ޗެމްޕިއަންސްލީގު: ލޫޑޯގޮރެޓްސް އަދި ލިވަރޕޫލްގެ ކުރިމަތިލުން ފަހުވަގުތުގައި އެއްވަރުވެއްޖެ

ޔޫއެފާ ޗެމްޕިއަންސްލީގުގެ ގުރޫޕް ބީގައި ލިވަރޕޫލް އަި ލޫޑޯގޮރެޓްސްގެ ކުރިމަތިލުން ފަހުވަގުތުގައި އެއްވަރުވެއްޖެއެވެ. ބަލްގޭރިއާގައި ކުޅުނު މެޗުގެ ފަހުވަގުތުގައި އެއްވަރުވިނަމަވެސް ލިވަރޕޫލްއަށް ނޮކްއަ...

27 Nov 2014 | 06:16

ޔޫއެފާ ޗެމްޕިއަންސްލީގުގެ ގުރޫޕް ބީގައި ލިވަރޕޫލް އަި ލޫޑޯގޮރެޓްސްގެ ކުރިމަތިލުން ފަހުވަގުތުގައި އެއްވަރުވެއްޖެއެވެ.

ބަލްގޭރިއާގައި ކުޅުނު މެޗުގެ ފަހުވަގުތުގައި އެއްވަރުވިނަމަވެސް ލިވަރޕޫލްއަށް ނޮކްއައުޓް ސްޓޭޖަށް ދިއުމުގެ ފުރުސަތެއް ނުގެއްލެއެވެ. 2-2 ގެ ނަތީޖާއަކުން ރޭގެ މެޗު އެއްވަރުވިއިރު، ނޮކްއައުޓް ސްޓޭޖަށް ދިއުމަށްޓަކައި ލިވަރޕޫލްއަށް ޖެހެނީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބާސެލް އެންފީލްޑުގައި ބަލިކުރާށެވެ.

ރޭގެ މެޗުގައި ލޫޑޯގޮރެޓްސްއިންވަނީ މެޗުގެ 3 ވަނަ މިނެޓުގައި ކާނީގެ ގޯލާއެކު ލީޑު ނަގާފައެވެ. ނަމަވެސް މާގިނައިރެއްނުވެ ރިކީ ލަމްބަރޓްގެ ގޯލުން ލިވަރޕޫލްވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި ހާފް ނިމުމުގެކުރިން ހެންޑަރސަންވަނީ ލިވަރޕޫލްއަށް ލީޑު ނަގާދީފައެވެ. ހެންޑަރސަންގެ ގޯލާއެކު ނޮކްއައުޓް ސްޓޭޖަށް ލިވަރޕޫލް ކޮލިފައިވުމަށް ދަނިކޮށް މެޗުގެ ނަތީޖާ ލޫޑޯގޮރެޓްސްއިން ހަމަހަމަކުރީ މެޗުގެ 88 ވަނަ މިނެޓުގައި ޓެރްޒީވްގެ ގޯލުންނެވެ.

މެޗުން ޕޮއިންޓެއް ލިބުނު ނަމަވެސް ލޫޑޯގޮރެޓްސްވަނީ މުބާރާތުން ކަޓާފައެވެ. މި ގުރޫޕްގެ ދެން ކުޅުނު މެޗުގައި ރިއާލް މެޑްރިޑްއިން ބާސެލްބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ރިއާލްއަށް ނޮކްއައުޓް ސްޓޭޖް ކަށަވަރުވެފައިވާއިރު 2 ވަނައަށް ދާ ޓީމެއް ކަނޑައެޅޭނީ ލިވަރޕޫލް އަދި ބާސެލް މެޗުގެ ނަތީޖާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް