ޔޫއެފާ ޗެމްޕިއަންސްލީގުގެ ގުރޫޕް ޑީގައި ރޭ ޑޯރޓުމަންޑު ބަލިކޮށް އަރސެނަލްއިން ނޮކްއައުޓް ސްޓޭޖަށް ދަތުރުކޮށްފިއެވެ.
އެމިރޭޓްސްގައި ކުޅުނު މެޗު އަރސެނަލްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ވެންގަރއަށް މެޗަށް ނިކުތްއިރު ފޯވާރޑުން އަދި ކީޕަރުންގެ މައްސަލަވަނީ ކުރިމަތިވެފައެވެ. އެގޮތުން 21 އަހަރުގެ ސޮނޯގޯއަށް އަރސެނަލްގެ ފޯވާރޑް ލައިނުގެ ޒިންމާ ހަވާލުކުރިއިރު މެޗުގައި ގޯލް ބަލަހައްޓާފައިވަނީ 3 ވަނަ ކީޕަރ މާޓިނޭޒްއެވެ.
މެޗު ފެށިގެން މާގިނައިރެއްނުވެ ޒުވާން ފޯވާރޑް ސޮނޯގޯގެ ގޯލުން އަރސެނަލް ލީޑުނެގިއެވެ. އަދި މެޗުގެ ފުރަތަމަ ހާފް މިނަތީޖާއާއެކު ނިންމާލިއިރު މޮޅަށްކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ އަރސެނަލްއިންނެވެ.
މެޗުގެ ދެވަނަ ހާފް ފެށިގެން 57 ވަނަ މިނެޓުގައި އެލެކްސިސް ސަންޗޭސްގެ ރީތި ގޯލާއެކު އަރސެނަލް މެޗުގެ ނަތީޖާ ފުޅާކުރިއެވެ. މި ގޯލައަކީ ސަންޗޭޒް ޗެމްޕިއަންސްލީގުގައި ކާމިޔާބުކުރި 3 ވަނަ ގޯލައެވެ. އަރސެނަލްއިން މޮޅަށް ކުޅެ މެޗު ނިންމާލިއިރު ޑޯރޓުމަށްޑަށް މެޗުގައި އެދެވޭ ހަމަލާތަކެއް އަރސެނަލްގެ ގޯލަށް އަމާޒުކުރެވިފައެއް ނުވެއެވެ.
މި ގުރޫޕްގެ ރޭ ކުޅުނު އަނެތް މެޗުގައި އަންޑަރލެޗް ގަލަޓަސަރާއީ ބަލިކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މިނަތީޖާއާއެކު ޑޯރޓުމަންޑް ގުރޫޕް 1 ވަނައިގައި 12 ޕޮއިންޓާއެކު އޮތްއިރު އަރސެނަލް އޮތީ 2 ވަނައިގައި 10 ޕޮއިންޓާއެކުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް