޮމިޓީން ފާސްކުރިއިރު، އައިޖީއެމްއެޗްގެ ހިދުމަތްތައް ރަނގަޅު ކުރަން މަސައްކަތް ކުރަން ވެސް ވަނީ ފާސްކޮށްފަ އެވެ.

ޓޫރިޒަމް ދާއިރާއިން ބިދޭސީ މުވައްޒަފުން މަދުކުރަން މަސައްކަތް ކުރުމަށާއި ޑިވެލޮޕްމެންޓް ބޭންކެއް ގެނައުމަށް މަސައްކަތްކުރަން ވެސް ކޮމިޓީން ފާސްކުރި އެވެ. އަދި ދައުލަތަށް ލިބެން ހުރި ފައިސާ ހޯދަން މަސައްކަތްކުރުމަށާއި ގެދޮރު އިމާރާތް ކުރުމަށާއި އޮޑިދޯނި ފަހަރު ބަންނަން އިންޓަރެސްޓް ކުޑަ ލޯން ލިބޭނެ ނިޒާމެއް ގާއިމްކުރުމަށް މަސައްކަތްކުރަން ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

އަންނަ އަހަރު 24.3 ބިލިއަން ހަރަދުކުރަން ރާވާފައިވާއިރު، އާމްދަނީގެ ގޮތުގައި 21.5 ބިލިން ރިފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް