އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން -- ދުވަސް ފޮޓޯ: ލީވާން އަލީ ނަސީރު
ރަސްމާލޭގެ ބޮޑު މަޝްރޫޢު އީގަލް ހިލްސްއާ ހަވާލުކުރި މައްސަލައިގައި ޕާޓީން ޢަމަލުކުރާނެ ގޮތެއް ނިންމުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
މި ބައްދަލުވުން ބާއްވަން ނިންމާފައިވަނީ އަންނަ އާދިއްތަ ރޭއެވެ. އެ ޕާޓީން ބުނީ މި ބައްދަލުވުމަކީ ގައުމީ ގައުމީ މަޖިލީހުގެ 60 މެމްބަރުންގެ އެދުމަށް ބާއްވާ ބައްދަލުވުމެކެވެ.
އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އީގަލް ހިލްސްއާ އެމްޑީޕީން ދެކޮޅުހެދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. މި މަޝްރޫޢާ ގުޅޭ ގޮތުން ޕާޓީން ކުރިން ނެރުނު ބަޔާނަށް ތަބާވެގެން ކުރިއަށް ދިއުމަށް ނަޝީދު އެދިވަޑައިގަތުމާއެކު، އެ ނިންމުމާއި ޚިލާފަށް ޢަމަލުނުކުރުމަށް މަޖިލިސް މެންބަރުންނަށް އިންޒާރު ވެސް ދެއްވިއެވެ.
ނަޝީދުގެ މެސެޖަށްފަހު، ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެ މެމްބަރުން ދެކެނީ މި މަޝްރޫޢަށް ހިމޭންކަމާއެކު އެމްޑީޕީ ތިބެގެން ނުވާނެ ކަމަށާއި، އެއާ ދެކޮޅަށް ޕާޓީން މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.
އެ ޕާޓީގެ މެމްބަރުންގެ ފާޑުކިޔުމުގެ ތެރޭގައި ވެސް، ނަޝީދު މި މަޝްރޫޢާ ދެކޮޅަށް މަސައްކަތެއް ނުކުރައްވައެވެ. ރާއްޖޭގައި މި މަޝްރޫޢު ހިންގުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، މައްސަލައަކީ އެ މަޝްރޫޢު މާލެ ސަރަޙައްދުގައި ކުރިއަށްގެންދިއުން ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައިވެއެވެ.
ނަޝީދު އެ މަޝްރޫއުއަށް ތާއީދު ކުރައްވާއިރު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މަޝްރޫޢާ މެދު ސުވާލު އުފައްދަވައި، އެމްޑީޕީގެ ސަރުކާރެއްގައި މިފަދަ މަޝްރޫޢަކަށް ފުރުޞަތު ނުދެވޭނެ ކަމަށް ވިދާޅުވެފައެވެ. ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ފައްޓަވާފައިވާ ހަރަކާތުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ބައިވެރިވެއެވެ. ނަމަވެސް، އެ ހަރަކާތުގައި ޕާޓީން ރަސްމީކޮށް އަދި ބައިވެރިވެފައެއް ނުވެއެވެ.
ކުރިން ނެރުނު ބަޔާނުގައި އެމްޑީޕީން ބުނެފައިވަނީ ބޭރުގެ އިންވެސްޓަރުންނަށް މަރުޙަބާ ކިޔާ ކަމަށާއި، ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތްތަކަށް ގެންދިއުމަށް ޕްރައިވެޓް ސެކްޓަރު ފުޅާކޮށް، މިނިވަން ވިޔަފާރީގެ ފުރުޞަތުތައް ހަރުދަނާ އުޞޫލުތަކުން ހުޅުވާލުމަށް ކުރާ ކޮންމެ ކަމަކަށް ތަރުޙީބުދޭ ކަމަށެވެ. އެހެންނަމަވެސް، އީގަލް ހިލްސްގެ މުޢާމަލާތާ ބެހޭ ގޮތުން އެ ކުންފުނިން ރަސްމީކޮށް ހާމަކުރި މަޢުލޫމާތާއި، ސަރުކާރުން ހާމަކުރި މަޢުލޫމާތުގައި ދިމާނުވާ އެތައް ކަމެއް ހުރި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް