އައުޓް ޑޯ ފޮޓޯ ނެގުމަކީ ސްޓޫޑިއޯތަކުގައި ފޮޓޯ ނެގުމަށް ވުރެ މިހާރު ރާއްޖޭގައި މަޝްހޫރު ކަމެކެވެ. އެކުވެރިންނާއި ލޯބިވެރިންނާއި ދެމަފިރިންނާއި އާއިލާތަކުން އަހަރަކު އެއް ފަހަރު ނުވަތަ ދެ މަހުން އެއް މަހު އައުޓް ޑޯ ފޮޓޯ ނެގުމަކީ މިހާރު އާންމު ކަމެކެވެ.
އެގޮތަށް ފޮޓޯ ނަގައިދޭ ވަކި ފޮޓޯ ގްރާފަރުންވެސް މިހާރު ވަރަށް ގިނަ އެވެ. އޭގެ ތެރޭގައި ޔޫޝައު އިބްރާހިމް އަކީވެސް ފާހަގަ ކޮށްލެވޭ ފޮޓޯ ގްރާފަރެކެވެ. ޔޫޝައު ގްރަފީގެ ނަމުގައި އޭނާވެސް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އައުޓްޑޯ ފޮޓޯ ނަގައިދެ އެވެ.
މީގެ ދެ އަހަރު ކުރިން ވަކި މަގުސަދެއްގައި ޔޫޝައު ކުރަން ފެށި މި މަަސައްކަތް ތަފާތު ކޮށްލުމަށް އޭނާ ވަނީ ނިންމާފަ އެވެ. ޔޫޝައުއަށް ފޮޓޯ ނަގައިގެން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ހަދިޔާ ކުރަމުންދަނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް އެހީއަށް ބޭނުންވެފައިވާ މީހުންނަށެވެ.
ދުވަހަށް މައުލޫމާތު ދެމުން ޔޫޝައު ބުނީ ފޮޓޯ ދެން ނަގާނީ ކުޑަކުދިންގެ އެކަނިކަމަށެވެ. އެގޮތަށް ނިންމީ އެފަދަ ހެޔޮ ކަމަކަށް ފޮޓޯ ނަގައިގެން ލިބޭ ފައިސާ ހޭދަ ކުރާއިރު ޒުވާން އަންހެނުންނާއި ލޯބިވެރިން ގައިގޯޅިވެގެން ފޮޓޯ ނަގައިދޭން ބޭނުން ނުވާތީ ކަމަށެވެ.
"އެކަހެރިކޮށް ގޮސް އަންހެން ކުދިންގެ ފޮޓޯ ނުވަތަ ލޯބިވެރިންގެ ފޮޓޯ ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ މިގޮތަށް މި ނިންމީ. ކުޑަކުދިންގެ އައުޓް ޑޯ އާއި އިންޑޯ ފޮޓޯވެސް ނަގައިދޭނަން،" ޔޫޝައު ބުންޏެވެ.
ޔޫޝައު ބުނީ އެހީއަށް ބޭނުންވެފައިވާ މީހުންގެ އިތުރުން އަމިއްލަ ފަރާތްތަކުން ބާއްވާ ޤުރުއާން މުބާރާތްތަކަށާއި މަދަހަ މުބާރާތްތަކަށްވެސް ފޮޓޯ ނަގައިގެން ލިބޭ އާމްދަނީއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ޔޫޝައު ގްރަފީން ކުޑަކުދިންގެ ފޮޓޯ ނެގުމަށް ބޭނުންވާ ފަރާތްތަކުން ފޭސްބުކް ޕޭޖަށް މެސެޖު ކުރުމުން ޕެކޭޖުތަކުގެ އަގުތަކާ ހިދުމަތުގެ މައުލޫމާތު ލިބޭނެ ކަމަށް އޭނާ ބުންޏެވެ.
މިހާތަނަށް ސިކުނޑީގައި ޓީއުމަރެއް އުފެދިފައިވާ ކުޑަ ކުއްޖެއްގެ އިތުރުން ދެ ކިޑްނީ ފެއިލްވެފައިވާ ފިރިހެނަކާއި އަންހެނަކަށް ވަނީ އޭނާގެ ފަރާތުން ފައިސާގެ އެހީ ފޯރުކޮށްދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް