ރާއްޖެއިން ބަންގްލަދޭޝަށް ދިޔަ ދެ މީހެއްގެ ފުރަގަސްފަރާތުގައި ފޮރުވާފައި ހުރި ރަންތަކެއް ހޯދައިފި

27 Oct 2026 | 06:47
ފުރަގަސްފަރާޓުގައި ފޮރުވައިގެން ގެންދިޔަ ރަންތައް --

ފުރަގަސްފަރާޓުގައި ފޮރުވައިގެން ގެންދިޔަ ރަންތައް --

ރާއްޖެއިން ބަންގްލަދޭޝަށް ދިޔަ ދެ ފަސިންޖަރެއްގެ ފުރަގަސްފަރާތުގައި ފޮރުވައިގެން ގެންދިޔަ ރަންތަކެއް ހޯދައިފި އެވެ.

ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެތަކެތި ފުރަގަސްފަރާތުގައި ފޮރުވާފައި ހުރީ ރަނުގެ ޕޭސްޓުން ހަދާފައިވާ ބިސްބުރި ހަތަރެސްކަނަށް ހަދާފައިވާ އެއްޗެއްގެ ތެރޭގައި އެވެ. އޭގެ ހަ އެތި ފެނުނު އިރު އެތަކެތީގެ ބަރުދަނުގައި 2.7 ކިލޯ ހުރިކަމަށްވެ އެވެ.

ބަންގްލަދޭޝް ޑާކާގެ ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއަރޕޯޓުގައި ބަންގްލަދޭޝްގެ ކަސްޓަމްސް އިންޓެލިޖެންސް އެންޑް އިންވެސްޓިގޭޝަން ޑައިރެކްޓަރޭޓް (ސީއައިއައިޑީ) އިން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު ސުލައިމާނާއި ޖުބައިދު އަހުމަދު ކިޔާ މީހެކެވެ. އެ ދެމީހުން ބަންގްލަދޭޝްއަށް ދިޔައީ މިމަހުގެ 18 ވަނަ ދުވަހު ޔޫއެސް-ބަންގްލާ އެއާލައިންސްގެ ފްލައިޓެއްގައި އެވެ.

އެގައުމުގެ ކަސްޓަމްސްއާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުގައި ކޮންމެ މީހެއްގެ ފުރަގަސްފަރާތުން ތިން ބިސްގޮތަށް ހަދާފައިވާ އެތި ނަގާފައިވެ އެވެ.

ކަސްޓަމްސްއިން ބުނީ އެތަކެތީގެ އަގު ގާތްގަނޑަކަށް 4 ކްރޯޑް ޓާކާ އަށް އަރާ ކަމަށެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ފަސް މިލިއަން ރުފިޔާ އެވެ. ނަމަވެސް، މީގެ ތެރޭގައިވާ ސާފު ރަނުގެ މިންވަރާއި ޖެހޭ އަގު އަދި ކަނޑައެޅިފައި ނުވާ ކަމަށް އެ އިދާރާއިން ބުނެއެވެ. ހެކި ރައްކާތެރިކޮށް ބެހެއްޓުމަށްޓަކައި ހިފެހެއްޓި ތަކެތި ހަލާކު ނުކޮށް ބަހައްޓައި، ޓެސްޓުތައް ހެދުމަށްފަހު ރަނުގެ މިންވަރާއި ބާޒާރު އަގު ކަށަވަރުކުރާނެ ކަމަށް ބުނެފައިވެއެވެ.

ކަސްޓަމްސް އިން ބުނީ ރަން ސްމަގުލް ކުރުން ހުއްޓުވުމުގެ ގޮތުން ވަރަށް ގާތުން މޮނިޓާކޮށް، އެކަމުގެ ރިސްކް އޮތް ފަސިންޖަރުން ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ. 

ރާއްޖެއިން ބަންގްލަދޭޝް އަށް ދިޔަ ދެ މީހެއްގެ އަތުން ގިނަ އަދަދެއްގެ ރަން އަތުލައިގަތްއިރު އެ ދުވަހުގެ ހެނދުނު ވަނީ އަބޫދާބީ އިން ޝާހް އަމާނަތު އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ބަންގްލަދޭޝް މީހެއްގެ އަތުން ވެސް ރަނުގެ ބާތަކެއް އަތުލައިގެންފަ އެވެ. އެ އެއްޗެހި ހުރީ ކައްކަން ގެންގުޅޭ ތަވައަކާއި ތަރުކާރީ ގާނަން ބޭނުންކުރާ އެއްޗެއްގައި ފޮރުވައިފަ އެވެ. 

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް