ލޮލުގެ ފެނުން ގެއްލެން ފެށުމުގެ ކުރިން ފާހަގަ ކުރެވޭނެ ބައެއް ނިޝާންތައް!

27 Oct 2026 | 06:01
ލޮލުގެ ފެނުން ގެއްލެން ފެށުމުގެ ކުރިން ގިނަ ކަންކަން ފާހަގަ ކުރެވޭނެ ކަމަށް ތަޖުރިބާކާރުން ބުނޭ --

ލޮލުގެ ފެނުން ގެއްލެން ފެށުމުގެ ކުރިން ގިނަ ކަންކަން ފާހަގަ ކުރެވޭނެ ކަމަށް ތަޖުރިބާކާރުން ބުނޭ --

ކޮންމެ މީހަކަށްވެސް ލޯނ އަނދިރިވެއްޖެކަން އިނގެނީ އެއްކޮށް ލޮލުގެ ފެނުން ގޮސް ދުނިޔޭގައި ވާ ކަންކަން ނުފެންނަން ފެށުމުންނެވެ.

އެކަމަކު ހަގީގަތުގައި ލޮލުގެ ފެނުމަށް ބަދަލު އަންނަނީ ވަރަށް މަޑުމަޑުން، ފާހަގަ ނުކުރެވޭ ވަރަށް ލުއިކޮށެވެ. މި ބަދަލުތައް ގިނަ ފަހަރަށް ފެންނަނީ އައިނު ބަދަލުކުރަން ޖެހިއްޖެ ކަމުގެ ނިޝާނެއް ކަހަލައިންނެވެ. އެހެންވެ ގިނަ މީހުން އެކަމަށް ސަމާލުކަމެއް ނުދެއެވެ. މައްސަލައަކީ ވެސް ހަމަ އެއީއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހަކީ ލޯ ކަނުވުމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ މަހެވެ. މި މަހުގެ މަޤްޞަދަކީ ލޮލުގެ ފެނުން ގެއްލޭ އެކި ސަބަބުތަކާއި، ވަގުތުން ލޯ ޗެކްކުރުމުގެ މުހިންމުކަމާ މެދު މީހުން ހޭލުންތެރިކުރުމެވެ.

ލޮލުގެ ފެނުން ގެއްލުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އިންޑިއާގެ މަޝްހޫރު އޭއެސްޖީ ހޮސްޕިޓަލް ލިމިޓެޑްގެ ގްރޫޕް ޗީފް އޮޕަރޭޓިންގ އޮފިސަރ، ޑރ. ވިކާސް ޖައިން ވިދާޅުވި ގޮތުގައި ފެނުން ގެއްލުމަކީ ކޮންމެ މީހަކަށް އެއްގޮތަކަށް ހިނގާ ކަމެއް ނޫނެވެ. އެގޮތުން ބައެއް މީހުންނަށް ލޮލުގެ ފެނުން ގެއްލުމުގެ ކުރިން ފުރަތަމަ ފުސް ވަނީ ކައިރި ފެނުން ކަމަށާއި އަނެއް ބަޔަކަށް ފުސްކޮށް ފެންނަން ފަށާނީ ދުރު ކަމަށް ވިދާޅުވި އެވެ.

ފެނުމަށް އަންނަ ބަދަލު ބިނާވާގޮތަށް ބަލާއިރު ގްލޯކޯމާގައި ކައިރީގެ ފެނުން މަޑުމަޑުން މަޑުވިޔަސް އެއީ މައްސަލައެއްގެ ގޮތުގައި ގިނަ މީހުންނަށް ފާހަގަ ނުވެ އެވެ. އެ ހާލަތުގައި ހިނގަމުން ދަނިކޮށް ދޮރުގެ ކަނީގައި ޖެހުން ފަދަ ކަންކަން ހިނގުމުން ހީވަނީ އެއީ ނުބަލާލާ ހިނގުނީމަ ވީކަމެއް ކަމަށް ސޮކުނޑި ވިސްނައިދެ އެވެ.

ހަކުރުބައްޔާ ގުޅިގެން ލޮލަށް ޖެހޭ ބަލީތަކުގައި ރެޓިނާގެ ލޭހުޅުތަކަށް އަސަރުކުރި ނަމަވެސް އަހަރުތަކެއް ވަންދެން ފެނުން ހަމަ ރަނގަޅަށް ހުރެދާނެއެވެ. ސާފުކޮށް ފެނުމުގެ ޒިންމާ އަދާކުރާ ރެޓިނާގެ ބައި، މެކިއުލާއަށް އަސަރުކުރާ ބަލިތަކުގައި ފެނުން އެނބުރޭގޮތް ވެއެވެ. އޭގެ އަސަރުތަކުގެ ތެރޭގައި ހިމެނީ ސީދާ ރޮނގުތައް ރާޅުތަކެއް ފަދައިން ކަތިވުމާއި، ކުއްލިއަކަށް ބަލާލާއިރު އެތަނެއް އަނދިރި ނުވަތަ ހުސްތަނެއްގެ ގޮތުގައި ފެނުމެވެ.

ކުއްލިއަކަށް ވިދާ އަލި ފެނުމާއި، ލޮލުގެ ކުރިމަތީގައި އާ ކުދިކުދި ހިޔަނި ގިނައިން ފެނުމާއި، ފަރުދާއެއް ފަދަ ހިޔަންޏެއް ފެނުމުގެ މައްޗަށް އަރަމުން ދިޔުމަކީ ޑރ. ޖައިން ފާހަގަ ކުރެއްވި ގޮތުގައި ރެޓިނާ ފަޅައިގެން ދިޔުމުގެ ނުވަތަ ވަކިވެގެން ދިޔުމުގެ ނިޝާންތައް ކަމަށް ބުނެފައިވެ އެވެ. މި ބަލިތަކުގެ ސަބަބުން ގެއްލޭ ފެނުން އަނބުރާ ހޯދުމަކީ އުނދަގޫ ކަމެކެވެ. އެހެންވެ އެންމެ މުހިންމަކީ ބަދަލުތައް ފާހަގަކޮށް، ތިބާގެ ފެނުން ރައްކާތެރިކުރުމަށް ފަރުވާ ހޯދުމެވެ.

ލޮލުގެ ހާލަތު ބެލުމަށް ގޭގައި ކުރެވިދާނެ ކުދިކުދި ކަންކަން ހުރެ އެވެ. އޭގެ ތެރޭގައި އެއް ލޮލުގައި އަތް އަޅައިގެން ދޮރުފަތަކަށް ނުވަތަ ލިޔެފައިވާ ލިޔުމަކަށް ބަލާލައި އެއްވެސް ތަނެއް ހުންނަންވާ ގޮތަށް ނޫންގޮތަށް ހުރިތޯ ބަލާލާށެވެ. ނޫނީ އޭގެ ހުންނަން ޖެހޭތަނެއް ގެއްލިފައި ހުރޭތޯ ބަލާށެވެ.

ކުޑަކުޑަ ބަދަލުތައް އާދައިގެ ކަމަކަށް ނުހަދައި ފާހަގަކުރުމަކީ އާދައަކަށް ހަދާށެވެ. އަދި ފެނުމަށް އަންނަ ކޮންމެ ކުއްލި ބަދަލެއް އިސްކަންދީގެން ފަރުވާ ކުރާށެވެ. ލޮލުގެ ފެނުމަށް އަންނަ ކުޑަކުޑަ ބަދަލުތައް ވެސް ބޭފަރުވާ ނުކޮށް ޑޮކްޓަރަކަށް ދައްކައިގެން ވަގުތުން ފަރުވާ ހޯދުމަކީ ތިބާގެ ފެނުން ސަލާމަތްކުރުމަށް ކުރެވޭނެ އެންމެ ބޮޑު މަސައްކަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް