މަރިޔަމް ދީނާ --
ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ އެއް އަހަރާއި ހަތް މަހާއި 11 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލީ ފެނަކައިގެ ޕްރޮކިއުމަންޓް މަސައްކަތެއްގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދައުވާ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ މިދިޔަ ހަފްތާގައިވެސް ހުކުމް ކުރަން މަސައްކަތް ކުރި ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތުމުން ހުކުމް ކުރުން ފަސްކުރީ އެވެ.
މި މައްސަލައާ ގުޅިފައިވަނީ 2018 ވަނަ އަހަރު ފެނަކައާއި ބްލޭޒަން އިންކް އާ ދެމެދު ހެދި 848,000 ރުފިޔާގެ އެއްބަސްވުމަކާއި އެވެ. އެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތް ފުރިހަމަކުރިކަން ޔަޤީންނުކޮށް ބްލޭޒަން އިންކަށް ފެނަކައިން ފައިސާ ދޫކޮށްފައިވަނީ ދީނާގެ ބެލުމުގެ ދަށުންނެވެ.
ދީނާގެ ވަކީލުން ކޯޓުގައި އެދުނީ ސިއްޙީ އަދި ޢާއިލީ ހާލަތަށް ބެލުމަށްފަހު ޖަލު އަދަބު ގޭބަންދާއި ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުޙައްމަދު ވިދާޅުވީ "ދީނާއަކީ ޖަލު ބަންދުގައި ނުބެހެއްޓޭނެ ފަދަ ސިއްހީ ހާލަތެއް ހުރި މީހެއްކަން އެނގޭނެ ޑޮކްޓަރުގެ ލިޔުމެއް ހުށަހަޅާފައި ނުވާ" ކަމަށެވެ. ދީނާ ކޮށްފައިވަނީ ޖިނާއީ ބޮޑު ކުށެއް ކަމަށް ކަނޑައަޅައި ގާޒީ ވަނީ ޖަލު ހުކުމް އިއްވަވައިފައެވެ.
ހަމަ މި ޕްރޮކިއުމަންޓް މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަޙުމަދު ސަޢީދު މުޙައްމަދުގެ މައްޗަށް ވެސް ދައުވާ އުފުލައި، 28 ސެޕްޓެމްބަރު 2025 ގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. ދެ ފަރާތުގެ މައްޗަށް ދައުވާ އުފުލީ 2024 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. ސަޢީދުގެ ހުކުމަށްފަހު އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވިފަހުން ދީނާގެ މައްސަލައިގައި ހުކުމް އައީ ކޯޓުގައި އެ މައްސަލަ ދިގުލައިގެން ދިއުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް