އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މޯދީ ބައިވެރިވެވަޑައިގަތުމާއިމެދު އުފެދޭ ސުވާލު !

ރާއްޖޭގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަތުމާއިމެދު ސުވާލު އުފެދިފައިވާކަމަށް އިންޑިއާގެ ބައެއް ނޫސ...

27 Oct 2018 | 03:03

ރާއްޖޭގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަތުމާއިމެދު ސުވާލު އުފެދިފައިވާކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

އެގޮތުން އިންޑިއާގެ ދަ ވަޔަރ ގައި ސަރުކާރުގެ އިސް ބައެއް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި އެ ރަސްމިއްޔާތުގައި ބޮޑުވަޒީރު ބައިވެރިވެވަޑައިގަތުމާއިމެދު އަދި ރަސްމީ ގޮތެއް ނުނިންމަވައެވެ. އަދި އެ ނިންމުން ބިނާވެގެންދާނެ ބައެއް ކަންކަން ހާމަކޮށްފައިވެއެވެ.

އެގޮތުން އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ދެއްވާ ލިސްޓްގައި ގައުމުތަކުގެ ވެރިން މާ ގިނަ ނަމަ މޯދީ ބައިވެރިވެވަޑައިގަތުން ދުރުކަމަށާއި އަދި އެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ބައިވެރިވެވަޑައިގަންނަކަމުގައިވާނަމަވެސް މޯދީ ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ކުޑަކަމުގައި ރިޕޯޓް ކޮށްފައިވެއެވެ.

އެހެންނަމަވެސް ސާކްގެ ހުރިހާ ގައުމެއްގެ ވެރިންނަށް ދައުވަތު އަރުވާނަމަ އެ ރަސްމިއްޔާތުގައި މޯދީ ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ބޮޑުކަމުގައި ބުނެފައިވެއެވެ.

އިބޫ އިންތިހާބު ވުމާއެކު އިބޫއަށް މަރުހަބާ ކީ ފުރަތަމަ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިބޫއަށް ގުޅުއްވައި މަރުހަބާ ދެންނެވިއެވެ. އަދި އިންޑިއާއަށް ވަޑައިގަތުމަށް އިބޫއަށް ދައުވަތުވެސް އެރުވިއެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް މޯދީއަށް އިބޫ ހަމަ އެ ކޯލުގައި ދައުވަތު އެރުވިކަމަށްވެއެވެ. ނަމަވެސް އަދި ރަސްމީ ދައުވަތު ކާޑު ލިބިފައިނުވާކަމަށް އިންޑިއާއިން ބުނެފައިވެއެވެ. އެއީ ހުވާ ކުރާ ތާރީހު ކަށަވަރު ނުވާތީ ކަމުގައި ބެލެވޭކަމަށްވެސް ބުނެފައިވެއެވެ.

ކޮންމެއަކަސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމަށް ހަތަރު އަހަރާއި ބައި ވެފައިވާއިރު ރާއްޖެއަކީ އޭސިއާގެ ގައުމުތަކުގެ ތެރެއިން މޯދީ މިހާތަނަށް ވަޑައިނުގަންނަވާ ހަމައެކަނި ގައުމެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެކަމުގެ ސަބަބަކަށް ވެފައި އޮތީ ރައީސް ޔާމީން ޗައިނާއާއެކު ގެންގުޅުއްވި ބަދަހި ގުޅުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް