ފުޅިއަޅައިގެން ފީނަން އުޅުމުގެ ތެރޭގައި ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ މީހެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުން މިރޭ ހޯދައިފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ސ. ހިތަދޫ ފެހިވިނަ އިބްރާހީމް ޝަކީބްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ އަށް ރިޕޯރޓް ލިބިފައިވަނީ މިރޭ 23:14 ހާއިރު ކަމަށެވެ.
"މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑަރަންގެ ޓީމެއް ހާބަރ ޕެޓްރޯލްގައި މިމީހާ ހޯދުމުގެ މަސައްކަތަށް ވަނީ ފުރާފައެވެ. މި މީހާ ހޯދުމަށްޓަކައި ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ހާބަރ ޕެޓްރޯލަށް މި މީހާ ފެނިފައިވަނީ މިރޭ 23:39 ހާއިރުއެވެ. މި މީހާ ފެނިފައިވަނީ ސ. ހުޅުމީދޫ އިރުން 1 މޭލު ބޭރުންނެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ މިހާދިސާ ދިމާވީ، ފުޅިއަޅައިގެން ލަނޑާނެގުމަށްޓަކައި މިމީހާ ފީނުމަށްފަހު މައްޗަށް އެރި ވަގުތު ދޯންޏާއި ދިމާނުވެ އޮޔާ ދިޔުމުގެ ސަބަބުން ކަމަށާއި މި ހާދިސާގައި މި މީހާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް