27 އޮކްޓޯބަރަކީ ވެރިކަން ކުރާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އުފެއްދި ތާރީހު ކަމުގައިވާއިރު ޕާޓީއަށް ވީ ކިތައް އަހަރުކަމާއިމެދު ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ޖެއްސެވި ހިސާބު އެހެން މެމްބަރުންނާއި ތަފާތުވެއްޖެއެވެ.
އެގޮތުން އަދުރޭ ވިދާޅުވަނީ ޕާޓީއަށް ވީ އަށް އަހަރު ކަމަށެވެ. ޕީޕީއެމް އެނިވާސަރީ ޓްވީޓްގައި އަދުރޭ ވިދާޅުވެފައިވަނީ ޕީޕީއެމްގެ އަށްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމްގެ ރައީސް، ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޕާޓީގެ ލޮބުވެތި މެމްބަރުންނަށް ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާކަމަށެވެ.
https://twitter.com/Banafsaa/status/1056009304489156609
އަށް އަހަރު ކަމުގައި އަދުރޭގެ ޓްވީޓްގައި ވިދާޅުވެފައިވީނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ބަޔާންކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެ ޕާޓީ ފައްދާފައިވަނީ 27 އޮކްޓޯބަރު 2011 ގައެވެ. އެހެންކަމުން މިއަދަށް ވާނީ ޕާޓީ އުފެއްދިތާ ހަތް އަހަރެވެ. ޕީޕީއެމްގެ އެހެން މެމްބަރުންގެ ތަހުނިޔާ ޓްވީޓްތަކުގައިވެސް ބުނެފައިވަނީ ހަތް އަހަރު ކަމަށެވެ.
https://twitter.com/Banafsaa/status/1056041814115856384
ނަމަވެސް ވީ އަށް އަހަރު ކަން ސާބިތުކޮށްދިނުމަށްޓަކައި އަދުރޭ އިތުރު ޓްވީޓެއް ކުރައްވާފައިވެއެވެ. އެ ޓްވީޓްގައި ވަނީ ތާރީހުތަކެވެ. ބެލެވޭގޮތުގައި އެ ޓްވީޓަކީ ޕާޓީއަށް އަށް އަހަރުވެއްޖެކަން ސާބިތުކޮށްދިނުމަށް ކުރައްވާފައިވާ ޓްވީޓެކެވެ. އެ ޓްވީޓްގައިވާ ތާރީހުތަކަކީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 އިން ކޮންމެ އަހަރެއްގެ އޮކްޓޯބަރު 27 އެވެ. އެ ލިސްޓްގައި ޕާޓީ އުފެއްދި ތާރީހަށް އެއް އަހަރު ކަމުގައި ބަލާފައިވަނީ އެވަނީ ކިހިނެއްކަން ސާފެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް