ފަލަސްތީނުގެ ޣައްޒާގެ ބޯޑަރު ސަރަހައްދުގައި އެގައުމުގެ ރައްޔިތުން އިއްޔެ ކުރި މުޒާހަރާތަކަށް އިޒްރޭލު ސިފައިން ބަޑި ޖަހާ ހަތަރު މުސްލިމަކު ޝަހީދުކޮށްލާފައިވާކަމަށް އެގައުމުގެ މެޑިކަލް އޮފިޝަލުން ބުނެފިއެވެ.
އެ އޮފިޝަލުން ބުނެފައިވާގޮތުގައި ހަތަރު މުސްލިމަކު ޝަހީދުކޮށްލާފައިވާއިރު 232 މީހަކު ޒަހަމްވެފައިވެއެވެ. އަދި އޭގެ ތެރެއިން 180 މީހުން ޒަހަމްވެފައިވަނީ ބަޑީގެ ހަމަލާތަކުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ.
އިއްޔެގެ މުޒާހަރާގައި ޔަހޫދީންނާއި ދެކޮޅަށް 16 ހާހަށްވުރެ ގިނަ މުސްލިމުން ނިކުތް ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ޔަހޫދީ ސިފައިންނާއި ދިމާއަށް ހިލައާއި އަލިފާން ބޯޅަ އުކާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް އިޒްރޭލު ސިފައިން ހަތިޔާރު ބޭނުންކޮށްފައިވާކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މާރިޗް މަހުން ފެށިގެން މިހާތަނަށް ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި 212 މުސްލިމަކު ވަނީ ޝަހީދުވެފައެވެ. އިޒްރޭލު އެކަކުވެސް މި މުއްދަތުގައި ހަމަނުޖެހުމެއްގައި މަރުވެފައެއްނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް