އިރާން- އެމެރިކާގެ ހަނގުރާމަ އަލުން ފެށިދާނެކަމުގެ ނުރައްކާ އަދިވެސް އެބައޮތް: އީޔޫ

27 Oct 2026 | 10:56
ކާޔާ ކައްލާސް --

ކާޔާ ކައްލާސް --

އެމެރިކާއާއި އީރާނާ ދެމެދު ހަމަނުޖެހުން އަލުން ބޮޑުވެދާނެ ކަމުގެ ނުރައްކާ ސީރިއަސް މިންވަރަކަށް އެބައޮތް ކަމަށް ވިދާޅުވެ، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް ވެރިޔާ ކާޔާ ކައްލާސް އިންޒާރު ދެއްވައިފިއެވެ.

ފްރާންސްގެ ޕެރިހުގައި ބޭއްވި ޔޫރަޕިއަން ގްރޫޕް އޮފް ފައިވްގެ ދިފާޢީ މިނިސްޓަރުންގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކައްލާސް ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ކުރިމަތިލުން އިތުރުވެއްޖެ ނަމަ ފައިދާ ކުރާނެ ފަރާތެއް ނޯންނާނެ ކަމަށެވެ.

"އެމެރިކާއާއި އީރާނާ ދެމެދު ހަމަނުޖެހުން އަލުން ބޮޑުވުމުގެ ސީރިއަސް ނުރައްކާ އެބައޮތް، އަލުން ހާލަތު ގޯސް ވެއްޖެ ނަމަ ހަމައެކަނި ތިބޭނީ ބަލިވާ ފަރާތްތައް" ކަމަށް ކައްލާސް ވިދާޅުވިއެވެ.

މެދު އިރުމައްޗާއި ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަމާ ގުޅޭ ގޮތުންވެސް ކައްލާސް ވާހަކަ ދެއްކެވިއެވެ. ރެޑް ސީ މެދުވެރިކޮށް މުދަލާއި ތެޔޮ ދަތުރުކުރުމަށް މަގު ހުޅުވައިދިނުމުގައި އީޔޫގެ ކަނޑުގެ އޮޕަރޭޝަން އެސްޕައިޑީޒް މުހިންމު ދައުރެއް އަދާކުރާ ކަމަށް ވިދާޅުވެ، އެ އޮޕަރޭޝަނަށް ފްރާންސާއި އިޓަލީއާއި ގްރީސް ދޭ އެހީތެރިކަމަށް ޝުކުރު ދެންނެވިއެވެ. ބައިނަލްއަޤުވާމީ ކަނޑުގެ މަގުތަކުން ޓޯލް ނެގުމާ ދެކޮޅު އީޔޫގެ ވަޢުދުގައި 60 އަށް ވުރެ ގިނަ ޤައުމު ބައިވެރިވެފައިވާ ކަމަށްވެސް ކައްލާސް ވިދާޅުވިއެވެ.

ލުބުނާނާ ގުޅޭ ގޮތުން ވިދާޅުވީ އެ ޤައުމުގެ ސަލާމަތީ ބާރުތަކާއި ދާޚިލީ ރައްކާތެރިކަމުގެ ބާރުތައް ތަމްރީނުކޮށް ލަފާ ދިނުމަށް އީޔޫން އައު މިޝަނެއް ޤާއިމުކުރަމުން ގެންދާ ކަމަށެވެ. "ލުބުނާނުގެ ސަރަހައްދީ ކޮންޓްރޯލާއި ބޯޑަރު ސެކިއުރިޓީއާއި ދާޚިލީ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އެހީވާނަން، ޔޫރަޕުން ލުބުނާނުގެ މުސްތަޤުބަލަށް އިންވެސްޓް ކުރަނީ" ކަމަށް ކައްލާސް ވިދާޅުވިއެވެ.

ޔޫކްރެއިނާ ބެހޭ ގޮތުން ކައްލާސް ވިދާޅުވީ ޑިޕްލޮމެޓިކް މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް ރަޝިޔާއިން ހަމަލާ ދިނުން ހުއްޓައިނުލާ ކަމަށެވެ. "އަވަސް ސުލްޙައެއް ލިބޭނެ ކަމުގެ އުންމީދު ކުޑަ، ޔޫކްރެއިނަށް ކުރިމަތިވާނީ އެހެން އަނިޔާވެރި ހަނގުރާމައިގެ ފިނި މޫސުމެއް" ކަމަށް ވިދާޅުވެ، ރަޝިޔާއާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅު ތައްޔާރުކުރަމުން ގެންދާ ކަމަށާއި ރަޝިޔާގެ ޝެޑޯ ފްލީޓަށް ފިއްތުން ބޮޑު ކުރަން ޖެހޭ ކަމަށް ބާރުއެޅުއްވިއެވެ.

މި ވާހަކަތައް ކައްލާސް ދެއްކެވީ ޔޫރަޕުގެ ދިފާޢީ ތައްޔާރީތަކާ ގުޅޭ ފުޅާ މަޝްވަރާތަކުގެ ތެރެއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް